ޔޫކޭއިން އައި 75 މީހަކު ކޮވިޑް-19 އަށް ނެގެޓިވް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހުގެ 14 ވަނަ ދުވަހާ 19 ވަނަ ދުވަހާ ދެމެދު އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެންނާއި އަދި އެމީހުންނާއި ކޮންޓެކްޓް ވީ އެންމެން ކޮވިޑް 19 އަށް ޓެސްޓް ކުރަން ނިންމާފައިވާއިރު، މިހާތަނަށް ޓެސްޓް ކުރި 75 މީހަކު އެ ބައްޔަނަށް ނެގެޓިވް ކަމަށް ސަރުކާރުން ބުނެފި އެވެ.

އެގޮތަށް ނިންމާފައިވަނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު މީހުން ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވި އެވެ.

ސިލްސިލާ ގޮތެއްގައި ދަރުބާރުގޭގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް މިިރޭ ވިދާޅުވީ، ޔޫކޭއިން އައި މީހުންގެ ތެރެއިން 75 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ކަމަށާއި އެ އެންމެން ވެސް ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

ސަރުކާރުގެ ކަރަންޓީނު ފެސިލިޓީ ތަކުގައި ކަރަންޓީނު ކޮށްފައި ތިބި އެންމެން ކޮވިޑް 19 އަށް ޓެސްޓް ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ރާއްޖެއިން ބޭރުން ރާއްޖެ އަންނަ އެންމެން ކަރަންޓީނު ކުރަން ފެށީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

އިނގިރޭސިވިލާތަކީ ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާ ގައުމެއްވެސް މެއެވެ. މިހާތަނަށް އިނގިރޭސިވިލާތުން އައި ތިން މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއީ ހުސްވެސް ދިވެހިންނެވެ. އޭގެ ތެރޭގައި އެއް ފްލައިޓަކުން އައި ދެ މީހުންވެސް ހިމެނެއެވެ. އާއިލީގޮތުން ތިމާގެ ދެމީހުން ކަރަންޓީނުކޮށްފައި ތިބީވެސް އެއް ކޮޓަރީގައެވެ.

ކޮރޯނާ ޖެހިފައިވާ 19 މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ. އޭގެ ތެރެއިން ޕޮޒިޓިވްވި އިޓަލީގެ ދެ މީހަކު ވަނީ ފުރައިގެން ގޮސްފައެވެ. ކޮވިޑް ޖެހިގެން ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ހަތަރު ދިވެހިން ފިޔަވާ އެންމެން މިހާރު ވަނީ ރަނގަޅުވެފައެވެ.

comment ކޮމެންޓް