ރަަލާއި އޫރު މަހުގެ މައްސަލައިގައި ސަރުކާރުން ސުޕްރީމް ކޯޓަށް!

ރާއްޖޭގެ ރިސޯޓްތަކުގައި ބަނގުރަލާއި އޫރުމަސް ވިއްކުމާއި ސުޕާ ހިންގުމަކީ ކުރެވިދާނެ ކަމެއްތޯ ސާފުކުރަން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ނުވަތަ ކޮންސަލްޓޭޓިވް އޮޕީނިއަންއަކަށް އެޓާނީ ޖެނެރަލް (އޭޖީ) އަބްދުﷲ މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

އޭޖީ މުއިއްޒު މިއަދު ވިދާޅުވީ ސުޕާތައް ބަންދުކުރަން ސަރުކާރުން ނިންމި ނިންމުމާއި އަދި ބަނގުރަލާއި އޫރު މަސް މަނާކުރަން ސަރުކާރުން ވިސްނުމާއެކު ޓޫރިޒަމްގެ އިންޑަސްޓްރީއަށް ކަންބޮޑުވުންތައް ފާޅުކޮށްފައިވާތީ މަތީ ކޯޓަކުން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

"ސުޕާތައް ހިންގުމާއި އޭގެ އިތުރުން ރަލާއި ގުޅިގެން ވެސް ރާއްޖޭގައި ވަކި ގާނޫނެއްގެ ދަށުން ހަދާފައި އޮންނަ ގަވާއިދަކާއި އެއްޗިހި އެބައޮވޭ. އެހެންވީމާ މި ކަންތައް މިކުރެވެނީ ރަނގަޅު ނިޒާމެއްގެ ތެރެއިންތޯ ސާފުވާން ޖެހޭ ކޯޓުތަކުން،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެ އަށް އޫރުމަހާއި އަދި ބަނގުރާ އިމްޕޯޓް ކޮށް ވިއްކަނީ ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދެއްގެ ދަށުންނެވެ.

އޭޖީ ވިދާޅުވީ އެ ގަވާއިދުގެ ދަށުން އެކަންތައްތައް ކުރެވިދާނެތޯ ޝަރުއީ މަރުހަލާ އަކުން ސާފުވާން ޖެހޭ ކަމަށެވެ.

އޭޖީ ވިދާޅުވީ އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުންފުޅަށް ބަލާއިރު ސުޕާ ހިންގުން ފަދަ ކަންތައްތަކަކީ ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކުގެ ތެރެއިން ހިނގާ ކަމެއް ކަމަށާއި "އެކަންތައްތައް މަނާ ކުރެވިގެން ނުވާނެ" ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު