މާމިގިލި ކަޓުވާލުމަށްފަހު ވާދޫ ވެސް ކުއާޓާއަށް

ވާދޫއާއި މާމިގިލި ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ކުއާޓާފައިނަލަށް ގދ. ވާދޫ ދަތުރުކޮށްފިއެވެ.

ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މުބާރާތުގެ ގަދަ 16 ގެ މެޗުގައި ބައްދަލުކުރީ ވާދޫއާއި މާމިގިއްޔެވެ. އެ މެޗު ވާދޫން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ވާދޫގެ ގޯލުތައް ޖެހީ މުހައްމަދު އިޔާދު އަލީއެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ގަދަ 16 އަށް ވާދޫ ދަތުރުކުރީ ގދ. އަތޮޅުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އަދި ޒޯނު ބުރުގައި އެ ޓީމުން ވަނީ ޒޯނު ހައެއްގެ ތަށި އުފުލާލައިފައެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ހައެއްގައި ހިމެނެނީ ލ. އަތޮޅުގެ ޗެމްޕިއަން ގަމާއި ގދ. އަތޮޅު ޗެމްޕިއަން ވާދޫގެ އިތުރުން ގއ. އަތޮޅުގެ ޗެމްޕިއަން މާމެންދޫ އަދި އެއަތޮޅުގެ ރަނަރަޕް ނިލަންދޫއެވެ. އެ ގްރޫޕްގެ ކުޅުން ކުރިއަށް ގެންދިޔައީ ލީގު އުސޫލުންނެވެ.

މީގެ އިތުރުން މާމިގިލި މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރީ އދ. އަތޮޅުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އެ ޓީމަކީ ޒޯނު ހަތަރެއްގެ ރަނަރަޕް ޓީމެވެެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް