އެމްޑީޕީގެ އިސް ލީޑަރަކީ ހަޖަމުނުކުރެވޭ ބާޣީއެއް: އިންތި

އެމްޑީޕީގެ އިސް ލީޑަރަކީ ޑިމޮކްރަސީ ހަމަޖަމު ނުކުރެވޭ "ގުންޑާއެއް" ކަމަށާއި އެއީ "ބާޣީއެއް" ކަމަށް ސިފަކޮށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ ނައިބު އިދާރީ މުހައްމަދު އިމްތިޔާޒު (އިންތި) ވާހަކަފުޅު ދައްކަވައިފި އެވެ. އެމްޑީޕީ ރިފޯމް ކުރުމަށް ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީއަށް ގޮވާލައްވާ އޭނާ ވިދާޅުވީ އެކަން ކުރައްވައިފިނަމަ "އަލްހާން ވެގެން ދާނީ ބޮޑުތަކުރުފާނަކަށް" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯދައި ދިނުމަށް އިއްތިހާދުގެ ޕާޓީތަކުން މިރޭ އެ ދާއިރާގެ ގާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ "ގުންޑާއިންނަށް ހަޖަމު ނުކުރެވޭނެ" ކަމަށާއި މިހާރު މިދަނީ އެކަން ސާބިތުވަމުން ކަމަށެވެ.

"އަޅުގަނޑަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ ނައިބަކަށް ވާދަކުރި މީހެއް، އަޅުގަނޑާ ވާދަކުރަން އެބޭފުޅުން ނެރުނީ ތުއްތުބޭ ކިޔާ ބޭފުޅެއް އަޅުގަނޑާ ދެކޮޅަށް ލީޑަޝިޕްގެ ސީނިއާ ހުރިހާ ބޭފުޅުން ތިބިއިރު ވެސް އަޅުގަނޑަށް ތާއީދު ކުރި އެމްޑީޕީގެ މެންބަރުންގެ މަސައްކަތުން 72 ޕަސެންޓުން އެބޭފުޅާ ބަލި ކުރިން. އެބުރުގައި ގަނޑުވަރުތެރޭގެ ގުންޑާއިން ބަލިކޮށްފަ ދެންތިބި ބޭފުޅުން ކާމިޔާބު ކުރިއޭ،" އެމްޑީޕީގެ އިސްވެރިންނަށް އިންތި ފާޑު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އިސް ބޭފުޅުންގެ ކިބައިގައި ގާބިލުކަން ނެތް ކަމަށާއި އެކަމަކު "ގުންޑާ" އިންނަށް އެކަން ގަބޫލު ނުކުރެވޭނެ ކަމަށެވެ. ސަރުކާރު ވެއްޓުނީ އެފަދަ އެތައް މިސްޓޭކެއް އަމިއްލައަށް ހައްދަވައި އެމްޑީޕީގެ ހަރުގެ ތެރެއިން ގައުމު ހިންގަން ފެށުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެބޭފުޅުންނަކީ ގުންޑާއިން ގޮވައިގެން، ގުނޑާއިން ގެންގުޅޭ ބައެއް. އިންތިހާބުވީ މީހުން މަޑުމަޑުން ބާކީކޮށް އެމީހުންގެ ބަސް ގަބޫލު ނުކޮށް މަޝްވަރާ ނުކޮށް ސައި މޭޒު ކައިރިން ގައުމު ހިންގަން ފެށީ! އެމްޑީޕީ ހަރުގެ ތެރެއިން ގައުމު ހިންގަން ފެއްޓީ ކީއްވެގެންތޯ؟ ވެރިކަން ވެއްޓުނީ ކިތަންމެ މިސްޓޭކެއް އަމިއްލައަށް ހަދައިގެނޭ އަމިއްލައަށް އިސްތިއުފާ ދިނީ ބަޔަކު ބަޣާވަތްކޮށްގެނެއް ނޫނޭ،" ރައީސް މުހައްމަދު ނަޝީދަށް ނިސްބަތް ކުރައްވާ އިންތި ވިދާޅުވި އެވެ. "ބަޣާވާތެކޭ އެކިޔަނީ ގެއްލުނު އެއްޗެއްގެ ބޮޑުކަމުންނޭ، މަގުމައްޗަށް ނުކުމެ ހަޅޭ ލަވަމުން ދަނީ، ލަވަ ޖަމުން ދަނީ މީހުން ގައިގައި ކަޓަރު އަޅަމުން ދަނީ އަނިޔާ ކުރަނީ ގެއްލުނު އެއްޗެއްގެ ބޮޑު ކަމުންނޭ! ހަމަ އެ ނަޝީދެއް ނޫންތޯ ވިދާޅުވީ 22 ރޭވަންދެން މުޒާހަރާ ކުރީމާ މުޒާހަރާ އެކުރަނީ ގެއްލުނު އެއްޗެއް ބޮޑު ކަމުންނޭ އަދިވެސް ހަގީގަތް ގަބޫލު ނުކުރާނެ، ކޮބައިތޯ ޑިމޮކްރަސީއަކީ؟"

އެމްޑީޕީގައި ޑިމޮކްރަސީ ނެތް ކަމަށް ސާބިތުކޮށް ދެއްވާނެ ކަމަށް ތަކުރާރު ކުރައްވަމުން އިންތި ވިދާޅުވީ އެމްޑީޕީގައި އެންމެ ފަހުން ބޭއްވި ދާއިރާތަކުގެ އިންތިހާބުގައި އެންމެ އިސްކޮށް އުޅުއްވީ އޭނާ ކަމަށާއި އެ އިންތިހާބުގައި އެންސްޕާ އިބްރާހިމް ވަހީދު ވަނީ ޑިމޮކްރަސީއާ ހިލާފަށް ވަލު ދޮރާށިން ވައްދާފައި ކަމަށެވެ.

"އެންސްޕާ އިބުރާ [ހުތުރު ނަންތަކެއް ވިދާޅުވެފައި] އެހުރީ ވަލު ދޮރާށިން ވައްދާފައޭ އެތަނަށް. އަޅުގަނޑަކީ އިންތިހާބު ކޮމެޓީގެ މެންބަރެއް އެެބޭފުޅާއަކީ މުގައްރިރު އެބޭފުޅާ އަމިއްލައަށް އިންނަވައިގެން ހެއްދެވި ގަވައިދުގައި އޮންނާނެ ވައްކަމެއްގެ ކުށް ސާބިތުވެފައިވާ މީހަކަށް އިންތިހާބުގައި ބައިވެރި ނުވެވޭނޭ ކޮބައިތޯ ލެޕްޓޮޕް ވަގަށް ނަގައިގެން ކުރި ހުކުމް ނެތީތޯ؟ އަޅުގަނޑުމެން ފޮނުވީމޭ، ހައިކޯޓުން ހުކުމް ފޮނުވިއޭ ވައްކަން ކުރިކަން ސާބިތުވެފައިވާ ކަމަށް. އެވަރުން ވެސް ޑިމޮކްރަސީގައި ކޮޅުފައިން ޖަހާފައި އޭނާ ވެއްދީ ދެން ކިހިނެއްތޯ އެބޭފުޅުން ދައްކާ ވާހަކަ ގަބޫލު ކުރާނީ"

އޭނާ އަދި ވިދާޅުވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު އޭނާއަށް ބުރާސްފަތި ދުވަހު ގުޅުއްވި ކަމަށާއި އަދި އޭނާ އިސްތިއުފާ ދެއްވުމަށް އަހުމަދު މައުސޫމް އެދިވަޑައިގެންނެވި ކަމަށެވެ. އަދި އިސްތިއުފާ ނުދެއްވާނެ ކަމަށް ޝާހު ވިދާޅުވި ކަމަށާއި ޑިމޮކްރަސީ ދަންނަ ބަޔަކު އެގޮތަށް ކަންތައް ނުކުރާނެ ކަމަށެވެ.

އިންތި ވަނީ އެމްޑީޕީ ރިފޯމް ކުރުމަށް އެޕާޓީގެ ނައިބު ރައީސް އަލްހާނަށް ގޮވާލައްވާ އެކަން ކުރައްވައިފި ނަމަ އަލްހާން ވެގެންދާނީ ބޮޑުތަކުރުފާނު ފަދަ ބޭފުޅަކަށް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.

"ކޮބައިތޯ ޑީޑީ، އެ އުޅުއްވާ ހާލަކީ ކޮބައިތޯ؟ އަލްހާނަށް އަޅުގަނޑު މިރޭ ގޮވާލަން އަލްހާނޭ ތިބޭފުޅާ ވެވަޑައިގަންނަވަންވީ ނޫން ހެއްޔޭ ބޮޑު ތަކުރުފާނަށް! އެމްޑީޕީ ހަމަހަމަގަށް އަޅުވާލާ އެ ބާޣީން އެތަނުން ނެރެލާ ތިބޭފުޅާ ބޮޑުތަކުރުފާނަކަށް ވެވަޑައިގަތުމަށް މިއޮތީ ފުރުސަތު ލިބިފައޭ ތިބޭފުޅާއަކީ އެވަރު ކަމެއް ކޮށްލެވޭނެ ބޭފުޅެކޭ ސާބަހޭ!" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރަށް ނިސްބަތް ކޮށް "ބާޣީ ސަރުކާރޭ" ކިޔާއިރު އާއިލާ ދަރިފަސްކޮޅަށް ދާންދެން ބާޣީން ތިބީ ކޮން ތަނެއްގައިކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެއް ކަމަށާއި އެވާހަކަ އޭނާ ވިދާޅުވެ ދެއްވަން ނުޖެހޭނެ ކަމަށެވެ.

"އެމްޑީޕީގެ އަސާސީ ގަވައިދު ވެސް ފާސްކޮށް ފޮރުވާފައ ބޭއްވީ ކީއްވެތޯ؟ އެބޭފުޅުން ހިތަށް އެރީ އަސާސީ ގަވާއިދު ގައި ރައީސާ ނައިބު ރައީސްގެ މަގާމު ވެސް ތިމަންނަމެން ބޭނުންވީމާ އުވާލެވޭނޭ. އެހެނެއް ނުވިއޭ އެމްޑީޕީ މެންބަރުންނެއް ގަބޫލެއް ނުކުރެއޭ. މިހާރު ގުންޑާއިންގެ ބަސް އަހަން ތިބޭނީ 3400 އެއްހާ މީހުން ދެނެއް ނުތިބޭނެ އިތުރަކަށް މެންބަރުންނެއް،"

އިންތި ވިދާޅުވީ އަމިއްލަ ޕާޓީގެ އަސާސީ ގަވައިދަށް އިހުތިރާމް ނުކުރާ ބަޔަކު ގާނޫނު އަސާސީއަށް އިހުތިރާމް ނުކުރާނެ ކަމަށާއި "ކޮންމެވެސް ތަނަކަށް" ވަޑައިގަތުމަށް ޕާޓީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ކުއްލިއަކަށް މަގާމުން އިސްތިއުފާ ދެއްވި ދެއްވުމަކީ އެފަދަ ކަމެއް ކަމަށެވެ. ޕާޓީގެ ގަވައިދަކީ މާރިޔާގެ މޭޒުމަތީގައި ބާއްވައި މިންޖަހައިގެން އޭނާއަށް ފަހާފައިވާ ލިބާހެއް ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"ދެން އޭނަ ވަޑައިގަތީމަ މައްސަލަ ޖެހޭނެ ނޫންތޯ؟ އެ ލިބާހެއް ދެން ނުލެވޭނެ ނޫންތޯ އެހެން މީހަކަށް. އަސާސީ ގަވައިދުގައި ލިޔެފައި އޮންނާނޭ ޗެއާ ޕާސަނެއް ނެތިއްޖެ ހާލަތެއްގައި ހުންނާނީ ޗެއަޕާސަން ނައިބު އިދާރީއޭ އެކަމެއް ނުކުރެވުނޭ. މައުސޫމަކީ ޗެއާ ޕާސަނެއް އަޅުގަނޑަކީ ޗެއާޕާސަނެއް. އަޅުގަނޑަކީ ރާއްޖެ ތެރޭ މީހެއް. މާރިޔާގެ ބަހުންނަމަ ބޮޑު 'އައިލެންޑް ބޯއީ'، ހަޖަމެއް ނުވިއޭ، ކޮބައިތޯ ޑިމޮކްރަސީ... މިހާރު މިއުޅެނީ އެއީ ބާޣީންކަން ދައްކަން. ދެން ޖެހިއްޖެ ކުއްލިއަކަށް ގައުމީ މަޖިލީހެއް ބާއްވަން އަޅުގަނޑު ނޫންތޯ ޗެއާ ކުރަން ޖެހޭނީ އަޅުގަނޑަށޭ އޮތީ ހުރިހާ ޒިންމާއެއް އަޅުގަނޑު މީނީ ޗެއާ ކުރަން، އިންދާ އެއްކަލަ ބާޣީ ނަޝީދު ނުކުމެ އަޅުގަނޑު ބޭލީއޭ ރިޔާސަތުން ކާކުތޯ ބާޣީއަކީ؟ އެތެރޭގަ ނެތޭ ޑިމޮކްރަސީއެއް އެއީއޭ ބާޣީންނަކީ! ރީކޯ މޫސާ އެއީ ވަގުތީ ޗެއާ ޕާސަނެކޯ، ކޮން ގަވައިދަކުން ތޯ؟ ކިހިނެއްތޯ؟ އެއީ ޗެއާ ޕާސަނެއް ނޫނޭ މާދަމާ ކޯޓަށް ދިޔަސް އަޅުގަނޑުމީ އޭރުގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ މީހާ. އެހެންވީމާ ބާޣީންނަކީ އެ ގުންޑާއިން."
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު