މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން އެ ދުވަހު އެ މަނިކުފާނު ބަނޑޭރިގޭގައި ގިނަ އަދަދެއްގެ ސިފައިންނާ އެކު ހަރަކާތްތެރިވާތަން ދައްކުވައިދޭ ކަމަށް ބުނާ ވީޑިއޯ ފުޓޭޖެއް ޔޫޓިއުބުގައި ބަޔަކު ލީކްކޮށްލައިފި އެވެ.
އެއް މިނިޓާއި ފަންސާސް ދެ ސިކުންތުގެ އެ ވީޑިއޯގެ އަޑު ވަނީ ކަނޑާލައިފަ އެވެ. ނަމަވެސް އެވީޑިއޯ އިން ފެންނަ ގޮތުގައި ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވަރަށް ގިނަ އަދަދެއްގެ ރަޔަޓް ސިފައިންނާ އެކު ހިންގަވައި އަދި ސިފައިންނަށް ކޮމާންޑު ކުރައްވަމުންދާ މަންޒަރު ފެނެ އެވެ.
އެވީޑިއޯ އިން ފެންނަ ގޮތުގައި ރައީސް ނަޝީދު ވަރަށް މިނިވަން ކަމާ އެކު ގިނަ އަދެއްގެ ސިފައިންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާ މަންޒަރާއި ސިފައިން އަތް މައްޗަށް ނަގާ މަންޒަރު، އެޑިޓްކޮށްފައިވާ އެ ވީޑިއޯ އިން ފެނެ އެވެ.
މިއަދު ލީކްވެފައިވާ ވީޑިއޯއާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން އެމްއެންޑީއެފުގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ އެފަދަ ވީޑިއޯއަކާ ބެހޭ މައުލޫމާތު އެ ފަރާތަށް ލިބިފައި ނުވާ ކަމަށެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން ޖުމުހޫރީ މައިދާނުގައި ތިބި ފުލުހުންނާ ބައްދަލުކުރެއްވުމަށް ނިކުމެވަޑައިގަންނަވާ މަންޒަރާއި އަދި އެ ދުވަހު އިސްތިއުފާ ދެއްވުމަށް ރައީސް އޮފީހަށް، ގިނަ އަދަދެއްގެ ސިފައިންގެ ބެލުމުގެ ދަށުން ކާރުކޮޅުގައި ވަޑައިގަންނަވާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
ރައީސް ނަޝީދު މިދިޔަ މަހު 7 ވަނަ ދުވަހު ސިފައިންގެ ގޭގައި އުޅުއްވި ތަން ދައްކުވައިދޭ ވީޑިއޯ ކަމަށް ބުނާ ވީޑިއޯއެއް މިއަދު އާންމުވި އިރު، މިދިޔަ މަހު 10 ވަނަ ދުވަހު ވެސް ވަނީ އެފަދަ ވޯޑިއޯއެއް ލީކްވެފަ އެވެ. އެ ވީޑިއޯގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން އެމްއެންޑީއެފްގެ ހެޑްކުއާޓާޒްގައި ސިފައިންނަށް ކޮމާންޑްކުރައްވައި އަޑުހަރުކޮށް ސިފައިން ބޭރަށް ނުކުތުމަށް އަމުރުކުރައްވާ މަންޒަރު ފެނެ އެވެ. އަދި އެ ވީޑިއޯ އިން ފެންނަ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބުރާހިމް ކަލޭފާނާއި ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒު ކޮޅުކޮޅު މައްޗަށް ވަޑައިގެންނަވާ މަންޒަރު ފެނެ އެވެ.
ލިޔުމާ ގުޅޭ ވީޑިއޯ :
http://www.youtube.com/watch?v=YLiteMChVLU