ރަށްތަކުން ދަނޑުވެރި ބިން ދޫކުރާނެ އުސޫލެއް ކަނޑައަޅަން ހުށަހަޅައިފި

މަޑަވެލި ދާއިރާ މެމްބަރު ހުސައިން ފިރުޝާން -- މަޖިލިސް

ކޮރޯނާވައިރަސް، ކޮވިޑް-19އާ އެކު ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނުރައްކަލާ ގުޅިގެން ދަނޑުވެރިކަމަށް ބާރުއެޅުމުގެ ގޮތުން ރާއްޖޭގެ ބިން ބޮޑެތި ރަށްތަކުން ކައުންސިލްތައް މެދުވެރިކޮށް ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުސޫލެއް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މި މައްސަލަ އިގްތިސާދީ ކޮމިޓީއަށް ހުށަހަޅާފައިވަނީ، މަޑަވެލި ދާއިރާ މެމްބަރު ހުސައިން ފިރުޝާން އެވެ. އިއްޔެ އެ ކޮމިޓީއަށް އާނާ ހުށަހެޅުއްވި ލިޔުމުގައި ބުނެފައިވަނީ، ކޮރޯނާވައިރަސްގެ ނުރައްކަލާއެކު ރިސޯޓުތައް ބަންދުކޮށް ރާއްޖެއަށް އާމްދަނީ ވަންނާނެ ދޮރުތައް ބަންދުވެފައިވާ މި ދަނޑިވަޅުގައި ދިވެހި އެތައް މުވައްޒަފުންތަކަކާއި އަމިއްލަ މަސައްކަތް ކުރާ މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އެފަރާތްތަކަށް ތަސައްލީއެއް ހޯދައިދިނުމަށް އޭނާ ވަނީ ތިން ހުށަހެޅުމެއް ހުށަހަޅާފަ އެވެ.

މެމްބަރު ފިރުޝާން ހުށަހެޅުއްވި ހުށަހެޅުންތައް:

  1. ބިންބޮޑު ބިން އޮތް ރަށްރަށުން ކައުންސިލްތައް މެދުވެރިކޮށް ދަނޑުވެރިކަން ކުރުމަށް ބިން(ތައް) ކަނޑައެޅޭ އުސޫލެއްގެ މަތީން އެރަށެއްގެ ރައްޔިތުންނަށް ދިނުމާއެކު، ދަނޑުތަކުގައި ހައްދާ ތަކެތި ފަސޭހަކަމާއެކު އެސްޓީއޯއަށް ވިއްކޭނެ އިންތިޒާމް ހަމަޖެއްސުން.
  2. ދަނޑުވެރިކަން ކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުން ދޫކޮށްފައިވާ ފަޅުރަށްތަކުގައި ދަނޑުވެރިކަން ކުރޭތޯ ބެލުމާއި، އެރަށުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ދިވެހިންނަށް ހެދުމަށް ބާރުއެޅުން.
  3. ރަށްރަށުގެ އިހްތިސާސްގައިވާ ފަޅުން، ފަޅުގޮވާންކޮށް ހުއިފިލަނޑާއާއި އެހެނިހެން ފަރުމަސްވެރިކަމަށް ހުޅުވާލުން.

ފިރުޝާން "ސަން" އަށް ވިދާޅުވީ، އޭނާ މި ހުށަހެޅުންތައް ހުށަހެޅުމުގެ ބޭނުމަކީ، ސަރުކާރުން މިހާރު ދަނޑުވެރިކަން ކުރުމަށް ބާރުއަޅާފައިވާ މި ދަނޑިވަޅުގައި އަދިވެސް ބައެއް ރަށްތަކުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ރަށްރަށުގައި ހުރި ބިންތައް ބޭނުންކޮށްގެން ކޮންމެ ރައްޔިތަކަށްވެސް އަދި [ހާއްސަކޮށް] ވަޒީފާއިން ވަކިކުރި މީހެއް [ނުވަތަ] އާންމުދަނީ ލިބުން ހުއްޓުނު މީހުންނަށް ދަނޑެއް އޮވެގެން، އޭގެން އަންމުދަނީ ލިބޭނެ ގޮތްވުން،" ފިރުޝާން ވިދާޅުވި އެވެ.

ސަރުކާރުންގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން މިހާރު ވަނީ ދަނޑުވެރިކަމުން ދިވެހިން ހައްދާ ތަކެތި ގަތުމަށް ނިންމާފަ އެވެ. ފިރުޝާން ވިދާޅުވީ، އޭނާގެ ވިސްނުމަކީ އެސްޓީއޯ އިން ހުޅުވާލި ފުރުސަތު ރައްޔިތުންނަށް ހިފޭނެ ގޮތް މެދުވެރިވުން ކަމަށެވެ.

ފިރުޝާން ވިދާޅުވީ، ކައުންސިލްތަކުން މި ދަނޑިވަޅުގައި ވަގުތީގޮތުން ނަމަވެސް ދަނޑުވެރިކަން ކުރަން ބިން ދޫކުރަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މިކަމުގައި މަޖިލިސް ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، ކޮމިޓީން ނިންމޭ ގޮތެއްގެ މަތިން ސަރުކާރަށާއި ކައުންސިލްތަކަށް ލަފާ އަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކައުންސިލްތަކުގެ ކިބައިން ވަރަށް ބޮޑަށް އެދެން މިވަގުތަށް ދެވެން އޮތް ހުރިހާ އެއްޗެއް ރައްޔިތުންނަށް ދޭށޭ. ދެވެން އޮތް ބިމެއް ރައްޔިތުންނަށް ދިނުމަށް. ކައުންސިލްތަކުން އެ ޑިޒިޝަން ނަގަން އެބަ ޖެހޭ މިފަދަ ދަނޑުވަޅެއްގައި،" ފިރުޝާން ވިދާޅުވި އެވެެ.

ފިރުޝާން ހުށަހެޅުއްވި ހުށަހެޅުންތަކާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބައެއް ރަށްރަކުގައި އެއްވެސް ވަރަކަށް ދަނޑުވެރިކަން ނުކުރާ ކަމަށެވެ. އަދި މިނިސްޓްރީން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގައި ދަނޑުވެރިކަން ކުރޭތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެރަށްތަކުގައި ދިވެހި މުވައްޒަފުންނަށް އިސްކަން ދިނުންވެސް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

ތިން ހުށަހެޅުމެއް ފިރުޝާން އިގްތިސާދީ ކޮމިޓީއަށް ހުށަހެޅިއިރު، އެފަދަ ހުށަހަޅުމެއް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ވެސް ވަނީ ހުށަހެޅިފަ އެވެ. އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރުން އަހްމަދު ޝީޔާމް ހުށަހެޅުއްވީ، ރަށްރަށުން ބިން ދޫކުރާ އުސޫލުތަކަށް ބަދަލު ގެނައުމަށެވެ. އެގޮތުން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްތަކުން އެކަކަށްވުރެ ގިނަ ބަޔަކަށް ދަނޑުވެރިކަން ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް އޭނާ ވަނީ ހުށަހަޅާފައެވެ. ނަމަވެސް އަދި އެ ހުށަހެޅުމަށް އެ ކޮމިޓީގައި ގޮތެއް ނިންމިފައި ނުވެ އެވެ.

ރާއްޖޭގެ އިގްތިސާދު ބައްޓަން ވެފައި އޮތީ މުޅީންހެން ފަތުރުވެރިކަމުގެ މައްޗަށެވެ. ނަމަވެސް ކޮރޯނާވައިރަސްއާ އެކު ދަތުރުފަތުކުރުކުން ބަންދުވެ، ފަތުރުވެރިކަން މިވަނީ ހުއްޓިފަ އެވެ. އެއާއެކު ރާއްޖޭގެ އިގްތިސާދަށް ވަނީ ލޮޅުންތަކެއް އަރަން ފަށާފަ އެވެ. ސަރުކާރުން މިހާރު ވަނީ އިގްތިސާދު އެންމެ ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، ގިނަ ސިނާއަތްތަކުގެ މައްޗަށް އިގްތިސާދު ފުޅާކުުރުމަށް އަމާޒު ހިފާފަ އެވެ.

comment ކޮމެންޓް