2023 ވަނަ އަހަރުގައި އައިއޯއައިޖީއެއް ނުބޭއްވޭނެ: މަހްލޫފް

އައިއޯއައިޖީގެ ބިޑް ކާމިޔާބު ކުރުމަށް މޮރިޝަސްގައި ބޭއްވި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފްއާއި އޮލިމްޕިކް ކޮމިޓީގެ ޖެނެރަސް ސެކެއްޓަރީ އަހުމަދު މަރްޒޫގް --- ފޮޓޯ//އެމްއޯސީ

ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވަން ބިޑް ކާމިޔާބުކޮށްފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެ އަހަރު ނުބޭއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އުނދަގޫ ހާލަތުގެ ތެެރެއިން 2023 ވަނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ވަރަށް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެ އަހަރުގައި އެ ގޭމްސް ރާއްޖޭގައި ބޭއްވޭނެ ގޮތެއް ނެތް ކަމަށެވެ.

"ދެހާސް ތޭވީސް ވަނަ އަހަރަކު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއެއް އަޅުގަނޑުމެނަކަށް ރާއްޖޭގައި ނުބޭއްވޭނެ. މުޅި ދުނިޔެއަަށް ކޮވިޑްގެ އުނދަގޫ ޖެހުނު އިރު ރާއްޖެއަކީ އެންމެ ބޮޑަށް އިކޮނޮމީއަށް އެކަމުގެ އަސަރުކޮށް، އަޅުގަނޑުމެން މި ފެސިލިޓީތައް ޑިވެލޮޕްކޮށް، އަދި މުޅި ގޭމްސް ރާވާ ހިންގަން ވަގުތެއް ވެސް ނެތް،" މަހްލޫފް ވިދާޅުވި އެވެ.

ރާއްޖޭގައި 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ފަހިވީ ސަރުކާރާއި އޮލިމްޕިކް ކޮމިޓީން ވަރަށް ބުރަ މަސައްކަތް ކޮށްގެންނެވެ. އެހެންނަމަވެސް އެކަމަށް ބޭނުންވާ ފެސިލީޓީތައް ގާއިމުކުރުމުގައި މި ދަނޑިވަޅު ދިމާވެފައިވާ ދަތިތަކާ އެކު މިނިސްޓަރު މަހްލޫފް މީގެ ކުރިން ވަނީ އެ މުބާރާތް ރާއްޖޭގައި ބޭއްވިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެފަ އެވެ.

"އެތައް ބައިވަރު ޒުވާނުންތަކެއްގެ ވަޒީފާ ގެއްލި އެތައް ބަޔެއްގެ އާއްމުދަނީ މަދުވެ، ހުރިހާ ވިޔަފާރިއަކަށް އޭގެ އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި، އެކަމަށް ފޯކަސް ކޮށްގެން އެވަރުގެ ބޮޑު ގޭމެއް 2023ގައި ބޭއްވުމަކީ ރަނގަޅުވެސް ކަމެއް ނޫން،"

މަހްލޫފް ވިދާޅުވީ، މިހާރު މިއޮތް ހާލަތުން އަރައިގަނެ 2023ގައި އެ ގޭމްސް ބޭއްވޭ ފެންވަރަށް މަސައްކަތް ކުރާނެ ވަގުތު ނެތް ކަމަށާއި ގޭމްސް އެ ތާރީހަށް ބޭއްވޭނެ ގޮތެއް ނެތް ކަމަށެވެ.

އަދި ދުނިޔޭގެ އެހެން ބޮޑަތި ކުޅިވަރު މުބާރާތްތައް ވެސް އެއް އަހަރު ފަހަތައް ޖައްސާލާފައި އެބަހުރި ކަމަށާއި، އައިއޯއައިޖީގެ ހާއްސަ ކޮމިޓީއާއި މީގެ ފަސްވަރަކަށް ދުވަސް ކުރިން ބައްދަލުކޮށް އެ ބޭފުޅުންގެ ސަމާލުކަމަށް ވެސް މިކަން ގެނެވިފައިވާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

"ގައިމުވެސް 2023ގައި ނުބާއްވާނެ. އަދި 2025ގައި އެ ގޭމްސް ބާއްވަން ފުރުސަތު ދީފި ނަމަ އެ ގޭމްސް އަޅުގަނޑުމެން ބާއްވަން މަސައްކަތް ކުރާނަން. އެކަމަކު އޭގެ ނިންމުން ނިންމާނީ އައިއޯއައިޖީގެ ކޮމިޓީން."

comment ކޮމެންޓް