ދަރުބާރުގޭގައި ޑީޖޭއެއް ބާއްވައި ހަމަނުޖެހުން ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދެ ޖިންސުގެ ޒުވާނުން އެއްވެ، ދަރުބާރުގޭގައި މިރޭ ޑީޖޭއެއް ބާއްވަމުން ދަނިކޮށް، ދަރުބާރުގޭގެ ބޭރުގައި ހަމަނުޖެހުންތަކެއް ހިނގާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުންގެ އޮފިޝަލަކު މިރޭ ވިދާޅުވީ ދަރުބާރުގޭގައި މިރޭ އިރާކޮޅު ޑީޖޭއެއް ބޭއްވި ވަގުތު އެ ސަރަހައްދުގައި ބަޔަކު "ތަންކޮޅެއް ހައިޕާ އެކްޓިވް"ކޮށް އުޅެ، ހަމަނުޖެހުން ހިންގާ ކަމުގެ މައުލޫމާތު ލިބުމާ އެކު ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެތަނުގައި ބަޔަކު މަސްތުވާ ހާލަތުގައި ތިބިކަމަށް ޝައްކުކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދަރުބާރުގޭގައި ޑީޖޭ ހިނގަމުންދިޔަ ވަގުތު އެ ސަރަހައްދުގައި މާރާމާރީއެއް ހިންގި ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

ދަރުބާރުގޭގައި މިރޭ ޑީޖޭ ބޭއްވި ވަގުތު ގިނަ އަދަދެއްގެ ފުލުހުންނާ އެކު ހަތަރު ވެހިކަލް އެ ސަރަހައްދަށްދިޔަ އެވެ. އަދި ކުޑަކުދިންގެ ބަގީޗާއާވީ ދިމާލުން މަގު ބަންދުކޮށް ދަރުބާރުގޭ ސަރަހައްދުގައި ފުލުހުންތަކެއް ހަރަކާތެރިވި އެވެ.

ދަރުބާރުގޭގައި މިރޭ ބަޔަކު ޑީޖޭއެއް ބޭއްވި އިރު، ސަރުކާރުން ވަނީ އިސްލާމީ މަރުކަޒުގައި ރާއްޖެ އިސްލާވި ދުވަސް ފާހަގަކޮށްފަ އެވެ. މާދަމާއަކީ ރާއްޖެ އިސްލާމްވި ދުވަހެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު