ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދަތިތަކެއް ހުރި ނަމަވެސް އިގްތިސާދެއް ނުހުއްޓޭ: މިނިސްޓަރު

ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމިޓީން މިއަދު ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލު ކުރުން--- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ރަޝިއާއާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އެކަމުގެ ނޭދެވޭ އަސަރު ކުރި ނަމަވެސް ރާއްޖޭގެ އިގްތިސާދު ނުހުއްޓޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރާއްޖޭގެ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް ކޮމިޓީގެ މެންބަރުން ވަނީ ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

އެ ކޮމިޓީގައި މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް އަނެއްކާވެސް ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުބޮޑުވެ، ތަކެތީގެ އަގުބޮޑު ވުމާއެކު އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި އުނދަގޫތަކާއެކު ވެސް ރާއްޖޭގެ އިގްތިސާދު ހުއްޓުމަކަށް ނައިސް ހިނގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ އެކަން މެނޭޖް ކުރަމުން. ދަރަނިތައް ނުދެއްކޭނެ ފަދަ ހާލަތަކަށް ނުދާނެ ކަން ޔަގީން،" މިނިސްޓަރު ވިދާޅުވިއެވެ.

މި ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް އަސަރު ކޮށްފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގެ ކުރިން ރަޝިއާ އަދި ޔޫކްރެއިނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އިންސައްތައަކީ 18އަށް ވީއިރު އެކަން މުޅިން ހުއްޓުނު ކަމަށެވެ. ނަމަވެސް އެހުރިހާ ދަތިތަކާއެކު އިގްތިސާދުގެ ދުވެލި ހިނގަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިއަހަރު ފެށުނުއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ރަޝިއާ އޮތް ނަމަވެސް، ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން ރަޝިއާއަށް ވަނީ އެމަގާމު ގެއްލިފައެވެ. އަދި މިހާރު ރަޝިއާ އޮތީ އެ ލިސްޓުގެ ތިންވަނައިގައެވެ. އެއް ވަނައާއި ދެވަނައިގައި އޮތީ އިންޑިއާއާއި އިނގިރޭސިވިލާތެވެ.

ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް، އެމެރިކާގެ އިންވެސްޓްމެންޓް ބޭންކެއް ކަމުގައިވާ ޖޭޕީ މޯގަންގެ އެނަލިސްޓަކު ވަނީ ވިދާޅުވެފައެވެ.

އެކަމާ ބެހޭ ރިޕޯޓެއްގައިވާ ގޮތުން އެ ބޭންކުން ދިރާސާކުރި 52 ގައުމުގެ ތެރެއިން ދެބައިކުޅަ އެއްބަޔާ ގާތްކުރާ ގައުމުތަކުގެ ދަރަނި އަނބުރާ ދެއްކުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. އޭގެތެރެއިން ވެސް އަންނަ އަހަރުގެ ނިޔަލަށް ރިޒާވް އެއްކޮށް ހުސްވެ، ޑިފޯލްޓް ވާނެ ކަމުގެ ބިރު އޮތް އަށް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ވެސް އެނެލިސްޓުން ބުނެފައިވެއެވެ.

https://sun.mv/165158

އެ ރިޕޯޓާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވަނީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް