ގައުމީ ބާސްކެޓް ލީގުގެ ދެވަނަ ޑިވިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީގައި ބޭއްވި އިންޓަ އޮފީސް ބާސްކެޓްބޯޅަ މުބާރާތުގެ ތެރެއިން -- ފޮޓޯ/ އެމްބީއޭ

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ދެވަނަ ޑިވިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އިން ނެރުނު އިއުލާނެއްގައި ބުނީ ފިރިހެން ދެވަނަ ޑިވިޝަންގައި ބައިވެރިވާން ބޭނުންވާ އެ އެސޯސިއޭޝަންގެ ކްލަބު/ޖަމިއްޔާތަކަށް ފުރުސަތު ހުޅުވާލައި ކަމަށެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކްލަބު/ޖަމިއްޔާތަކުން ލިޔުމަކުން އެކަން އަންގައި، އަންނަ މަހުގެ ނުވަވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޓީމު ލިސްޓު ފޮނުވުމަށް އެމްބީއޭ އިން ވަނީ އެދިފައެވެ.

އެމްބީއޭ އިން ބުނީ އަންނަ މަހުގެ 16 ވަނަ ދުވަހު ފަށާ އެ މުބާރާތުގައި ބައިވެރިވުމަށް އެ އެސޯސިއޭޝަންގެ ކްލަބު/ޖަމިއްޔާތަކުން ބައިވެރިވާކަމުގެ ލިޔުން އަދި ޓީމު ލިސްޓު އީމެއިލް ކުރަން ޖެހޭނީ [email protected] އަށް ކަމަށެވެ.

އެމްބީއޭއިން ވަނީ ސްކޫލުތަކަށް އަމާޒުކޮށްގެން ބާއްވާ މިނީ ބާސްކެޓްބޯލް ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލައިފައެވެ. އަންނަ މަހުގެ 22 ވަނަ ދުވަހު ފަށާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 1:30ގެ ނިޔަލަށެވެ.

އެ މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލުތަކުން ބައިވެރިވާ އުމުރުފުރާ އާއި މުބާރާތާ ގުޅިގެން އެސޯސިއޭޝަނުން އެ ސްކޫލަކާ އެކު މުއާމަލާތް ކުރާނެ އިސް ފަރާތެއްގެ ނަމާއި ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް އެނގޭނެ ގޮތަށް ލިޔުމަކުން އެންގުމަށް އެމްބީއޭއިން އެދެއެވެ. އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމު ލިސްޓުތައް ފޮނުވަން ޖެހެނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން އީމެއިލް މެދުވެރިކޮށެވެ.

މިނީ ބާސްކެޓްބޯލް ފެސްޓިވަލުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އުމުރުފުރާތަކަކީ ހަތް އަހަރުން ދަށް، އަށް އަހަރުން ދަށް، ނުވަ އަހަރުން ދަށް، ދިހަ އަހަރުން ދަށް އަދި 11 އަހަރުން ދަށެވެ.

comment ކޮމެންޓް