ސަމުއްޓޭއާއި ސުޒެއިން ވެސް ވޯޓު ދިނީ ހާލަންޑަށް

ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓޭ) އާއި ކޯޗު އަލީ ސުޒެއިން -- ފޮޓޯ/ އެފްއޭއެމް

ފީފާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑަށް، ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓޭ) އާއި ކޯޗު އަލީ ސުޒެއިން، މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑަށް ވޯޓު ދީފިއެވެ.

މިފަހަރުގެ ފީފާ ދަ ބެސްޓް އެވޯޑު ހޯދާފައިވަނީ މިދިޔަ އަހަރުގެ ބެލޮންޑިއޯ އެވޯޑު ވެސް ހޯދާފައިވާ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ. ހާލަންޑް ދެވަނަ ހޯދި އިރު، ތިންވަނަ ހޯދީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭއެވެ.

ފީފާ ދަ ބެސްޓް އެވޯޑުގައި ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އިރު، އެ ވޯޓުގައި ރާއްޖޭގެ ފަރާތުން ސަމުއްޓޭ އާއި ކޯޗު ސުޒެއިން ވަނީ ބައިވެރިވެވަފައެވެ. އެގޮތުން ސަމުއްޓޭ އާއި ސުޒެއިން އެއްވަނައަށް ވޯޓު ދީފައިވަނީ ހާލަންޑަށެވެ.

ދެވަނައަށް ސަމޫހު، މެސީއަށް ވޯޓު ދިން އިރު، ތިންވަނައަށް ވޯޓު ދިނީ އެމްބާޕޭއަށެވެ. ސުޒެއިން ދެވަނައަށް ވޯޓު ދިނީ އެމްބާޕޭއަށެވެ. އަދި އޭނާ ތިންވަނައަށް ވޯޓު ދިނީ މެސީއަށެވެ.

ފީފާގެ "ދަ ބެސްޓް" އެވޯޑު މެސީއަށް ލިބުނުކަން އިއުލާންކޮށްފައިވަނީ އިއްޔެ އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެވޯޑު އެންމެ ގިނައިން ހޯދި ކުޅުންތެރިޔަކީ ވެސް މެސީއެވެ. އޭނާ ވަނީ މިއަހަރުގެ އެވޯޑުގެ އިތުރުން 2019 އަދި 2022ގެ ދަ ބެސްޓް އެވޯޑު ވެސް ހޯދައިފައެވެ.

comment ކޮމެންޓް