ސައޫދީ ޝާހީ ޢާއިލާގެ އެތައް ބަޔަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާއި އޭނާގެ ދަރިކަލުން ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން

ރިޔާޒް (9 އެޕްރީލް 2020) : ކޮރޯނާ ވައިރަސް "ކޮވިޑް19" އަށް ސައޫދީ ޝާހީ ޢާއިލާގެ އެތައް ބަޔަކު ޕޮޒިޓިވްވުމުން އެއާއިލާގެ ތެރޭގައި ކަންބޮޑުވުމާއި ބިރުވެރިކަން އުފެދިއްޖެ އެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ "ނިޔުޔޯކް ޓައިމްސް" އިން ބުނީ ސައޫދީ ޝާހީ ޢާއިލާގެ 150 ބޭފުޅަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާކަމަށާ އޭގެތެރެއިން ބައެއް ބޭފުޅުންގެ ހާލުކޮޅު ބޮޑުވެގެން ސައޫދީ މަތީފެންވަރުގެ ހޮސްޕިޓަލްތަކުގެ އައިސީޔޫ ގައި އެބޭފުޅުންނަށް ފަރުވާދެމުން ގެންދާކަމުގަ އެވެ. ހާލު ބޮޑުވީ އުމުރުން ދުވަސްވީ ބޭފުޅުންކަމަށްވެ އެވެ. ސައޫދީ ޝާހީ ޢާއިލާގެ އެތައްް ބަޔަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވިކަން ސައޫދީ ސަރުކާރުން ސިއްރުކޮށްފައިވާ ކަމަށް ވެސް ސައޫދީ ބައެއް އިސް ބޭފުޅުންނާ ގާތްގުޅުންތަކެއް އޮންނަ "ނިޔުޔޯކް ޓައިމްސް"ގެ މުރާސިލަކާ ހަވާލާދީ އެނޫސް ބުނެއެވެ.

"ނިޔުޔޯކް ޓައިމްސް" ބުނާގޮތުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވި ސައޫދީ ޝާހީ އާއިލާގެ ބޭފުޅުންގެ ތެރޭގައި ވެރިރަށް ރިޔާޒްގެ އަމީރު (ވެރިޔާ) ފައިސަލް ބިން ބަންދަރު ބިން އަބްދުލްއަޒީރު އާލް ސައޫދު ހިމެނިވަޑައިގަންނަވަ އެވެ. އޭނާއާއި ޝާހީ އާއިލާގައި ހިމެނޭ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި އިސް ބޭފުޅުންނަށް ފަރުވާ ދެމުން ގެންދަނީ ރިޔާޒްގައި ހުންނަ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށްވެސް "ނިޔުޔޯކް ޓައިމްސް" ބުނެއެވެ.

ސައޫދީ ޝާހީ ޢާއިލާގެ އެތަށް ބަޔަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވުމުން ސަލްމާން ރަސްގެފާނު ގެ ރައްކާތެރިކަމަށްޓަކައި ރަތްކަނޑުގެ ޖަޒީރާއެއްގައި ހުންނަ ޝާހީ އާއިލާގެ ގަނޑުވަރެއްގައި އެގަނޑުވަރަށް ސަލްމާން ރަސްގެފާނު ގެންގޮސް އެތަނުގައި އޭނާ އެކަހެރިކޮށްފައިވާ ކަމަށް "ނިޔުޔޯކް ޓައިމްސް" ބުނެއެވެ. ސަލްމާން ރަސްގެފާނަކީ އުމުރުފުޅުން 84 އަހަރު ވެފައިވާ އަދި ބަލިކޮށް އުޅުއްވާ ބޭފުޅެކެވެ.

މީގެއިތުރުން ސައޫދީ ހަގީގީ ވެރިޔާ ކަމަށް ސިފަކުރެވޭ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވެސް ރަތްކަނޑުގެ އައްސޭރިފަށުގައިވާ ޖިއްދާގެ ޚާއްސަ ގަނޑުވަރެއްގައި އެކަހެރިވެ ވަޑައިގެން އުޅުއްވާ ކަމަށް އެނޫސް ބުނެ އެވެ.

ސައޫދީ ޝާހީ ޢާއިލާގެ އިތުރުން ސައޫދީ ސަރުކާރުގެ އިސް އެތަށް ބޭފުޅުންނަށްވެސް ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށްވެއެވެ. އޭގެތެރެއިން ފުރާނައަށް ނުރައްކާވާ ހާލަތަށް ގޮސްފައިވާ ބޭފުޅުން ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގެ އައިސީޔޫގައި އެނދުމަތިކޮށްފައިވާކަން ވެސް "ނިޔުޔޯކް ޓައިމްސް" އިން ކަށަވަރުކޮށް ދެއެވެ.

ސައޫދީ ގައި ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށްދަނީ އިތުރުވަމުންނެވެ. ސައޫދީގައި 2932 މީހުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ އިރު އެ ރޯގައި މިހާތަނަށް 41 މީހުން މަރުވެފައިވެ އެވެ. (ނިޔުޔޯކް ޓައިމްސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު