ސުއަރޭޒް، މެސީގެ އިންޓަ މަޔާމީއަށް ސޮއިކޮށްފި

އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް ބާސާގެ ޖާާޒީގައި -- ފޮޓޯ/ ގެޓީ

ލިވަޕޫލާއި ބާސެލޯނާގެ ޓީމުން ވިދާލި އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް، އެމެރިކާގެ އިންޓަ މަޔާމީއަށް ސޮއިކޮށްފިއެވެ.

އިންޓަ މަޔާމީން ވެސް މިހާރު ވަނީ ސުއަރޭޒް، އެ ކްލަބަށް ސޮއިކޮށްފައިވާކަން އިއުލާންކޮށްފައެވެ. އޭނާ އިންޓަ މަޔާމީއަށް ސޮއިކޮށްފައި މިވަނީ، ބްރެޒިލްގެ ގްރެމިއޯއާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

ބާސާއަށް އެކުގައި ކުޅުނު އާޖެންޓީނާ ތަރި ލިއޮނެލް މެސީ، އިންޓަ މަޔާމީއާ ގުޅުނު ހިސާބުން ފެށިގެން ސުއަރޭޒް ވެސް އެ ކްލަބަށް ދާން އުޅޭ ވާހަކަތައް ފެތުރުނެވެ.

އެ ވާހަކަތައް ފެތުރުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ސުއަރޭޒްވަނީ ގްރެމިއޯއާއެކު ހަދާފައިވާ ކޮންޓްރެކްޓް މި އަހަރުގެ ނިޔަލަށް ނިމޭ ގޮތަށް ބަދަލު ވެސް ކޮށްފައެވެ.

ބްރެޒިލްގައި ގްރެމިއޯއާއެކު ސުއަރޭޒް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެެވެ. ގްރެމިއޯއަށް ސުއަރޭޒް 54 މެޗުން 26 ގޯލު ކާމިޔާބުކޮށްދިންއިރު، ބްރެޒިލް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް އޭނާ ވަނީ ހޯދައިފައެވެ.

މެސީ އާއި ސުއަރޭޒްގެ އިތުރުން ބާސާއަށް އެކުގައި ކުޅުނު ސްޕެއިން މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އަދި ސްޕެއިން ޑިފެންޑަރު ޖޯޑީ އަލްބާ ވެސް ކުޅެމުންދަނީ އިންޓަ މަޔާމީއަށެވެ. އެ ކްލަބަކީ ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ ކްލަބެކެވެ.

comment ކޮމެންޓް