ފަހުވަގުތު ބަންގުލަދޭޝްއިން ރާއްޖެ ހިފަހައްޓައިފި

ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެ އާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއިން ލީޑުގައި އޮއްވައި، ފަހުވަގުތު ބަންގުލަދޭޝް އިން ގޯލެއް ޖަހައި އެއްވަރުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ރާއްޖެ އާއި ބަންގުލަދޭޝް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުގައި ރާއްޖެ އަދި ބަންގުލަދޭޝް ޓީމުން ވެސް ފެނިގެންދިޔަ ގިނަ ކުޅުންތެރިންނަކީ މި އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް ފުނުނު ކުޅުންތެރިންނެވެ.

މިއަދުގެ މެޗަށް ނެގި ފުރަތަމަ 11 އިން އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނިގެންދިޔައީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ޒުވާން ޑިފެންޑަރު އަހުމަދު ރަޝީދު (އަހުއްކޮ) އެވެ. ރާއްޖޭގެ ކޯޗު އަލީ ސުޒައިން، އޭނާއަށް ފުރުސަތު ދީފައިވަނީ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓޭ) އަނިޔާގައި ހުރުމުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ރާއްޖެއަށް ބޯޅަ ހިފަހައްޓައިގެން ކުޅުމަށް އުނދަގޫތަކެއް ކުރިމަތިވި އިރު، ބަންގުލަދޭޝަށް ވެސް އެކަމުގެ ފައިދާ ނެގިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ރާއްޖެއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ މެޗުގެ 18 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ)އަށް ލިބުނު ފުރުސަތެވެ. އިބްރާހިމް އައިސަމް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ސެންޓޭ ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު މިތުލް މަރްމާ އަތުގައި ޖެހި އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ބަންގުލަދޭޝަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބިސްވަނާތު ގޯޝް ފޮނުވާލި ހަމަލާ އަދި ފައިސަލް އަހުމަދު ފަހީމް ފޮނުވާލި ހަމަލާ ވެސް ދިޔައީ ރާއްޖޭގެ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށުނުތާ އަށް މިނެޓު ފަހުން ބަންގުލަދޭޝަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ރާކިބް ހުސައިން ފޮނުވާލި ހަމަލާ ވެސް ދިޔައީ ރާއްޖޭގެ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ފަހުކޮޅު ދިޔައީ ފޯރިގަދަކޮށެވެ. އެގޮތުން ދެ ޓީމުގެ ވެސް ގޯލެއް ފެނިގެންދިޔައެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، ބަދަލު ކުޅުންތެރިޔާ ހަސަން ނަޒީމް (ޗޯޓު) ރާއްޖެއަށް ލީޑު ހޯދައިދިން ނަމަވެސް، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބަންގުލަދޭޝަށް ނަތީޖާ ހަމަހަމަކޮށްދިނީ އެމްޑީ ސާސް އުދިންއެވެ.

ބަންގުލަދޭޝްގައި ކުޅޭ ވޯލްޑް ކަޕްގެ ކޮލިފައިންގެ ދެވަނަ ލެގު މެޗަށް ނުކުންނަން ޖެހޭނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

comment ކޮމެންޓް