ބާންލީ ބަލިކޮށް، އާސެނަލް ތާވަލުގެ ދެވަނައަށް

ބާންލީކޮޅަށް ލަނޑު ޖެހުމަށްފަހު ސާކާ އުފާފާޅު ކުރަނީ -- ފޮޓޯ/ ޔޫރޯސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ބަންލީ ބަލިކޮށް ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައިވަނީ ފަސޭހަކަމާ އެކު 5-0 އިންނެވެ.

އާސެނަލުން ރޭގެ މެޗު ފަށާފައިވަނީ ވަރަށް ފޯރީގައެވެ. ހަތަރުވަނަ މިނެޓުގައި ކެޕްޓަން މާޓިން އޮޑެގާޑް ޖެހި ލަނޑާ އެކު އެ ޓީމުން ވަނީ ލީޑު ނަގައިފައެވެ. ދެވަނަ ލަނޑު މެޗުގެ 41 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ބުކާޔޯ ސާކާއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ލަނޑު ޖަހައިދިނީ ވެސް ސާކާއެވެ. އާސެނަލްގެ ހަތަރުވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓްގައި ލިއާންޑްރޯ ޓްރޮސާޑް ޖަހައިދިންއިރު ފަހު ލަނޑު މެޗުގެ 78 ވަނަ މިނެޓްގައި ޖަަހައިދިނީ ކައި ހަވާޓްޒްއެވެ.

މި ނަތީޖާއާ އެކު އާސެނަލް މިހާރު އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 55 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ. އެއީ، އެއްވަނައިގައ އޮތް ލިވަޕޫލަށްވުރެ ދެ ޕޮއިންޓް މަދުން ލިބިގެންނެވެ. މިމެޗުން ބަލިވުމުން ބާންލީ އުޅެނީ 13 ޕޮއިންޓާ އެކު ތާވަލުގެ 19 ވަނައިގައެވެ.

comment ކޮމެންޓް