ލ.ގަމުގެ އެންމެ ދުވަސްވި މީހާ ނިޔާވެއްޖެ

އިބްރާހިމް ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙާ ސަލާން ކުރައްވަނީ

ލ. ގަމުގައި ހުރިި، އުމުރުން އެންމެ ދުވަސްވީ މީހާ، އިބްރާހީމް މުޙައްމަދު ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައި ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ ސަތޭކަ ހަ އަހަރެވެ.

އިބްރާހީމް ނިޔާވިއިރު އޭނާގެ ހަތް ދަރިންނާއި، ސާޅިސް ކާފަ ދަރިންނާއި، ފަންސާސްއެއް މުނި ކާފަ ދަރިންނާއި، ދެ ހޫރު ކާފަ ދަރިން އެބަތިއްބެވެ.

އިބްރާހިމްގެ ކާފަ ދަރިއެއްކަމަށްވާ އަފްސަލް "ސަން"އަށް ބުނީ އޭނާ ނިޔާވީ ކުޑަކޮށް ބަލިވެ އުޅޭތާ ފަސް ވަރަކަށް މަސް ފަހުން ކަމަށެވެ.

"ކާފަ އެހާ ބައްޔެއް ނޫން. އެކަމަކު، ހޮސްޕިޓަލަށް ގެންދިޔަ ފަހުން މިއަދަށް ހަތަރު ދުވަސް ވާނީ" އަފްސަލް ބުންޏެވެ.

އަފްސަލް ބުނި ގޮތުގައި އިބްރާހިމަކީ، އުމުރުން ސަތޭކަ އަހަރުވީއިރު ވެސް އެއްވެސް މިހެއްގެ އެހީއާ ނުލާ ހިނގާ އުޅެވޭ މީހެއް ކަމަށެވެ. ނަމަވެސް، މިހާރު ނުހިނގޭތާ ދެ އަހަރު ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ސަން އަށް މައުލޫމާތު ދެމުން އަފްސަލް ބުނީ އިބްރާހިމަކީ ޒުވާން ދުވަސްވަރުގައި ޖާނުން ވަރަށް ވަރުގަދަ މީހެއްކަމަށެވެ.

"ތިން މިހުން ހަތަރު މީހުނަށް އުފުލޭ ވަރުގެ ރުއްގުޅި އެއްޗިހި އުފުލާނެ ކާފަ އެކަނިވެސް " އަފްސަލް ބުންޏެވެ.

އިބްރާހީމަކީ ވަރަށް މަސައްކަތްތެރި މީހެއް ކަމަށް އަފްސަލް ފަހާގަ ކުރިއެވެ. އޭނާ އާންމުކޮށް ކުރި މަސައްކަތްތަކަކީ ދަނޑުވެރިކަމާއި މަސްވެރިކަމެވެ.

އިބްރާހީމްގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ނަމާދުގެ ފަހުގައި ލ.ގަމު މަސްޖިދުއް ތައުބާގައެވެ.

comment ކޮމެންޓް