LIVE BLOG
DONATE ONLINE
28,972,595.98
Total Fund:
MVR

މުސްތޮފާގެ ދަރަނި ފައިސާއާ ސިވިލް ކޯޓުން ހަވާލެއްނުވި

    07 މާޗް 2012 - 2 އަހަރު 6 މަސް ކުރިން
    21 ކޮމެންޓު

ސާބިތު ދަރަންޏެއްގެ އޮތް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ގެއްލިފައިވާ މުހައްމަދު މުސްތޮފާގެ މައްޗަށް ޝާބިތުވެފައިވާ ދަރަނީގެ ފައިސާ ކަމަށް ހުކުމުގައި ބުނެފައިވާ 31،231.66 ޑޮލަރަށްވާ 4،013،26.83ރ. މިއަދު ސިވިލް ކޯޓާ ހަވާލުކުރަން މުސްތަފާގެ ފަރާތުން އޭނާގެ އެޖެންޓަކު ދިއުމުން އެފައިސާއާ ސިވިލް ކޯޓުން ހަވާލެއް ނުވި އެވެ.

ތިމަތަފުށީ ކުޑަދޮހުއްތުގެ މުސްތަފާ (ކުޑަދޮއްހުތުއަކީ ނަވަރާސަތޭކަ ފަސްދޮޅުގެ އަހަރުތަކުގެ ތެރޭގައި އޭރުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި ޑިމޮކްރަސީގެ ވާހަކަ ދެއްކެވުމުން 'ސްޓޭޖީ ކަލޯ' ގެ ނަމުގައި މަޝްހޫރުވި ލިޔުންތެރިއެކެވެ.) މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވާ ފައިސާ މިއަދު ސިވިލް ކޯޓާ ހަވާލުކުރަން އޭނާގެ ކެމްޕޭން އެޖެންޓް، އަބްދުﷲ ޖަމީލް އެކޯޓަށް ވަޑައިގަތުމުން އެ ފައިސާއާ އެކޯޓުން ހަވާލުވެފައި ނުވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވާ ފައިސާ ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ވަނީ ފައިސާ ބަލައި ނުގެންފައި. އަޅުގަނޑުގެ އެޖެންޓް ވިދާޅުވީ އެމީހުން [ކޯޓުން] އެ ފައިސާ ބަލައިގަތުމަށް އުޒުރުވެރިވި ކަމަށް،" މުސްތަފާ ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ރަޖިސްޓްރާ، އަހުމަދު އަބްދުލް މަތީން މިއަދު ވިދާޅުވީ މުސްތޮފާގެ ދަރަނި ފައިސާއާ މެދު އެއްޗެއް ވިދާޅުވާން އެނގިވަޑައިގެންނަވާނީ އިތުރަށް ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ކަމަށެވެ. އެކަމަކު މުސްތަފާގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ ފައިސާ ކޯޓަށް ހަވާލުކުރަން ގެންދިޔަކަން ނުވަތަ ނޫން ކަން ވެސް ރަޖިސްޓްރާ ވިދާޅެއް ނުވެ އެވެ.

މުސްތަފާގެ ކެންޕޭން އެޖެންޓް ޖަމީލް މިއަދު ވިދާޅުވީ ސިވިލް ކޯޓާ ހަވާލުކުރުމަށް ގެންދިޔައީ 4،013،26.83 ރުފިޔާ ކަމަށާއި އެ ފައިސާއާ ކޯޓާ ހަވާލުކުރަން ދިއުމުން ފުރަތަމަ ބުނީ ފައިސާއާ ހަވާލުވާން އެނގޭނީ އަރުޝީފް ބެލުމަށްފަހު ކަމަށެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގެ ހުކުމްގައި އެ ފައިސާއާ ހަވާލުވާނެ ތަނެއް ކަނޑައަޅައިފައި ނެތުމުން، އެ ފައިސާއާ ބަލައިގެންނާނެ ތަނެއް އެނގޭނީ ސުޕްރީމް ކޯޓާއެކު އެކޯޓުން މިއަދު މެންދުރު 2:00 ބާއްވާ ބައްދަލުވުމަކަށްފަހު ކަމަށް ބުނި ކަމަށެވެ.

"ސިވިލް ކޯޓުން އެބަބުނޭ މުސްތަފާގެ މައްޗަށް ދަރަންޏެއް ނެތޭ! އަދި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވާ ފައިސާ ބަލައިގެންނާނެ ތަނެއް އެނގޭނީ އެކޯޓަށް ކަމަށް،" ޖަމީލް ވިދާޅުވި އެވެ.

މުސްތަފާގެ މައްޗަށް ސާބިތުވެފައިވާ މި ފައިސާއަކީ ރާއްޖޭގައި ކުރިން ހިންގި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން މުސްތޮފާގެ ހިއްސާ އޮންނަ ސީފުޑް އިންޓަނޭޝަލްއިން ނެގި ލޯނުގެ ތެރެއިން އެ ބޭންކް އުވިގެން ދިޔައިރު ނުދައްކާ އޮތް ފައިސާ ކަމަށް މަދަނީ ކޯޓުން 26 އޮގަސްޓް 1997 ކޮށްފައިވާ ހުކުމުން ކަނޑައެޅިގެން އެނގޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

މުސްތޮފާގެ މައްޗަށް ސުޕްރީމް ކޯޓުން އެ ހުކުމް ކުރީ ތިމަރަފުށީ ދާއިރާގެ މެންބަރު ކަމުން މުސްތަފާ ވަކިވެއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެދި ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރުމަށް އެދި ވަޑައިގެންފައިވާ ދެ ކެންޑިޑޭޓުންގެ ތެރޭގައި މުސްތޮފާ ހިމެނި ވަޑައިގަންނަވަ އެވެ. އެމްޑީޕީގެ ޓިކެޓް ހޯދުމުގެ ލިޔުންތައް މިއަދު ޕާޓީ އޮފީހަށް ހުށަހަޅަން ޖެހޭއިރު އެ ލިޔުންތައް އަންނަ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. މުސްތޮފާގެ އެޖެންޓް ބުނީ މުސްތޮފާގެ ސާބިތު ދަރައްޏެއް ނެތް ކަމުގެ ލިޔުންތައް ވެސް މިއަދު އެމްޑީޕީގެ އޮފީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

މުސްތަފާގެ މައްޗަށް ސާބިތުވެފައިވާ 31 ޑޮލަރުގެ ދަރަނީގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާއިރު އޭނާގެ މައްޗަށް މިހާރު އުފުލާފައިވާ ޗެކް ބައުންސް މައްސަލާގެ ހުކުމް އިއްވުން އަންނަ އަންގާރަ ދުވަހު އޮންނާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.
ދަރިނި ފައިސާގެ މައްސަލައިގައި މުސްތޮފާއާއެކު ސިވިލް ކޯޓުން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ޚިޔާލު

ކޮމެންޓު ލޯޑުވަނީ

ޚިޔާލު ފާޅުކުރައްވާ!