އާމިރުންނާ ދެކޮޅަށް ތެދުވަން ޖެހޭނެއެވެ.

ނޯޓް: މި މަޒްމޫނުގެ މައިގަނޑު އަސްލަކަށް ބަލައިފައިވަނީ މިޒަމާނުގެ ނަންހުރި އިސްލާމީ މުފައްކިރު ސައްޔިދު އަބުލްއަޢުލާ މައުދޫދީއާއި، މައުލާނާ އަބުލްކަލާމް އާޒާދުއާއި، ޕްރޮފެސަރ މުޙްސިން ޢުޘްމާނީ ނަދުވީގެ ލިޔުއްވުންތަކެވެ. މިތިން ބޭފުޅުންގެ ތެރެއިން ސައްޔިދު އަބުލްޢައުލާ މައުދޫދީއާއި، މައުލާނާ އަބުލްކަލާމު އާޒާދަކީ ރާއްޖޭގައިވެސް އިތުރު ތަޢާރުފަކަށް ބޭނުން ދެ ބޭފުޅުންނެއް ނޫނެވެ.

ޕްރޮފެސަރ މުޙްސިނު ޢުޘްމާނީ ނަދުވީއަކީ އިންޑިޔާގެ ޙައިދަރު އާބާދު ޔުނިވަރސިޓީގެ ސްކޫލް އޮފް ޢެރެބިކް ސްޓަޑީޒްގެ ޑީނެވެ. އަދި ޢަރަބި އަދަބިއޔާތާބެހޭ ޑިޕާޓްމަންޓާއި، އިންގްލިޝް އެންޑް ފޮރިން ލެންގްއޭޖާބެހޭ ޑިޕާޓްމަންޓްގެ ރައީސެވެ. ލަކަނޫގެ ނަދުވަތުލް ޢުލަމާއުގެ އިންތިޒާމީ މަޖިލިސްގެ މެމްބަރެކެވެ. މަޖިލިސެ ތަޙްޤީޤާތު ވަ ނަޝްރިއްޔާތު އިސްލާމްގެވެސް އިންތިޒާމީ މަޖްލިސްގެ މެމްބަރެކެވެ. އިނގިރޭސި ބަހުން ދުރުން ތަޢުލީމުދޭ މަރުކަޒެއް ކަމުގައި ސެންޓަރ ފޮރ އިސްލާމިކް އެޑިޔުކޭޝަންގެ ފައުންޑަރ މެމްބަރެވެ. އުރުދޫބަހާއި އިނގިރޭސި ބަހާއި ޢަރަބިބަހުން ތިރީސް އެތައް ފޮތެއް ލިޔުއްވާފައިވާ މުޞައްނިފެކެވެ. އޭނާގެ އެންމެ ފަހުން ޝާއިޢުކުރެވުނު ތަސްނީފަކީ ޢުލޫމުލްޙަދީޘް ފިލްހިންދި މިފޮތެވެ.

އަޅުގަނޑުގެ ލޮބުވެތި އަޚުން ކަމުގައިވާ އަލްފާޟިލް މުޙައްމަދު ފަހްމީ ޙަސަނާއި އަލްއުސްތާޛު މޫސާ އަންވަރު ޙަސަނާއި އަލުއްސްތާޛު އަޙްމަދު މާޖިދު ޢަލީގެ ފަރާތުން މި މަޒުމޫނު ލިޔުމުގައި ލިބިފައިވާ އެހީތެރިކަމަށްޓަކައި އެ ތިންބެއިންނަށް ޝުކުރު އަދާކުރަމެވެ.

އިސްލާމީ ދުނިޔެ ނިދީން ހޭލުން

ޝައްކެއްވެސް ނެތެވެ. އިސްލާމްދީނަކީ އިންސާނީ ޙަޔާތުގެ އެންމެ ފުރިހަމަ ނިޒާމެވެ. އިންސާނިއްޔަތު ޙިއްސާކުރާ އެންމެ ޖާމިޢު ނިޒާމެވެ. އިސްލާމީ ނިޒާމުގައި ހިމެނޭ އިޢުތިޤާދީ ބަޔާއި ޢިބާދާތުގެ ބަޔަކީ އެނިޒާމުގެ އަސާސީ ރުކުންތަކެވެ. ހަމައެފަދައިން ބޭނުންތެރި ވަގުތު ތަކުގައި ޖިހާދުކުރުމަކީވެސް އެނިޒާމުގެ މުހިންމު އަސްލެކެވެ. އިންސާނީ ތަހްޒީބާއި ތަމައްދުނުގެ ތަފާތު ދާއިރާތަކާއި އިޤްތިޞާދިއްޔަތާއި ސިޔާސަތުގެ ހުރިހާ ކަންކަމެއް އެނިޒާމުގެ ދާއިރާގައިވަނީ ޝާމިލުވެފައެވެ. އިންސާނުންގެ މިނިވަންކަމާއި، އިންސާނުންގެ ހަމަހަމަކަމާއި، އިންސާނުންގެ އަސާސީ ޙައްޤުތަކަކީ އިސްލާމްދީނުގައިވާ ޙަޔާތުގެ ތަޞައްވުރުގެ މައި ތަޅުދަނޑިތަކެވެ. އިންސާނީ ޙަޔާތުގެ ކޮންމެ ދާއިރާއަކަށްވެސް އެދީންވަނީ އިރުޝާދު ދީފައެވެ. މަގުދައްކައި ދީފައެވެ. އެހެންކަމުން ޢާއްމުކޮށް އިސްލާމީ ދުނިޔޭގައި ޚާއްޞަކޮށް ޢަރަބި އިސްލާމީ ދުނިޔޭގައި މިހާރު ހިނގަމުންދާ ހޭލުންތެރިކަމާއި، އިސްތިބްދާދާ ދެކޮޅަށް ހަށިފޮޅައިލުމުގެ ޙަރަކާތްތަކަށްވެސް އިސްލާމްދީނުގެ ދާއިރާއިން އަލިކަމާއި ހިދާޔަތު ލިބޭން ޖެހެއެވެ.

ޝައްކެއްނެތެވެ. އިސްލާމީ ޤައުމުތައް މިހާރުދަނީ ޣަފްލަތުގެ ނިދީން ހޭލަމުންނެވެ. ތެދުވެގެން ކުރިއަށް ހިނގައިގަތުމަށްޓަކައި މޯޅިޔަށް ދެމެމުންނެވެ. ހުޅަނގުގެ ކެޕިޓަލިސްޓުންނާއި އިސްރާއީލުގެ ޒަޔަނިސްޓުންގެ ލަފައާއި އިރްޝާދުގެ ދަށުން މުސްލިމުންނާއި އިސްލާމީވަންތަކަން އޮބައިގަނެ ހަފުސްކޮށްގެން ތިބި ފާސިޤުވެރީންގެ ޖުއްބާތަކާއި ކޯޓު ފަޓުލޫނުތައް ވީދައި ކުދިކުދި ކުރަމުންނެވެ. މިގޮތުންކުރެވޭ މަސައްކަތުގައި ބައެއް ޤައުމުތަކުގެ ފާސިޤު ޑިކްޓޭޓަރުންގެ ގަޔަށް [ހިނިއެރުމުގެ] ސަބަބުން އިންނަން އޮންނަން ނުލިބިގެންވަނީ އަމިއްލަޔަށް އިސްތިޢުފާ ދީފައެވެ. އަނެއްބައި ޤައުމުތަކުގައި ރައްޔިތުންގެ [ސުނާމީ] ތައް އެތަންތާނގެ އިސްތިބުދާދީ ކިއްލާތަކަށް ވަރުނުލައި ބިންދަމުން ދަނީއެވެ. ރައްޔިތުންގެ އިޙްތިޖާޖުތަކާއި އަދުރުތަކުގެ [ކަޅުވިލާތައް] އެޤައުމުތަކުގެ އުދަރެސް ބައްދަމުން ގެންދަނީއެވެ. އިސްލާމީ ހުރިހާ ޤައުމުތަކެއްގެވެސް އަންނަ ފާސިޤުވެރީން މިހާރު ތިބީ ބިރުން ވިރިވިރިއެވެ. އެބައިމީހުން [ހިސާބު ދައްކަން] ޖެހޭދުވަސް އައިސްޖެހިއްޖެކަން އެބައިމީހުންނަށްވެސް ޤަބޫލު ކުރެވިފައިވާތީއެވެ. [އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލނާގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރި ކުރައްވަމުއެވެ. އަދި އިބަރަސްކަލާނގެ އިދާރަކުރައްވާ މީހަކު ނިކަމެތި ކުރައްވަމުއެވެ.] މި މާތް އާޔަތުގެ ޢަމަލީ ތަފްސީރު ލޯމަތީން ފާޅުވާން ފަށައިފައިވާތީއެވެ.

އިސްލާމީ ދުނިޔެ ހަލުވައިލި މިޢާއްމު ޙަރަކާތުގެ ސަބަބުތަކުގެ ތެރޭގައި ރައްޔިތުންގެ ފަރުދީ މިނިވަންކަމަށް ބާރުއެޅުމާއި، ވެރީން ޗާޓުގެ ތެރެއަށް ވެއްދުމުގެ ޝުޢޫރާ އެއްހަމައެއްގައި ޙަރަކާތްތެރިވަނީ އިނގިރޭސި ކޮންޒާވެޓިވުންނާއި، އިސްރާއީލީ ޒަޔަނިސްޓުންނަށް މުސްލިމުންގެ ޢާންމުންކުރާ ނަފްރަތެވެ. އެއްވެސް ހަމައެއް ނަމައެއްނެތި އިސްލާމީ އެތައް ޤައުމުތަކެއް ސުންނާފަތި ކޮށްފައިވާ އެމެރިކާދެކެ މުސްލިމުންގެ ހިތްތަކުގައިވާ ފޫހިކަމެވެ. އިސްލާމީ ގައުމުތަކުގެ ޗާޓުން ބޭރުގައި އުޅޭވެރީންވަނީ ޚުދު އެމެރިކާއާއި އިނގިރޭސިވިލާތާއި އިސްރާއީލުގެ ރައްޔިތުންނަށް އެޤައުމުތަކުގައި ލިބިފައިވާ ފަރުދީ މިނިވަންކަމުންވެސް އިސްލާމީ ޤައުމުތަކުގެ ރައްޔިތުން މަޙްރޫމުކޮށްފައެވެ. ޝަރީޢަތް ހިންގުމެއްނެތި ހިފައި ހައްޔަރުކުރުމުގެ ސިފައިގައެވެ. ފަރުދީ މިނިވަންކަމަށް ހުރަސް އެޅުމާއި މަޢުލޫމާތާއި ޚަބަރު ފެތުރުމުގެ ވަސީލަތްތައް ތިމާމެންގެ މުށްދަށުލުމުގެ ސިފައިގައެވެ. އަދި މި ނޫންވެސް ބައެއްގެ ޚިޔާލަށްވެސް ގެންނަންދަތި އިސްތިބުދާދީ ޢަމަލުތަކުގެ ޒަރީޢާއިންނެވެ.

ހިތާމައިގެ ކޮޅެއްވެސް ނެތެވެ. އިސްލާމީ ޤައުމުތަކުގެ ޢާއްމުން އެބައިމީހުންނަށް ލިބިފައިވާ ވެރީން އިޙްތިސާބު ކުރުމުގެ ޙައްޤުގެ ބޭނުން ހިފަން ފެށުމާއެކު ބައެއް އިލްމުވެރީންގެ ފަރާތުންވަނީ އިސްތިބުދާދީ ސަރުކާރުތަކާ ދެކޮޅަށް ތެދުވުމަކީ މުޠުލަޤަށްހުރި ޙަރާމްކަމެއް ކަމުގައި ފަތުވާދޭން ފަށައިފައެވެ. ފަސާދައިން ކަޅިވެފައި ތިބޭ ފާސިޤު ވެރީންނާ ދެކޮޅަށް ޞުލްޙަވެރި މުޒާހަރާތައް ކުރުންވެސް ހުއްދަ ނޫންކަން އަންގައިފައެވެ. ރައްޔިތުން އަދުރުމަކީވެސް (ޕެޓިޝަން ހުށަހެޅުމަކީވެސް) ޝަރްޢީގޮތުން މަނާ ކަމެއްކަން އިޢުލާން ކޮށްފައެވެ. މިކަމުގައި އިސްވެ ތިއްބެވީ ސަޢޫދީ ޢަރަބިއްޔާގެ މުސާރަ ބޮޑު މުފުތީންނެވެ. [ހައިއަތު ކިބާރުލް ޢުލަމާއު] އެވެ. އޮޅުމެއްނެތް ގޮތުގައި މިއީ އިސްލާމީ އުންމަތުގެ މިޒަމާނުގެ ތާރީޚުގެ އިންތިހާދަރަޖައިގެ މުހިންމު ޙާދިޘާއެކެވެ.

މައްކާ ކޮންފަރެންސް

ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ފަރާތުން 23، 24، 25 ޝަޢުބާން 1432 ގައި މައްކާގައި ޢިލްމުވެރީންގެ ޚާއްޞަ ކޮންފަރެންސެއް ބޭއްވިއެވެ. އެ ކޮންފަރެންސުގެ މަޤްޞަދަކީ މިޞްރާއި ތޫނިސްގެ އިސްތިބްދާދީ ކިއްލާތަކުގެ ފާރުތައް ބިމާހަމަކޮށްލި ޠޫފާނީ ރާޅުތައް ސަޢޫދިއްޔާގެ ވިރާޘީ ރަސްކަމުގެ ކިއްލާއާ ހަމައަށް ފޯރިޔަނުދިނުމޭ ދެންނެވުމަކީ ކުށަކަށް ވެދާނެއެވެ. އާދެ، އެކޮންފަރެންސްގެ މަޤްޞަދަކީ އިސްލާމީ ނިޒާމުގެ ހުރިހާ އަރިއަރި މައްޗަކުން އެ ނިޒާމާމެދު ބަލައިލުމެވެ. އިސްލާމީ އުންމަތުގެ ކުރިމަތީގައިވާ އައު މައުޟޫޢާމެދު ބަޙުޘްކުރުމެވެ. އިސްލާމީ ދުނިޔޭގެ ވަރަށްގިނަ ޢާލިމުންނަށް އެކޮންފަރެންސަށް ދަޢުވަތު އެރުވުނެވެ. ނަމަވެސް ވަރަށްގިނަ ޢިލްމުވެރީން އެބޭފުޅުންގެ ފުރޭފު ހުށަހެޅުއްވިޔަކަ ނުދެއެވެ. އެބޭފުޅުން ޢުމްރާކުރައްވައިގެން އެނބުރިވަޑައިގަތީއެވެ. އެބޭފުޅުންނަކަށް ހެޔޮކަންތަކަށް އަމުރުކުރައްވައި މުންކަރާތް ނަހީކުރައްވާނެ ތަންވަޅެއް ލިބިވަޑައެއް ނުގެންނެވިއެވެ. ހުށަހެޅުމުގެ ނަސީބު ލިބުނު ކަރުދާސްތަކަށްވެސް ބަޙުޘްކުރުމަށް ދެވުނީ އެންމެ ދެމިނިޓް އިރެވެ. ކަން އެހެންހުރުމާއެކުވެސް މަޢުލާނާ ސަލްމާން ޙުސައިނީ ނަދްވީ ފަދަ ބޭކަލުން ވާހަކަ ދެއްކެވޭތޯ ހިތްވަރު ކުރެއްވިއެވެ. އެކަމަކު ދެމިނިޓުގެ ވަގުތުގެ ތެރެއިން ލިބިވަޑައިގެންނެވި ސިކުންތުކޮޅުގައި ކުރެއްވޭނީވެސް ކޮންކަމެއްތޯއެވެ.

ޢައްލާމާ ޔޫސުފުލް ޤަރްޟާވީއަކީ މިޒަމާނުގައި އިސްލާމީ އުންމަތުގައި ހުންނެވި ދެވަނައެއްނެތްފަދަ ޢާލިމެކެވެ. އޭނާގެ ވިސްނުންފުޅާއި ޚިޔާލުފުޅު ގެންގުޅުއްވާގޮތް ސަޢޫދއްޔާގެ ބައެއް މުފްތީންނާ ކިތަންމެ ތަފާތު ކަމުގައި ވިޔަސް އޭނާއަކީ ދީނީ މަރްޖިޢެއް ކަމާމެދު ޝައްކެއްނެތެވެ. ސަޢޫދިއްޔާގެ ހައިއަތު ކިބާރުލް ޢުލަމާއަކީ ދީނީ މަރުޖިޢެއް ކަމުގައިވާ ފަދައިންނެވެ. އިސްލާމްދީނުގެ ޙަޤީޤީ މިޒާޖު ދެނެވަޑައިގަތުމާއި މިޒަމާނާ ގުޅުންހުރި ޢިލްމު ތަކުގައި އޭނާގެ ދަރަޖަ މަތިވެރިކަމަށް ބަލާއިރު ދީނީ ފަތުވާދެއްވާ ބޭފުޅުންގެ ތެރެއިން އޭނާ ހޮވައި ނެގެއެވެ. އޭނާގެ މަޤާމު މާމަތިވެރިއެވެ. އޭނާއަކީ އިޖްތިހާދު ކުރެއްވުމުގެ ޤާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. ނަމަވެސް އޭނާއަށް އެކޮންފަރެންސުގެ އާދައިގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމުގެ ފުރުޞަތުވެސް އެރުވިފައެއް ނުވެއެވެ.

އާމިރުންނާ ދެކޮޅަށް ނިކުންނަންޖެހޭނެ

ޝައްކެންތެވެ. މިފަދަ ދަނޑިވަޅުތަކުގައި ސިޔާސީ ޙަރަކާތްތަކާއި، ވެރީން އިޙްތިސާބު ކުރުމާއި ފަރުދީ މިނިވަންކަމާއި، ދުލާއި ޤަލަމުގެ މިނިވަންކަމާއި، އިސްލާމީ އުންމަތުގެ މޮހުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނަށް ވަލިއްޔުލް އަމްރުން ޢަޒުލުކުރެއްވުމުގެ ޙައްޤު ލިބިވަޑައިގެންފައިވޭތޯ ނުވަތަ ނޫންތޯއާ މިފަދަ މުސްލިމުންގެ އިޖްތިމާޢީ ޙަޔާތާ ލާމެހިފައިވާ ކަންކަމުގައި ޢާއްމު މުސްލިމުންނަށް އިރުޝާދު ލިބުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް