ޖަލުގައި ތިބޭ ގައިދީންނަށް ކަސަބު ގަތަން ދަސްކޮށްދޭން އޮފިސަރުން ތަމްރީން ކުރުމުގެ ވޯކްޝޮޕް އިއްޔެ ފަށައިފިއެވެ.
މި ވޯކްޝޮޕަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މާފުށީ ޖަލުގައި މިއަހަރުތެރޭ ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ދިވެހި ޞަގާފީ މަސައްކަތްތައް ދައްކާލުމަށާއި، މި މަސައްކަތްތައް އާލާކޮށް ދިރުވާ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ ޤައިދީންނަށް މަސައްކަތްތައް ދަސްކޮށްދިނުގެ މަޝްރޫއުގެ ތެރެއިން، ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.
ކަސަބު ގެތުން ތަޢާރަފްކޮށްދޭ މި ވޯކްޝޮޕްގައި ބައިވެރިވެފައިވަނީ ކަރެކްޝަންސްގެ ފަސް އަންހެން އޮފިސަރުންނާއި ތިން ފިރިހެން އޮފިސަރުން ކަމަށް އެ ސާވިސްއިން ބުނެފައިވެއެވެ. އަދި މި ވޯކްޝޮޕްއަށްފަހު، އެ އޮފިސަރުން މެދުވެރިކޮށް ޤައިދީންނަށް މި މަސައްކަތް ދަސްކޮށްދިނުމަށް ވަނީ ނިންމައިފައެވެ.
މި ވޯކްޝޮޕްގައި ކަސަބު ބޯވަޅުގެ ތަޢާރަފެއް ދިނުމާއި، ބޯވަޅުގެ ބައިތަކާއި ހިރު ތަކުގެ ނަންތައް ކިޔައި ދިނުމުގެ އިތުރުން، ރޮދި އޮޅާނެ ގޮތާއި ހިމަ ހިރު ގަތާ ގޮތް ކިޔައިދޭނެއެވެ.
ކަރެކްޝަންސްއިން ބުނީ މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ މައިގަނޑު މަގުސަދަކީ ޤައިދީން ޖަލުގައި ހޭދަ ކުރާ ދުވަސްތަކުގައި ފައިދާކުރުވަނިވި ދުވަސްތަކެއްކަމުގައި ހެދުމަށާއި، ކުށްކުރުމުން ދުރުހެލިކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ނިކުމެ އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުން ކަމަށެވެ. އަދި މިކަންކަމަކީ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ތެރެއިން ކުރިއަށް ގެންދެވޭނެ ވޯކްޝޮޕްތަކެއް ކަމަށްވެސް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.
ކަރެކްޝަންސް ސާވިސްއިން ބުނީ މާފުށީ ޖަލުގައި ކަލްޗަރަލް ސެންޓަރުގައި ޤާއިމްކުރުމުގެ ގޮތުން މިފަދަ އެހެން ސަގާފީ މަސައްކަތްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.