ބާ ޖަމާލުއްދީން ތަޅާލުމުގެ މަސައްކަތް ފަށައިފި

ބާ ޖަމާލުއްދީން ސުކޫލް -- ސަން ފޮޓޯ

އަރަބިއްޔާ ސްކޫލް ހިންގާނެ އާ އިމާރާތެއް އެޅުމަށް ޓަކައި ބާ ޖަމާލުއްދީން ތަޅާލުމުގެ މަސައްކަތް މިއަދު މެންދުރު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެ މިދިޔަ އަހަރުގެ ފަހުކޮޅު އެ ސްކޫލްގެ ބެލެނިވެރިން އިހުތިޖާޖު ކުރިއެވެ.

އެ އިހުތިޖާޖުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނިންމީ އަރަބިއްޔާގެ ކުދިން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރާށެވެ. ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން އާ އިމާރާތެއް އަޅަން މާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ކުރާނެކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރިއެވެ.

އޭގެ ފަހުން، އަރަބިއްޔާ ސްކޫލް އިމާރާތުގެ ބަދަލުގައި އާ އިމާރާތެއް އަޅަން ނިންމެވިކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާންކުރެއްވިއެވެ.

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މިހާރު ވަގުތީ ގޮތުން ކިޔަވަމުން ގެންދަނީ ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތުގައެވެ.

އަރަބިއްޔާ ސުކޫލަކީ 2011 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށް 2013ގައި ހުޅުވި ސްކޫލެކެވެ.

comment ކޮމެންޓް