ބާސްކެޓް ލީގުގެ ދެވަނަ ޑިވިޝަން ޗެމްޕިއަންކަން ޓަލޮންސްއަށް

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓަލޮންސް -- ފޮޓޯ/ އެމްބީއޭ

މި އަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޓަލޮންސް ބާސްކެޓްބޯޅަ ކްލަބުން ހޯދައިފިއެވެ.

ދެވަނަ ޑިވިޝަންގެ ލީގު ޗެމްޕިއަންކަން ޓަލޮންސްއިން ހޯދީ ރޭގެ މެޗުގައި ރޯޔަލްސް ބާސްކެޓްބޯޅަ ކްލަބު ބަލިކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ލީގުގެ ފަހު މެޗުގައި ރޯޔަލްސްގެ މައްޗަށް ޓަލޮންސް އިން ކުރީ ހޯދީ 64-70 އިންނެވެ. މެޗުގެ ހަތަރު ކުއާޓާއެއް ވެސް ވާދަވެރިކޮށް ދިޔަ އިރު، ތިންވަނަ ކުއާޓަރުގައި ރޯޔަލްސް އިން ލީޑުވެސް ނެގިއެވެ. ނަމަވެސް ފަހު ކުއާޓަރުގައި ޓަލޮންސްއިން ކުޅުން ވަރުގަދަކޮށް އަލުން ލީޑު ނެގިއެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގައި ޓަލޮންސް އާއި ރޯޔަލްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އެމްބީއޭ

އެ މެޗުގައި ޓަލޮންސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 21 ޕޮއިންޓް ހޯދައިދިން އައިކް އަހުމަދު ރައޫފެވެ. އަދި، ރޯޔަލްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން އަލްދާން އައިކް ރަމީޒް ވެސް 21 ޕޮއިންޓް ހޯދިއެވެ.

ދެވަނަ ޑިވިޝަންގައި މި ފަހަރު ދެ ބުރެއް ހިމެނުނެވެ. ފުރަތަމަ ބުރުގައި ލީގު އުސޫލުން ކުޅުމަށް ފަހު ދެވަނަ ބުރަށް ގަދަ ތިން ޓީމު ދަތުރުކުރި އިރު، ދެވަނަ ބުރު ވެސް ލީގު އުސޫލުން ކުޅުމަށް ފަހު ޗެމްޕިއަންކަން ލިބިގެންދިޔައީ އެންމެ ކުރީގައި އޮތް ޓަލޮންސްއަށެވެ.

މި ފަހަރުގެ ލީގުގެ ދެވަނަ ޑިވިޝަންގައި ވާދަކުރި ހަތް ޓީމުގެ ތެރޭގައި މިދިޔަ އަހަރުގެ ޗެމްޕިއަން ސްޕާޓަން ސްޕޯޓްސް ކްލަބު އަދި މިދިޔަ އަހަރުގެ ރަނަރަޕް ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބު ހިމެނުނެވެ. އޭގެ އިތުރުން ދެން ހިމެނެނީ ސްޓިންގާސް ބާސްކެޓްބޯޅަ ކްލަބާއި ހުޅުމާލެ ސްޕޯޓްސް ކްލަބާއި އެލްކިއު ސްޕޯޓްސް ކްލަބާއި ޑަބްލިއު ސްޕޯޓްސް އެކަޑަމީ އަދި ޓަލޮންސްއެވެ.

comment ކޮމެންޓް