ވެންޓިލޭޓަރުތަކުގެ މައްސަލަ އެންމެ ފަހުން ފޮނުވިއިރުވެސް ތަހުގީގު ފުރިހަމައެއް ނޫން: ޕީޖީ

ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީން ފުރަތަމަ ޕީޖީއަށް ފޮނުވީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14ގައި--- ފޮޓޯ

ކޮވިޑް-19ގެ ފަރުވާއަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި 11 މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފޮނުވާފައިވާ މައްސަލައިގެ ތަހުގީގު އެންމެ ފަހުން ފޮނުވިއިރު ވެސް އެއްކޮށް ފުރިހަމަ ނުވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

އޭސީސީން އެ މައްސަލަ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު އިސްލާހް ކުރުމަށްފަހު އަލުން ހުށަހެޅުމަށް ކަމަށް ބުނެ އެ މައްސަލަ އަނބުރާ ވަނީ ފޮނުވާލާފައެވެ. ހަތަރު ވަނަ ފަހަރު އެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައިވަނީ ފާއިތުވި ޖޫން މަހުގައެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް އަޙްމަދު ޝަފީއު މިއަދު 'ސަން'އަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް އެ މައްސަލަ އަނެއްކާވެސް ޖޫން މަހުގެ ތެރޭގައި އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި މިހާރު އޭސީސީން ތަހުގީގު ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭސީސީން މީގެ ކުރިން ބުނެފައިވަނީ, ވެންޓިލޭޓަރު މައްސަލަ އެންމެ ފަހުން ޕީޖީ އޮފީހަށް ފޮނުވިއިރު، މައްސަލައިގައި މީގެ ކުރިންވެސް ދައުވާކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ 11 މީހުންނަށް އިތުރު ދައުވާއެއް ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

އެގޮތުން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާ ގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށް އެދިފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީން ފުރަތަމަ ޕީޖީއަށް ފޮނުވީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14ގައެވެ. ނަމަވެސް، އޭރު ކުށުގެ އުންސުރުތައް ހަމަނުވާ ކަމަށް ބުނެ ޕީޖީން ދައުވާ ނުކުރަން ނިންމިއެވެ. އަދި މައްސަލަ އަލުން ރިވިއުކުރުމަށް އަންގައި ޕީޖީން މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލީއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކަށް، އެއްވެސް ގެރެންޓީއަކާ ނުލައި ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފައެވެ.

އެ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ފޯރުކޮށްދީފައި ނުވާތީ މިދިޔަ އަހަރުގެ މެއި މަހު ދިވެހި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.

comment ކޮމެންޓް