ގޫގުލްއިން ކެންޔާގައި އިންޓަނެޓް ބެލޫން ލޯންޗުކޮށްފި

ޕްރޮޖެކްޓް ލޫންގެ ފުއްޕާހަމަށް ވައި އެޅުމުން ޓެނިސް ކޯޓެއް ވަރަށް ބޮޑުވެގެންދޭ -- ފޮޓޯ: ލޫން

ނައިރޯބީ (ޖުލައި 14): ކެންޔާގައި އިންޓަނެޓު ނުލިބޭ ސަރަހައްދުތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ގޫގުލްއިން އެގައުމުގައި އިންޓަނެޓް ބެލޫން ލޯންޗުކޮށްފި އެވެ.

ކެންޔާގެ ސަރުކާރުގެ ޓެލްކޮމިއުނިކޭޝަން ކުންފުންޏާ ގުޅިގެން ގޫގުލްއިން އެގައުމުގައި ފެށި 'ޕްރޮޖެކްޓް ލޫން'ގެ މަގުސަދަކީ އެގައުމުގެ 31،000 ސްކޮޔާ މޭލުގެ ސަރަހައްދަކަށް ހެޔޮ އަގުގައި 4ޖީ އިންޓަނެޓް ފޯރުކޮށްދިނުމެވެ.

އެ ޕްރޮޖެކްޓުގައި ބޭނުން ކުރާ 'ފުއްޕާހަމަކީ' ޓެނިސް ކޯޓެއްގެ ސައިޒަށް ބޮޑުވާ އަދި ހީލިއަމް އަޅާފައިވާ ފުއްޕާހަމެކެވެ. އަދި ޖައްވުގައި މަތިންދާބޯޓު ދަތުރު ކުރާ އުސްމިނަށް ވުރެ ދެގުނަ މަތީގައި އުޅޭނެ އެ ފުއްޕާހަމުގައި ސޯލާ ޕެނަލަކާއި ކަރަންޓު ސާމާނު ހިމެނޭ ފޮށްޓެއް ހަރުކޮށްފައި ހުރެ އެވެ. އެ ފޮށީގައި ހިމެނޭ ތަކެތީގެ ތެރޭގައި އޭގެ ސާކެޓް ބޯޑާއި ޖީޕީއެސް އާއި އެންޓެނާ ހިމެނެ އެވެ.

އެ ފުއްޕާހަމުން އިންޓަނެޓް ފޯރުކޮށްދެނީ އޭގައި ހުންނަ އެންޓެނާއިން، ބިމުގައި ހުންނަ އިންޓަނެޓް ސްޓޭޝަންތަކާ ކަނެކްޓުކޮށް، ދެން އެހެން ފުއްޕާހަންތަކަށް ސިގްނަލް ފޮނުވައިގެންނެވެ. އަދި އޭގެއިން ފޯނުތަކަށް އިންޓަނެޓް ފޯރުކޮށްދެވެ އެވެ.

ކެންޔާގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް 35 ފުއްޕާހަން ބޭނުން ކުރަން ވަނީ ހަމަޖެހިފަ އެވެ. އެ ފުއްޕާހަން 100އަށް ވުރެ ގިނަ ދުވަހަށް ބޭނުން ކުރެވެ އެވެ. އަދި އޭތި ކޮންޓްރޯލް ކުރާ ސޮފްޓްވެޔާ ބޭނުންކޮށްގެން ތިރިއަށް ގެނެވޭނެ އެވެ.

މީގެ ކުރިން ކުއްލި ހާލަތްތަކުގައި ޕްރޮޖެކްޓް ލޫންގެ ފުއްޕާހަންތައް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކޮށްފައިވެ އެވެ. އެގޮތުން 2017 ވަނަ އަހަރު އެމެރިކާގެ ޕުއާޓޮ ރީކޯއަށް ތޫފާން މަރީއާ އެރުމުން މޮބައިލް ނެޓްވޯކްތައް ބޭނުން ނުކުރެވޭތީ އިންޓަނެޓު ފޯރުކޮށްދިނުމަށް އެ ފުއްޕާހަންތައް ބޭނުން ކޮށްފައިވެ އެވެ.

comment ކޮމެންޓް