ބާސްކެޓް ލީގުގެ ދެވަނަ ޑިވިޝަން މާދަމާ ފަށަނީ

ކުޅުދުއްފުށީ ސިޓީގައި ބޭއްވި އިންޓަ އޮފީސް ބާސްކެޓްބޯޅަ މުބާރާތުގެ ތެރެއިން -- ފޮޓޯ/ އެމްބީއޭ

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެނުންގެ ދެވަނަ ޑިވިޝަން މާދަމާ ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އިން އިންތިޒާމުކޮށްގެން ބާއްވާ ލީގުގެ ދެވަނަ ޑިވިޝަންގައި މި ފަހަރު ވާދަކުރަނީ ހަތް ޓީމަކުންނެވެ.

ދެވަނަ ޑިވިޝަންގައި މި ފަހަރު ދެ ބުރެއް ހިމެނެއެވެ. ފުރަތަމަ ބުރުގައި ލީގު އުސޫލުން ކުޅުމަށް ފަހު ދެވަނަ ބުރަށް ގަދަ ތިން ޓީމު ދަތުރުކުރާ އިރު، ދެވަނަ ބުރު ވެސް ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ކުރީގައި އޮންނަ ޓީމަށް ޗެމްޕިއަންކަން ލިބިގެންދާނެއެވެ.

މި ފަހަރުގެ ލީގުގެ ދެވަނަ ޑިވިޝަންގައި ވާދަކުރާ ހަތް ޓީމުގެ ތެރޭގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕާޓަން ސްޕޯޓްސް ކްލަބު އަދި އެންމެ ފަހުގެ ރަނަރަޕް ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބު ވެސް ހިމެނެއެވެ. އޭގެ އިތުރުން ދެން ހިމެނެނީ ސްޓިންގާސް ބާސްކެޓްބޯޅަ ކްލަބާއި ހުޅުމާލެ ސްޕޯޓްސް ކްލަބާއި އެލްކިއު ސްޕޯޓްސް ކްލަބާއި ޑަބްލިއު ސްޕޯޓްސް އެކަޑަމީ އަދި ޓަލޮންސް ބާސްކެޓްބޯޅަ ކްލަބެވެ.

މި އަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގައި ބައިވެރިވުމަށް މެންބަރު ކްލަބު ޖަމިއްޔާތަކަށް އެމްބީއޭއިން ހުޅުވައިލީ މިިދިޔަ މަހުގެ 22 ވަަނަ ދުވަހުއެވެ.

comment ކޮމެންޓް