އަނިޔާވީ ޝަމީމްގެ އަތަށް، ފަރުވާއަށް ފަހު ދޫކޮށްލައިފި

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: އޭނާ މިހާރު ވަނީ ފަރުވާއަށް ފަހު ގެއަށް ދޫކޮށްލާފައި -- ފޮޓޯ/ ޝަމީމްގެ ފޭސްބުކް

މިއަދު ހެނދުނު ބަޔަކު ހަމަލާދީ ޒަޚަމުކޮށްލި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ގެއަށް ދޫކޮށްލައިފިއެވެ.

ސައިކަލެއްގައި އައި ދެ މީހަކު މިއަދު ހެނދުނު ވަނީ ޝަމީމަށް ހަމަލާދީ، އަތް ޒަޚަމުކޮށްލައިފައެވެ. ހަމަލާއަށް ފަހު، ސިފައިން މިހާރު ވަނީ އޭނާގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައެވެ.

ޝަމީމް، މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމަލާގެ ސަބަބުން ވާއަތުގައި ރެނދުލާފައިވާ ކަމަށެވެ.

ފަރުވާއަށް ފަހު، އޭނާ މިހާރު ވަނީ ގެއަށް ދޫކޮށްލައިފައެވެ.

އޭނާ ވިދާޅުވީ ކުރިއަށް ވުރެ ވަރުގަދަކޮށް މަސައްކަތަށް އެނބުރި އަންނާނެ ކަމަށެވެ. އަދި، ކުރިއަށް ވުރެ ބާރަށް ދުވެ، ފަތައި ހައްދަވަން އެނބުރި އަންނާނެ ކަމަށް ވެސް ކަސްރަތަށް ލޯބިކުރައްވާ ޝަމީމް ވިދާޅުވިއެވެ.

ޝަމީމަށް ދިން ހަމަލާގެ ސަބަބުން އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާއިރު، ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއް ގޮތުގައި އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

އޭނާއަށް ދިން ހަމަލާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އެ ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ބަޔަކު ދިން ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅާ ގުޅިގެން ތަހުގީގަށް މައުލޫމާތު ހިއްސާކޮށްދޭން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ޞާލިޙް އަރިހުން އެދިވަޑައިގެންފައެވެ.

comment ކޮމެންޓް