Last Updated: 1 decade 4 year ago

ގެއްލުނު ޒުވާނާ ފެނުނީ މަރުވެފައި އޮއްވާ

ބުލޮގު ޚުލާސާ
ކުޑަ ބަނޑޮހަށް މިއަދު ހެނދުނު ދަތުރު ގޮސް އުޅުނު ޒުވާނަކު ގެއްލިގެން ހޯދަަން ފަށައިފި އެވެ. އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު ކުޑަބަނޑޮހަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ކޯސްގާޑުން ހޯދަމުން އަންނަނީ މ. ބަށިމާގެ، އިބްރާހިމް ވަހީދު 24 ކަމަށެވެ. މި ހާދިސާއާ ގުޅިގެން ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ގެއްލުނީ ދަތުރު ދިއުމަށްފަހު ކެނޯއެއްގައި އަންހެން ކުއްޖަކާއެކު ކުޑަބަނޑޮހުގެ ފަޅުތެރެއަށް ނުކުމެ އުޅެނިކޮށް ކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެނާ ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އޭނާ އަދި ވިދާޅުވި އިބްރާހިމާއެކު ކެނޯގައި އިން އަންހެން ކުއްޖާ ކުޑަބަނޑޮހުގެ މޫދުން ފެނިފައިވާ ކަމަށާއި އޭނާއަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ.
18:20

ކުޑަ ބަނޑޮހަށް ދަތުރު ގޮސް އުޅުނު ޒުވާން ފިރިހެން ކުއްޖަކު ކެނޯއެއްގައި ނިކުމެ އުޅެނިކޮށް، ގެއްލިގެން ކޯސްޓްގާޑާއި ފުލުހުން ނުކުމެގެން ހޯދަމުން ދަނިކޮށް މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު ކުޑަބަނޑޮހަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ކޯސްގާޑުން ހޯދަމުން ދިޔަ މ. ބަށިމާގެ، އިބްރާހިމް ވަހީދު 24 ފެނިފައި ވަނީ މޫދު އަޑީގައި އޮއްވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ ޒުވާނާ ގެއްލުނީ ކެނޯ ދުއްވަމުން ދަނިކޮށް އޭގެ ފަލި އޮޔާ ދިއުމުން ފަލި ނަގަން މޫދަށް ފުންމާލައިގެން އުޅެނިކޮށް ކަމަށެވެ. އޭނާއާ އެކު އިތުރު އަންހެން ކުއްޖަކު ވެސް އެ ކެނޯގައި ނުކުމެ އުޅުނެވެ. އަދި އަންހެން ކުއްޖާ ބަނޑޮހުގެ މޫދުގައި އޮއްވާ ސަލާމަތްކުރީ ކޯސްޓްގާޑުންނެވެ. އެއަންހެން ކުއްޖާއަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނުވާ ކަމަށް ކޯސްޓްގާޑުން ބުންޏެވެ. އޮފިޝަލް ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު ޒުވާނާ ފެނިފައިވަނީ ވިލުތެރޭގައި އަށް މީޓަރު އަޑީގައި އޮއްވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާ ކޯސްގާޑުން ކުރަމުން ދަނިކޮށް، އޭނާ ފެނުނީ ކޯޓްސް ގާޑުގެ ޑައިވަރުންނަށް ކަމަށެވެ. " ކޯސްޓްގާޑަށް އެކުއްޖާ ފެނުނީ ވިލުތެރޭ އަށް މީޓަރު އަޑީގައި އޮއްވާ، އެހިސާބުން އެޒުވާނާ ކޯސްޓްގާޑަށް ނެގީ، އެއަށްފަހު އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ،" އޮފިޝަލް ވިދާޅުވި އެވެ. އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ ބަނޑޮހުން ގެނައި ޒުވާނާ އެހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަރުވި ސަބަބެއް އަދި ބުނެދޭން ނޭނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
17:35

އައިޖީއެމްއެޗުން ވެސް ބުނެފައި ވަނީ ޒުވާނާ ހޮސްޕިޓަލަށް ގެނައިރު މަރުވެފައިވާ ކަމަށް. ތަފުސީލު ފަހުން ދޭނެ ކަމަށް.
17:29

ޒުވާނާ ފެނުނީ ގެއްލިގެން ހޯދާތާ ދެގަޑިއިރު ފަހުން. އޭނާ ފެނުނުމުން ބަނޑޮސް ރިސޯޓްގެ ޑޮކްޓަރުން ބެލި އިރު ވެސް އޮތީ މަރުވެފައި. މިހާރު އައިޖީއެމްއެޗަށް ގެނެފައިވާއިރު ޒުވާނާގެ ހަށިގަނޑު ވަނީ ހަރުވެފައި.
17:21

ސަން އަށް އެނގިފައިވާ ގޮތުގައި ޒުވާނާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައި. އޭނާ ވަނީ މަރުވެފައި.
17:13

ގެނބިފައި އޮށްވާ ފެނުނު ޒުވާނާ މާލެ ގެންނަނީ މާލޭ ހުޅަނގު ދެކުނު ފަރާތު ހާބަރު ސަރަހައްދަށް. އޭނާ އައިޖީއެމްއެޗަށް ގެންދިއުމަށްޓަކައި އެ ސަރަހައްދުގައި އެމްބިއުލާންސް ވެސް ވަނީ ބާއްވާފައި.
16:56

ގެއްލުނު ޒުވާނާ ވަނީ މޫދުގެ އަޑިން ދެންމެ ނަގާފައި. އޭނާ މާލެ ގެނައުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އެބަދޭ. އޭނާ މަރުވިކަން އަދި ނޫން ކަމެއް ވެސް ސާފެއް ނުވޭ.