މުސްތޮފާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ގޮނޑި މިއަދުން ފެށިގެން ގެއްލިއްޖެކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސްޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ މުސްތަފާ މެންބަރުކަމުން ވަކިވެއްޖެކަމަށް ކަނޑައަޅައި ދިނުމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު މިއަދު އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިއްވި ހުކުމުގައި ބުނަނީ ރާއްޖޭގައި ކުރިން ހިންގި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން މުސްތަފާގެ ހިއްސާ އޮންނަ ސީފުޑް އިންޓަނޭޝަލްއިން ނެގި ލޯނުގެތެރެއިން އެބޭންކް އުވިގެން ދިޔައިރު ނުދައްކާ އޮތް 31،231.66 ޑޮލަރު (4،013،26.83ރ.) ދެއްކުމަށް މަދަނީ ކޯޓުން 26 އޮގަސްޓް 1997 ގައި ހުކުމް ކޮށްފައި ވަނީ މުސްތަފާގެ މައްޗަށް ކަމަށް އޮޅުމެއް ނެތް ގޮތުގައި އެނގޭކަމަށެވެ.

މަދަނީ ކޯޓުގެ ހުކުމް މުސްތަފާ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވަނީ ވެސް މުސްތަފާގެ އަމިއްލަ ނަމުގައި ކަމަށާއި، އިސްތިއުނާފު ކުރެއްވި އިރު ބީސީސީއައި ގެ ލޯނަށް މުސްތަފާ ޒިންމާވާންޖެހޭ ކަމަށް މަދަނީ ކޯޓުގެ ހުކުމުގައިވާ ނުގުތާ މުސްތަފާ އިސްތިއުނާފު ކޮށްފައިނުވާކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެ އެވެ.

މީގެއިތުރުން މަދަނީ ކޯޓުގެ ހުކުމްގައިވާ ފައިސާ ދެއްކުމަށް މުސްތަފާ އިންކާރުކޮށްފައި ނުވާ ކަމަށާއި މުސްތަފާ ހަމައެކަނި އިންކާރުކޮށްފައި ވަނީ ބޭންކު އުވުމަށްފަހު އެ ލޯނަށް އިންޓްރެސްޓް އަރާތީ އިންޓްރެސްޓާއި އެކު އެފައިސާ ދެއްކުމަށް ކަމަށެވެ.

އަދި އިންޓްރެސްޓް ނުހިމެނޭގޮތަށް އެ ފައިސާ އަމިއްލައަށް ދައްކަންޖެހޭ ކަމަކީ މުސްތަފާ ހައިކޯޓަށް ދިން ބަޔާނުގައި އެއްބަސް ވެފައިވާ ކަމެއްކަމަށް ވެސް އެ ހުކުމްގައި ވެ އެވެ.

މަދަނީ ކޯޓުގެ ހުކުމުން އަދާކުރުމަށް ހުކުމްކޮށްފައިވާ ދަރަނީގެ އެއްވެސް މިންވަރެއް މުސްތަފާ ދައްކާފައި ނުވާކަމަށް އެމްއެމްއޭގެ ނޯޓަކުން އެނގެން އޮންނަކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެ އެވެ.

މުސްތަފާ މެންބަރު ކަމުން ވަކިވެއްޖެކަމަށް ހުކުމް ކުރީ ސުޕްރީމްކޯޓުގެ ހަތަރު ފަނޑިޔާރެއްގެ އަޣުލަބިއްޔަތުން ނެވެ. އެއީ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އަލީ ހަމީދު މުހައްމަދު އާއި އަބްދުﷲ ސައީދު އަދި އާދަމް މުހައްމަދު އަބްދުﷲ އެވެ.

ބާކީ ތިއްބެވި ތިން ފަނޑިޔާރުން ވަނީ ތަފާތު ދެރަޣުޔުއެއް ނެރުއްވާފަ އެވެ. އެއީ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ރައުޔު އަދި އުއްތަމަފަނޑިޔާރު އަހުމަދުފާއިޒު ހުސެއިން އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ ރައުޔެވެ. އެބޭފުޅުންގެ ރައުޔުގައި ބުނާގޮތުން އެ ދަރަންޏަކީ ފަރުދީގިތުން މުސްތަފާ ޒިންމާވާންޖެހޭ ދަރަންޏެއް ނޫނެވެ.

ޝަރީއަތަށް ފަހު ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން ކޯޓު ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުސްތަފާ ވިދާޅުވީ މިއަދު ކުރި ހުކުމަކީ އިންސާފުވެރި ހުކުމެއްކަމަށް އޭނާ ގަބޫލުނުކުރައްވާކަމަށެވެ. އަދި ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ފައިސާ ދެއްކުމަށްފަހު "ދެން އޮންނަ" އިންތިޚާބެއްގައި ވާދަކުރައްވާނެ ކަމަށެވެ.

"އެ އިންތިހާބު އަޅުގަނޑަށް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް،" މުސްތޮފާ ވިދާޅުވި އެވެ.

މިއަދު ޝަރީއަތް ހިނގަމުން ދިޔަ ވަގުތު ސްޕްރީމް ކޯޓު ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. މީގެ ކުރިން އެ މައްސަލައިގެ އަޑު އެހުން ހިނގަމުން ދިޔަ ވަގުތު އެމްޑީޕީން އެ ސަރަހައްދުގައި މުޒާހަރާކުރި ނަމަވެސް މިއަދު އެ ސަރަހައްދުގައި މުޒާހަރާކޮށްފައެއް ނުވެ އެވެ. އަދި ޝަރީއަތައް ފަހުވެސް އެ ސަރަހައްދު ފެނުނީ އަމާން
ކޮށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު