ކެންޔާ މީހާގެ ބަޔާން ބަދަލު ކުރި ކަމަށް ބުނާ ވާހަކަ ފުލުުހުން ދޮގުކޮށްފި

ފުލުހުން: ކެންޔާ އަންހެން މީހާއގެ ބަޔާން ބަދަލު ކުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޫކުރޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ޖޫން މަހު ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައިގައި އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނަށް އުނިއިތުރު ގެނެސްފައިވާ ކަމަށް އޭނާގެ ވަކީލުން ބުނާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ބަޔާނަށް އުނިއިތުރު ގެނެސް، އޭނާގެ ގާނޫނީ ވަކީލުންނަށް ފުލުހުން ހަޖޫ ޖެހި މައްސަލައެއް ވަކީލުންގެ ފަރާތުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ވާހަކަތައް ދެއްކި ވީޑިއޯ ކްލިޕްވެސް ވަކީލުންގެ ފަރާތުން ޝޯޝަލް މިޑިއާއަށް ރޭ ވަނީ ދޫކޮށްފައެެވެ. އެއާއެކު ފުލުހުންނަށް ފާޑުކިޔުންތައްވެސް އަމާޒުވިއެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު ނެރުނު ދެ ސަފްހާގެ ބަޔާނުގައި ބުނީ، އެ ވީޑިއޯ ކްލިޕަކީ އެ މައްސަލައިގައި ވިކްޓިމްއާއި ސްކައިޕް މެދުވެރިކޯށް ކުރެވިފައިވާ އިންޓަވިއު ރިކޯޑީންއަކަށްފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓް ކުރުމުގެ މަރުހަލާގައި ތަހުގީގު ކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ ވީޑިއޯ ކްލިޕެކެވެ. އަދި ވިކްޓިމްގެ ބަޔާނަށް އުނިއިތުރު ގެނައިކަމަށް ވަކީލުން ބުނާ ވާހަކަތައް ފުލުހުންގެ ނެރުނު ބަޔާނުގައި ދޮގު ކުރެއެވެ.

"މިއީ ވިކްޓިމްގެ ބަޔާނަށް އުނިއިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ވިކްޓިމްގެ ވަކީލުން މީސްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެލީގެން ކަމުގެ ހަގީގަތާއު ހިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ،" ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ނޫސް ބަޔާނުގައި ބުނީ، ތަހުގީގަށް ކުރެވޭ އިންޓަވިއުއެއްގައި ދައްކާފައިވާ ވާހަކަތައް ބަޔާނެއްގެ ގޮތުގައި ލިޔާއިރު، އެ ވާހަކަތައް އިތުރަށް ސާދުކޮށް ކަށަވަރު ކުރުމަށް ތަހުގުގައި ބައިވެރިވާ ފުލުހުންނާ ދެމެދު އަބަދުވެސް މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ބަޔާން ދޭ ފަރާތުން ދޭ ޖަވާބުތަކުގެ މައްޗަށް ފުލުހުން ބަޔާން ޑްރާފްޓް ކުރުމަކީ އާންމު އުސޫލުންވެސް އަމަލު ކުރަމުން އަންނަ ގޮތް ކަމަށެވެ.

"އެއީ ތަހުގީގަށް ނެގޭ ބަޔާން ބަދަލުކުރުން ނޫން ކަމުގައިވެސް ދަންނަވަމެވެ." ފުލުހުން ބުންޏެވެ.

އޭގެ އިތުން މީހަކާ އިންޓަވިއު ކުރުމަށްފަހު، ފުލުހުން ޑްރާފްޓް ކުރާ ބަޔާން، އިންޓަވިއު ކުރެވޭ ފަރާތާއި އޭނާގެ ވަކީލުން ބަލައި ޗެކް ކުރުމަށްފަހު، ގެންނަ ބޭނުންވާ ބަދަލެއް ގެނައުމަށް އެފުރުސަތުވެސް ފުލުހުންދޭނެ ކަމަށް އެ ނޫސް ބަޔާނުގައި ބުންޏެވެ.

"ވަކިން ހާއްސަކޮށް، މިހާރު އޮންލައިންކޮށް އިންޓަވިއުކުރުމަށް އަމަލުކުރާ އުސޫލުގައި އިންޓަވިއުކުރެވޭ ފަރާތުގެ ބަޔާން ޓައިޕްކުރުމަށްފަހު، އެ ފަރާތުން ބޭނުންވާ އިސްލާހުތައް ގެނައުމަށް ބަޔާނުގެ ސޮފްޓްކޮޕީ އީމެއިލް ކުރުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ" ފުލުހުން ބުންޏެވެ.

އެ ވީޑިއޯ ކްލިޕަށް ވަކީލުންނަށް އެކްސެސް ދީފައިވަނި ތަހުގީގުގެ ބޭނުމަކަށްވާއިރު، އިންޓަވިއުގައި ހިމެނިފައިވާ މައްސަލައިގައި ވިކްޓިމްއާއި މެދު ހިންގާފައިވާ އަމަލުތަކުގެ މައުލޫމަތު ހާމަވާނެހެން އެ ވީޑިއޯ ކްލިޕް އާންމު ކުރުމުން އެކަމުގެ ކަންބޮޑުވުންވެސް ފުލުންގެ ބަޔާނުގައި ފާހަގަ ކުރިއެވެ.

"މުޖްތަމައު ތެރެއަށް މިގޮތަށް ވީޑިއޯއެއް އާންމުކުރުމަކީ، ވިކްޓިމްގެ ހައްގުތައް އިތުރު އުނިކަން ލިބޭނެހެން ކޮށްފައިވާ އަމަލެއް ކަމުގައި ދެކެމެވެ" ފުލުހުން ބުންޏެވެ.

އެ ވީޑިއޯ އާންމު ކުރުން އެ ނޫސްބަޔާނުގައި ސިފަކޮށްފައިވަނި ފުލުހުންގެ މުއައްސަސާގެ ތަސައްވަރު ކިލަނބުވާގޮތަށް ހާގީގަތާއި ހިލާފު ތުހުމަތުތަކެއްކޮށް، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ. އަދި އެއީ ވަރަށް "ނާތަހުޒީބު އަމަލެއް"ގެ ގޮތުވެސް އެކަން ސިފަކޮށްފައިވެއެވެ.

އޭގެ އިތުރުން ވަކީލުން އެ މައްސަލަ އެންއައިސީއަށް ހުށަހަޅަން ނިންމައިފައިވުމުން އެ ކޮމިޝަންގެ ތަހުގީގަށް ފުރިހަމަ އެެއްބާރުލުން ދޭނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

https://sun.mv/144151

comment ކޮމެންޓް