ކާގޯ ފެރީ ލަފައި، ފުރުމުގެ ޚިދުމަތް އަލުން މާފަންނު ފެރީ ޓާމިނަލަށް

ހުޅުމާލެ ފެރީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކާގޯ ފެރީ ލަފައި ފުރުމުގެ ޚިދުމަތް އަނެއްކާ ވެސް މާފަންނު ފެރީ ޓާމިނަަލަށް އިޔާދަކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސިސީ) އިން މިއަދު ބުނެފިއެވެ.

އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަލުން މި ބަދަލު ގެނެސްފައިވަނީ އަމީނީ މަގު މަރާމާތުކޮށް ހުޅުވައިލުމާ ގުޅިގެން ކަމަށެވެ.

ކާގޯ ފެރީގެ ޚިދުމަތް އެންމެ ކުރިން ފޯރުކޮށްދިނީ ވެސް މާފަންނު ފެރީ ޓާމިނަލުންނެވެ.

ނަމަވެސް ވަގުތީ ގޮތުން މި ޚިދުމަތް އޭރު، ހެންވެއިރު ޓާމިނަލަށް ބަދަލުކުރީ އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް އޭރު އެ ސަރަހައްދުގައި ކުރިއަށް ދިއުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާތީ ކަމަށެވެ.

އެ ކުންފުނިން ބުނީ މިއީ އެ ކުންފުނީގެ ފަރާތުން މާލެއާއި ވިލިމާލެއާއި، މާލެއާއި ތިލަފުށީގެ އިތުރުން، މާލެއާއި ގުޅީފަޅަށް ފޯރު ކޮށްދެމުންދާ ކާގޯ ފެރީގެ ލަފާ ފުރުމުގެ ޚިދުމަތް ކަމަށެވެ.

ކާގޯ ފެރީ އަކީ އެއް ރަށުން އަނެއް ރަށަށް މުދާ އުފުލުމަށް ބޭނުން ކުރާ ޚިދުމަތެކެވެ. މި ޚިދުމަތަކީ ޚާއްސަކޮށް ވިލިމާލޭ މީހުންނަށް ވަރަށް މުހިންމު ޚިދުމަތެކެވެ. އެއީ އެ ރަށަށް ބޭނުންވާ މުދާ މާލެއިން ވިލިނގިއްޔަށް ގެންދިއުމަށް ޓަކައެވެ.

ކާގޯ ފެރީގެ ޚިދުމަތުގެ އިތުރުން އެމްޓީސީސީން އަންނަނީ ފެރީގެ ޚިދުމަތް ވެސް ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން އަތޮޅު ތެރޭގައި އާރްޓީއެލް ލޯންޗު ފެރީގެ ޚިދުމަތް ވެސް އެ ކުންފުނިން އަންނަނީ ފޯރު ކޮށްދެމުންނެވެ. އަދި ބަހުގެ ޚިދުމަތް ވެސް ބޮޑެތި އާބާދީތަކުގައި ދެއެވެ.

comment ކޮމެންޓް