Last Updated: 1 decade 2 year ago

ސުނާމީގެ އިންޒާރު ރާއްޖޭންވެސް ނަގައިފި

  • ސުނާމީގެ ބިރުވެރިކަމެއް ނެތް: މެޓް އޮފީސް
ބުލޮގު ޚުލާސާ
***އިންޑޮނޭޝިޔާއަށް 8.9 މެގުނެޓިއުޑްގެ ބާރު މިނުގެގައި ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ދީފި އެވެ. ބާރުގަދަ ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިޔާގެ އަޗޭ ކައިރި އަށެވެ.
19:32

މެޓުން ދެންމެ ބުނީ ސުނާމީގެ އިންޒާރު ކެންސަލް ކޮށްފި ކަމަށް. ސުނާމީގެ އަސަރެއް ރާއްޖެއަށް ނުކުރާކަމަށް މެޓުން ބުނި.
19:19

ސުނާމީގެ ބިރުވެރި ކަމެއް ރާއްޖެއަށް ނެތް ކަމަށް މެޓް އޮފީހުން ބުނެފި. އެ އޮފީހުން ބުނީ ސުނާމީ އެލާޓް 7:30 ގައި ކެންސަލްކުރާނެ ކަމަށް.
18:22

މާލޭގެ ފަޅުތެރޭން ނެރުނު ދޯނިތައް އަނބުރާ ފަޅަށް ވައްދަން ފަށައިފި. މެޓުން ބުނީ ސުނާމީއެއްގެ އަސަރު ކުރުން ދުރުކަމަށް.
18:06

ލަންކާގެ އެލާޓްވެސް ކެންސަލްކޮށްފި. މެޓުން ބުނީ ރާއްޖޭގެ އެލާޓް ކެންސަލްނުކުރަނީ ބިންހެލުމުގެ ބައެއް އަސަރުތައް ލޮނުގަނޑުން ކޮންމެވެސް ވަރަކަށް ފެންނާތީ ކަމަށް.
17:55

ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ނެރުނު ހުރިހާ އެލާޓެއް ކެންސަލް ކޮށްފި. މެޓުން ބުނީ ރާއްޖޭގެ އެލާޓް ކެންސަލް ނުކުރާ ކަމަށް.
މެޓް އޮފީހުގެ އޮފިޝަލް

ރާއްޖޭގެ ބައެއް ރަށްރަށުގެ މޫދު ލޮނުގަނޑު ބޮޑުވަމުން އަންނަ ކަމުގެ ރިޕޯޓްތައް ލިބެން ފަށައިފި. މެޓް އޮފީހުން ބުނީ އޯޝަންވައިޑް ސުނާމީއެއްގެ އަސަރު އަދި ރާއްޖޭގެ ސަރަހައްދުގައި ނެތް ކަމަށް.
ނަމަވެސް އެކަހަލަ ލޮޅުންތަކެއް އައިމާ ލޮނުގަނޑަށް ބަދަލުތަކެއް އައިސްފާނެ. ނަމަވެސް ސުނާމީއެއްގެ ނިޝާނެއް ނެތް.
ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ ސުނާމީގެ އިންޒާރާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ކެބިނެޓު އެއްކުރައްވާ ރައީސްގެ ބެއްލެވުމުގެ ދަށުން ވަޒީރުން ރާއްޖޭގެ ހާލަތު ބައްލަވަމުން ގެންދަވާކަމަށް. ރައީސް އޮފީހުން ބުނީ ބިންހެލުމުގެ ލޮޅުން ރާއްޖެއަށް ކުރިނަމަވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށްވެސް ބުނޭ.
މިފަދަ ޙާލަތުތަކާ ގުޅިގެން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންނާއި، ނޭޝަނަލް މިޓިއޮރޮލޮޖިކަލް ސެންޓަރުން ކަންތައްތައް ގެންދެވުމަށް ކަނޑައަޅުއްވާފައިވާ އުސޫލުތައް ތަންފީޒުވަމުންދާ މިންވަރު ބައްލަވައި، އެކި ފަރާތްތަކަށް ޞައްޙަ މަޢްލޫމާތު ޙިއްޞާ ކުރެއްވުމުގެ ކަންތައް ހިނގަމުންދާ ގޮތް އޮޅުންފިލުއްވި. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މެދުނުކެނޑި މަޢްލޫމާތު އެއްކުރައްވަމުންވެސް އެބަގެންދަވާ.
17:33

އިންޑޮނޭޝިޔާގެ ބަންޑައަޗޭ އަށް 3.5 ފޫޓުގެ ރާޅެއް އެރިކަމަށް މެޓުން ބުނި. އަދި މެޓުން ބުނީ އިންޑޮނޭޝިޔާގެ ބައެއް ސަރަހައްދު ތަކަށް އެރި ރާޅު އެެއަށްވުރެ ވެސް ކުޑަކަމަށް. އެކަމުގައި އެއްވެސް ނުރައްކަލެއް ނެތް.
17:27

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތައްޔާރީހާލަތަކަށް ގެނެސްފި ކަމަށް ޖީއެމްއާރުން ބުނެފި. ރަންވޭ މަތީގައި ހުރި ބޯޓުތައްވެސް ރައްކާތެރި ހިސާބުތަކަށް ގެންދާކަމަށްވެސް ބުނި. އަދި ފަޅުގައި އަޅާފައި ހުރި ދޯނިި ފަހަރުވެސް ތޮށިގަނޑު ބޭރަށް ވަނީ ނެރެފައި.
17:15

ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ނެރުނު ގައުމުތަކުގެ އަދަދު ފަހަކަށް މަދުކޮށްފި ކަމަށް ސުނާމީ ވާނިންސެންޓަރުން ބުނެފި. މިހާރު އެ ލިސްޓުގައި އޮތީ ރާއްޖެ، އިންޑިއާ، ސްރީލަންކާ، އިންޑޮނޭޝިއާ، ޔޫކޭ. މީގެ ކުރިން 28 ގައުމެއް އެ ލިސްޓުގައި އޮތް.
17:14

17:04

މެޓް އޮފީހުން ބުނީ ސުނާމީ އެލާޓްގެ ވަގުތު ރޭގަނޑު 7:30އަށް އިތުރުކޮށްފި ކަމަށް.
16:29

އޭޕީ އިން ބުނީ އާޗޭ ސަރަހައްދުން 30 އިންޗި ]80 ސެންޓިމީޓަރުގެ[ ރާޅެއް އުފެދިފައިވާ ކަމަށް. ނަމަވެސް އެއީ ސީރިއަސް ވަރެއް ނޫން ކަމަށް.
16:12

މެޓު އޮފީހުން ބުނަނީ ބިން ހެލުމާ ގުޅިގެން ކުރިން ރާއްޖޭގައި އިޝޫކޮށްފައިވާ ސަމާލުވުމުގެ ވަގުތު 5:30 އަށް ދިގުކޮށްފައިވާ ކަމަށް. އަދި ރައްކާތެރިވެ ތިބުމަށް.
16:10
16:09

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނެފައި ވަނީ އެކި ގައުމުތަކަށް ސުނާމީ އަތުވެދާނެ ކަމަށް ލަފާކޮށްފައިވާ ގަޑި ފާއިތުވެ އިތުރަށް ދެގަޑި އިރުވުމުން ސުނާމީ ނުރައްކަލެއް ނެތް ކަމަށް ބެލިދާނެ ކަމަށް.
16:06

އިންޑޮނޭޝިޔާގައި ހުންނަ އަލްޖަޒީރާގެ ކަރެސްޕޮންޑެންޓާ ހަވާލާދީ ބުނަނީ 8.8 ގެ އާފްޓާ ޝޮކެއް އައުމާ ގުޅިގެން ސުނާމީ ވޯނިން އެ ގައުމުގައި އާކޮށްފައިވާ ކަމަށް. އަދި މީހުން އިމާރާތްތަކަށް ނުވަނުމަށް އިދާރާތަކުން އަންގާފައިވާ ކަމަށް. ރާއްޖޭގެ މެޓުން ވެސް ކުރިން ބުނެފައިވާ ގަޑި މިހާރު ވަނީ 5:30 އަށް އިތުރުކޮށްފައި.
15:53

އިންޑިޔާއިން ބުނަނީ ރައްކާތެރިވެގެން ތިބުން ރަނގަޅު ކަމަށާއި އެހެން ނަމަވެސް ސުނާމީއެއް ނާންނާނެ ކަމަށް
15:49

އިންޑޮނީޝިއާގައި 6.7 އިންޗިއަށް ލޮނުގަނޑު ވަނީ އުފުލިފައި އެއީ ސުނާމީއެއް ކަމަށް ބެލެވޭ މިންވަރެއް ނޫން ކަމަށް ބުނޭ
15:48

ހުޅުމާލެ އާއި ވިލިމާލޭގެ ފެރީގެ ހިދުމަތް 4:40 ގައި މެދުކަނޑާލަން ވަނީ ނިންމާފައި.
15:43

ސުނާމީ ވޯނިން ސެންޓަރުގެ އޮފިޝަލުންނާ ހަވާލާ ދެއްވާ އަލްޖަޒީރާއިން ބުނެފައި ވަނީ 17 ސެންޓިމީޓަރުގެ ރާޅެއް އަޗޭ އާ ދިމާއަށް ދަތުރު ކުރަމުންދާ ކަމަށް.
15:32

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނަނީ ކަނޑުގެ ލޮނުގަނޑުގެ އުސްމިންތަކަށް ބަލާއިރު ސުނާމީއެއް އުފެދިފައިވާ ކަމަށް ބެލެވޭ ކަމަށް.
15:31

ބައެއް ރަށްރަށުގެ ކައުންސިލުތަކުން ރައްޔިތުން ގޭގެއަށް ނެރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުން އަދި ހާސްކަމުގެ ތެރޭގައި ތިބި މީހުންނަށް ހޭލުންތެރިވުމުގެ މައުލޫމާތު ދަނީ ދެމުން
15:27

ބިން ހެލުމާ ގުޅިގެން ތަފާތު މައުލޫމާތުތައް ފެތުރެމުންދާތީ ރާއްޖޭގެ ރެޑްކްްރެސެންޓްުން މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ފަށައިފި.
15:25

ބިންހެލުމުގެ ބާރުމިން 8.6 ކަށް ދައްކޮށްފި ކަމަށް ރިޕޯޓްތައް ބުނޭ.
15:23

15:13

15:10

ވަރަށް ގިނަ ރަށްރަށުގައި މިވަގުތު މީހުން ޖަމާވެ ތިބީ ރަށުގެ މެދުގައި
15:09

ރާއްޖެއަށް ސުނާމީ އަރާނަމަ އެންމެ ފުރަތަމަ އަސަރު ފޯރާނީ އައްޑު އަތޮޅަށް ކަމަށްވާއިރު އައްޑު އޮތޮޅަށް އަދި އެއްވެސް ކަހަލަ ރަށްގުޑު އިޝާރާތެއް ވެފައެއް ނުވޭ. ނަމަވެސް އަތިރި މަތީގައި ދިރިއުޅޭ މީހުން ވަނީ އުސް ހިސާބުތަކަށް ދާން ފަށާފައި. ވަރަށް ގިނަ މީހުން މައުލޫމާތު ސާފު ކުރަމުން ގެންދޭ.
15:03

މެޓް އޮފީހުން ބުނީ ރަށް ރަށުގައި ދިރިއުޅޭ މީހުން ކުރިއަށް އޮތް ގަޑިއެއްހާ އިރުގެ ތެރޭގައި ގޮނޑުދަށްތަކަށް ނުދިއުމަށް. އަދި މާކަނޑުތަކުގައި ތިބި މީހުން ވެސް ރަށަށް ނުލެފުމަށް ވެސް ލަފާދޭ.
15:00

14:56

ސިފައިންގެ އިތުރުން ފުލުހުން ވެސް ރަށްރަށުގައި މީހުން ހޭލުންތެރިކޮށް ތައްޔާރީ ހާލަތަކަށް ގެނައުމަށް ދަނީ ހަރަކާތްތެރިވަމުން.
14:56

މެޓް އޮފީހުން ބުނީ މިވަގުތަށް ރައްކާތެރީ އުސްތަންތަނުގައި ތިބުން ކަމަށް. އަދި މިހާތަނަށް ސުނާމީއެއް ނުއުފެދޭ ކަމަށް ވެސް ބުނި. ސުނާމީއެއް އުފެދުނު ނަމަ އެކަމުގެ އަސަރު ރާއްޖެ އަށް ފޯރާނީ މެންދުރު ފަހު 16:45 އާ ހަމަށް ކަމަށް މެޓުން ބުނި.
14:56

ޑިޒާސްޓާ މެނޭޖްމަންޓާއި އެމްއެންޑީއެފުން ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ ސެންޓަރު (އީއޯސީ) މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި ސާޖަންޓް މުހައްމަދު ދީދީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްރަށުގެ ކައުންސިލްތަކަށް ގުޅައިގެން ފޯކަލް ޕޮއިންތަތަކެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުން ދާކަމަށް.
14:47

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނަނީ ސުނާމީއެއް އުފެދިދާނެ ކަމަށް ނުބެލެވޭ ކަމަށް.
14:45

މެޓް އޮފީހުން ދެންމެ ބުނީ ބިން ހެލުމަށް ފަަހު އަންނަ އާފްޓާ ޝޮކްގެ އަސަރު ރާއްޖެ އަށް ނުކުރާ ކަމަށް. އަދި އުސް އިމާރާތްތަކުގައި ތިބުމުގައި އަދި ނުރައްކަލެއް ނެތް ކަމަށް.
14:43

ތ. ގުރައިދޫގައި ކައުންސިލުން އެދިގެން އެންމެން މަގުމައްޗަށް ނެރެފި. 2004 ވަނަ އަހަރުގެ ސުނާމީގެ ތަޖުރިބާއަށް ބަލައި ސިފައިން ގެންދަނީ ރަށްރަށުގައި މީހުން ހޭލުންތެރި ކުރުވުމަށް ހަރަކާތްތެރިވާން ފަށާފައި.
14:41

މާލެތެރޭގައި ވެސް ވަރަށް ގިނަ މީހުން ވަނީ މަގުމައްޗަށް ނުކުމެފައި. ވަރަށް ގިނަ ރަށްރަށަށް ވެސް ގުޑުން އިހުސާސްވެ މީހުން ވަނީ އުސް ސަރަހައްދަށް ދަތުރުކޮށްފައި. ވަރަށް ގިނަ ރަށްރަށުގައި މީހުން ރޮމުން ދާ ކަމަށް ބުނޭ
14:37

ލަންކާއަށް މިހާރު ވަނީ ސުނާމީގެ އިންޒާރު ދީފައި
14:36

އަތޮޅުތަކުގައި ރަށްރަށުގެ މީހުން ތައްޔާރީ ހާލަތަކަށް ގެނައުމަށްޓަކައި ސިފައިން ހަރަކާތްތެރިވާން ފަށައިފި
14:34

ބައެއް ސްކޫލްތަކުގެ ކިޔެވުން ވަނީ ހުއްޓާލައި ކުދިން ވަނީ ބޭރަށް ނެރެފައި. ބައެއް އިމާރާތްތަކުގެ ކައިރީގައި މީހުން ރޮމުން ވެސް އެބަގެންދޭ.
14:33

މޮބައިލް ފޯނުތަކަށް ގުޅުމުގައި ވަނީ މައްސަލަތައް ދިމާވެފައި. ދާދި ދެންމެއަކު ފުވައްމުލަކަށް ވެސް ރަށް ގުޑުން އިހުސާސް ކުރެވިފައިވާ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައި.
14:27

ބިންހެލުމުގެ އިހްސާސް ކުރެވިގެން ވެލާނާގެ އަދި ކައިރި ހުރި ބޮޑެތި ބިލްޑިން ތަކުން މީހުން ނިކުމެ.
14:26

ޕެސިފިކް ސްނާމީ ވޯނިން ސެންޓަރުން ބުނީ ބިންހެލުން އައީ 8.7 މެގްނިޓިއުޑްގެ ބާރު މިނުގައި ކަނޑުގެ 33 ކިލޯމީޓަރު އަޑިއަށް ކަމަށެވެ. ސްނާމީއެއް އުފެދުނު ކަމުގެ އިންޒާރު އެސެންޓަރުން އަދި ނުދިން ނަމަވެސް ސްނާމީއެއް އަރާފާނެ ކަމަށް ސަމާލުވެ ތިބުމުގެ އެލާޓެއް އެސެންޓަރުން ވަނީ ނެރެފައެވެ.
14:25

ބައެއް ރަށްރަށަށް ވެސް ބިން ހެލުމުގެ އިހުސާސް ކުރެވިފައިވާ ކަމަށް ބުނަން ފަށައިފި. ހދ. މަކުނުދޫއަށް ވަނީ ވަރަށް ބޮޑަށް ގުޑުން އިހުސާސްވެފައި. ވަރަށް ގިނަ ރަށްރަށުގައި މީހުން ވަނީ އުސް ހިސާބުތަކަށް ދާން ފަށާފައި.
14:22

އެންޑަމަން އެންޑް ނިކޮބާ އައިލެންޑްސް އަށް ސުނާމީ އިންޒާރު ދީފި
14:21

ވެލޭނާގޭ ބިލްޑިންގާއި ހުރަވީ އަދި ޣާޒީ ބިލްޑިންގުން ވެސް މީހުންތައް ބޭރަށް ފައިބަމުން އެބަދޭ.
14:16

ބިން ހެލުމުގެ ލޮޅުން އިހުސާސްވެގެން އިތުތު ބިލްޑިންގްތަކުން މީހުން ނެރެން ފަށައިފި. ހުޅުމާލޭ ލާލޭ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ވެސް ބޭރަށް ނެރެފި
14:14

އިންޑޮނޭޝިޔާގެ ދެކުނު ސުމަޓްރާއަށް އައި ބާރު ގަދަ ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ކުރިއަށް އޮތް ތިން ގަޑިއިރުގެ ތެރޭގައި ސުނާމީއެއް އަތުވެދާނެ ކަމުގެ އިންޒާރު ޑިޕާޓްމަންޓް އޮފް މީޓިއަރޮލޮޖިކަލް ސާވިސް އިންދީފި. މެޓް އޮފީހުގެ ޑިރެކްޓާ ހުސެއިން ވަހީދު ސުމަޓްރާއަށް އަށް އައި މިބާރު ގަދަ ބިން ހެލުމުގެ އަސަރު ރާއްޖެއަށް ވެސް ކުރިއަށް އޮތް ތިން ގަޑިއިރުގެ ތެރޭގައި ކޮށްފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށާއި ނަމަވެސް އަދި ސުނާމީއެއް އުފެދިފައިވާ ނުވާ ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި. " ރާއްޖެއަށް އަށް ވެސް ތިން ގަނޑި އިރު ތެރޭގައި ސުނާމީ އެއް އައުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެން މިމަސައްކަތް ކުރަނީ އިމަޖެންސީ ހާލަތެއްގަ،" މެޓް އޮފީހުން ވަނީ ސުނާމީ އިންޒާރުގެ ޔެލޯ ލެވަލް އިސޫކޮށްފައި އެއީ ސުނާމީއެއް އަތުވެދާނެ ކަމުގެ އިންޒާރު
14:13

ސުނާމީގެ އިންޒާރު ދީފައި ވަނީ 28 ގައުމަކަށް. އޭގެ ތެރޭގައި ރާއްޖެ އާއި އިންޑިޔާ އާއި ސްރީލަންކާ ހިމެނޭ. ސުނާމީގެ އަސަރު ރާއްޖެއާ ހަމައަށް ފޯރާނެ ކަމަށް ބުނެފައި ވަނީ ދެގަޑިރުގެ ތެރޭގައި.
14:09

ޖަސްޓިސް ބިލްޑިންގަށް ވަރަށް ބޮޑަށް ގުޑުން އިހުސާސްވުމާ ގުޅިގެން އެންމެން ބޭރަށް ނެރެފި
14:08

ރާއްޖޭގެ ވަރަށް ގިނަ އިމާރާތްތަަކަށް ލޮޅުން އަރާ ކަމަށް ބުނަމުން އެބަދޭ. އަދި މީހުންތައް ބިލްޑިންގުން ބޭރަށް ވެސް ނުކުންނަން ފަށައިފި
14:06

މި ބިންހެލުމުގެ ލޮޅުންތައް ރާއްޖޭގައި ބައެއް މީހުން އިހުސާސްކުރެވުނު ކަމަށް ބުނަމުން އެބަދޭ