މިދިޔަ މަހު ލޮލުރޯގާ އިތުރުވެ، ޑެންގީ މަދުވެއްޖެ

އައިޖީއެމްއެޗުން މީހަކު ތުއްތު ކުއްޖަކު ގޮވައިގެން ނުކުންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު ރާއްޖޭގައި ލޮލުރޯގާ ޖެހިގެން ރިޕޯޓު ކުރި މިންވަރު އިތުރުވެ، ޑެންގީ ޖެހިގެން ރިޕޯޓުކުރި މިންވަރު މަދުވެއްޖެ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޑިސެމްބަރު މަހު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 194 މީހުންނެވެ. އަދި މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ، 144 މީހުންނެވެ.

މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު އަރިދަފުސް ރޯގާ ޖެހުނު މިންވަރު ވެސް މިދިޔަ މަހު ވަނީ މަދުވެފައެވެ. އަރިދަފުސް ރޯގާ ޖެހިގެން ޑިސެމްބަރު މަހު 31،225 މީހުން ރިޕޯޓުކޮށްފައި ވާއިރު، މިދިޔަ މަހު ރިޕޯޓު ކޮށްފައި ވަނީ 29،693 މީހުންނެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން ބުނީ، މިދިޔަ މަހު ލޮލުރޯގާގެ ކޭސްތައް އިތުރުވެފައި ވާކަމަށެވެ. އެގޮތުން ލޮލުރޯގާ އިތުރުވެފައި ވަނީ މާލޭ ސަރަހައްދުގެ އިތުރުން ހދ، ރ، ލ އަދި ގދ އަތޮޅުގައި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ވަނީ ތަފާތު ވައްތަރުގެ ބެކްޓީރިއާއާއި ވައިރަސްގެ ސަބަބުން ޖެހޭ ލޮލުރޯގާއިން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅުތަކާ ލޮލުރޯގާގެ އަލާމާތްތައް ހިއްސާކޮށްފައެވެ. އެގޮތުން ލޮލުރޯގާގެ އަލާމާތްތަކުގެ ތެރޭގައި:

  • ހުން އައުން
  • ލޯ ހިރުވުން
  • ލޮލުން ފެން އައުން
  • ލޯ ރަތްވުން
  • ލޮލުގައި މަޑުހެދުން، ހިމެނެއެވެ.

ލޮލުރޯގާއިން ސަލާމަތް ވުމަށް ގިނަގިނައިން އަތް ދޮވެ، އާންމުކޮށް އަތްލާ އެއްޗިއްސާއި ތަންތަން ސާފު ކުރުން ހިމެނެއެވެ. އަދި ލޮލުގައި އަތްލުމާއި ލޯ ހިރުވުމުން ދުރުހެލި ވުމާއި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމާއި ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުންކުރި ބޭސްފުޅި ބޭނުން ނުކުރުން ހިމެނެއެވެ.

މިދިޔަ މަހު ޑެންގީ ޖެހުނު މިންވަރު މަދުވި ނަމަވެސް، މަދިރި އުފެދޭ ތަންތަން ނައްތާލުމަށާއި މަދިރިން ރައްކާތެރި ވުމުގައި ފަރުވާ ކުޑަ ނުކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް