ދެންވެސް އާލިއާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އާލިއާ ރޮނީކަން ނޭގެއެވެ. މޫނުބުރުގާ އަޅާ އަންހެންކުއްޖަކަށް އެއަށްވުރެ ބޮޑު ދެރައެއް ނުދެވޭނެއެވެ. އެހެންމީހުންގެ ނުރުހުމުގައި ފޮޓޯތަކެއް ލައިގެންވާނެ މޮޅެއްވެސް އޮތީއެއް ނޫނެވެ. އޭނަ ބުނި އެއްޗެއް ބުނީ އާލިއާ ބިރުގަންނަވާލުމަށެވެ.

"ފޮޓޯތައް ލީކްކޮށްނުލާނީ އެންމެ ޝަރުތެއްގެ މަތިން......" މާޒިން ކައިރިއަށް އައެވެ. ގާތްވުމުން ސިގްރެޓްގެ އުދަގޫވަހުން ކޮށި އަރާގޮތްވެ ދެތިން ފަހަރު ކެއްސާލެވިއްޖެއެވެ.

"މެރީ މީ.........." މާޒިން އެއް މިޔަކަނުން ހީލަމުން ބުނެލިއެވެ. ރީތި އަންހެންކުއްޖެއްވުމުން އޭނަގެ މީހަކަށް ހަދަން އެވަގުތު ހިތަށް އެރީއެވެ. އެހެން ސަބަބުތައްވެސް ނެތީއެއް ނޫނެވެ.

މި އަންހެންކުއްޖާގެ ސިކުނޑި ދޮވެލާފައިވާ ބަޔަކު އެކަންކޮށްފައިވަނީ ނިކަން މޮޅަށެވެ. އޭނަގެ ބޭނުމަކީ މިކުއްޖާވެސް މުޖުތަމައުގެ ތެރެއަށް ނުކުމެ ތަންކޮޅެއް ރަގަޅު ވަޒީފާއަކަށްގޮސް މެދުމިނުގެ ކުއްޖެއްގެ ގޮތުގައި އުޅުމެވެ. ހަރުކަށި ފިކުރުގެ ސަބަބުން ކުށެއްނެތް އެތައް މީރާއެއް ފަނާވެގެން ދިޔުމުގެ ކުރިން ހަމަޔަކަށް އަޅުވާލަން އެބަޖެހެއެވެ. އޭނައަށް އާލިއާއާމެދު އަދިވެސް ޝައްކު ކުރެވެނީއެވެ. މިކުއްޖާ ދޫކޮށްލައިފިއްޔާ އަދި އެފަދަ ކިތަންމެ ޕޭޖެއް ހަދާފާނެއެވެ. ނަމަވެސް އޭނަގެ ބާރުދަށުގައި ހުރެގެން އޭނަ ނުރުހޭ އެންމެ ކަމެއްވެސް ކުރިޔަކަ ނުދޭނެއެވެ.

އާލިއާ އިރުކޮޅަކުން ރޮއިފަ ހަމަޔަކަށް އެޅުނެވެ. މާޒިންއަށް ވަނީ އޭނަގެ މޫނު ފެނިފައެވެ. މޮޔަ ވައްތަރު ޖައްސަނިކޮށް ފެނިފައެވެ. ވީއިރު މާޒިންއާއި ކައިވެނިކުރުމުން ދެން އެކަންތައް ބޮޑުކަމަކަށް ނުވެ ހިގައިދާނެއެވެ. އެހެންނޫނަސް އޭނައަށް މާޒިން ކައިވެނި ހުށަހެޅީމަ އޭނަ އިސްތިޚާރާ ނަމާދުކުރިއެވެ. ފެނުނީ "ޕޮޒިޓިވް" ކޮށެވެ. އޭނައަށް ހުވަފެނުން ފެނުނީ އެދެމީހުންގެ ކައިވެންޏެވެ. ހުވަފެނުގައި އާލިއާ ހުރީ ނިކަން އުފަލުންނެވެ. މިއީ ކޮންކަހަލަ އިއްތިފާގެއްބާވައޭ ހިތަށް އެރިއެވެ. ހުވަފެނާ ގުޅިގެން ދެވަނަފަހަރަށްވެސް ކައިވެންޏަށް ހުށަހެޅީއެވެ. ކައިވެންޏަށް ފަހު މާޒިންއަށް ހިދާޔަތް ލިބިއްޖެއްޔާ ކިހާ ރަގަޅުވާނެހެއްޔެވެ.

"އެއްބަސްވަން....." އާލިއާގެ ޖުމްލައިން މާޒިންވެސް ސިހުނެވެ. މިހާ ފަސޭހައިން އާލިއާ އެއްބަސްވީ ކީކޭ ހިތަށް އަރާފަހެއްޔެވެ؟

"އޭނ؟ ސީރިޔަސްކޮށް؟ " މާޒިން ދެލޯ ބޮޑުކޮށްލިއެވެ.

"ޔެސް މިސްޓަރ މާޒިން މައިމޫން. މެރިޖް ޕްރޮޕޯސަލް އެކްސެޕްޓްކޮށްފިން. ދެން ހެވޭ ލޯ ބޮޑުނުުކުރިޔަސް..........."

"ރައީސްގެ ދަރިއަށް ވީމަ އެޑްވާންޓޭޖް އެބައޮވޭ ދޯ. މޫނު އަޅާ އަޅުވެރި އަންހެންކުއްޖަކު އަހަރެންކަހަލަ މޮޑެރޭޓް މީހަކާއި އިންނަން އެއްބަސްވީމަ ހައިރާންވެއްޖެ.." މާޒިން އެންމެ ހައިރާންވަނީ މިކަހަލަ ހާލަތެއްގައި ހުރެވެސް އާލިއާގެ ޖެހިލުން ކުޑަކަމާއި ވާހަކަދައްކާ ގޮތުންނެވެ. ބިރު ކުޑަކުއްޖެވެ. ކައިސް މޫނުމަތީ ޖެހި މަންޒަރުވެސް ލޯ މައްޗަށް ފެނިލިއެވެ.

"މަޖުބޫރުވާއިރުވެސް މުސްލިމެއް ވެއްޖެއްޔާ ހަލާލުގޮތުގައި ކުރެވޭކަމަކަށް އެއްބަސްވާން ބޭނުންވާނީ..ކޮންމެހެން ރައީސްގެ ދަރިއަކަށްވީމައެއް ނޫން އެއްބަސްވީ. ތިއީ ކުށްހީއެއް. ވެރިކަމަކީ މާތްﷲ ދެއްވާ އެއްޗެއް. އަބަދު އެމަގާމުގައި މާޒިންގެ ބައްޕައަކަށްވެސް ދެމިނުހުރެވޭނެ.. އެންމެ މާތް މީހަކީ އެންމެ ތަގުވާވެރިމީހާ..........." އާލިޔާ މާޒިންދެކެ ވަރަށް ރުޅިއަތުވެއްޖެއެވެ. މާލެއަށް ދިޔުމަށްފަހު އޭނަގެ ދުޢާއަކީ ހުރިހާ ކަމެއް ރަގަޅުވުމަށެވެ. ކިޑްނެޕްކޮށްފައިވާ އިރު ސަލާމަތްވާން އޭނައަށް އެކި ކަންކަމަށް އެއްބަސްވާން މަޖުބޫރުވެދާނެއެވެ. ނަމަވެސް އޭނަގެ ހާލަތު މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲއެވެ. އެފަރާތުގެ ރޭއްވެވުން ހުރިހާ ރޭއްވުމަކަށްވުރެ މޮޅުވާނެއެވެ. އޭނަ އިތުބާރުކުރަނީ މާތްﷲއަށެވެ. ސަލާމަތްކޮށްދެއްވާނެކަމުގެ ޔަގީންކަން އޭނަގެ ހިތުން އެންމެ ހިނދުކޮޅަކަށްވެސް ފިލައިގެނެއް ނުދެއެވެ.

މާޒިންގެ ފޯނަށް މަހުދީ ގުޅުމަށްފަހު ދެމީހުން އިރުގަނޑެއްވާންދެން ކޮންމެވެސް ކަމަކާ ވާހަކަދެއްކިއެވެ. އެވާހަކަތައް ނިމުނުއިރު މާޒިންގެ މޫނުންވެސް ރުޅިވެރިކަމުގެ ކުލަތައް ފެނި ބުމަ ކައިރިކޮށްލެވިއްޖެއެވެ. ފޯނު ޖީބަށް ލާފައި މުށްކަވައިލި އަތުން ޖެހުނީ އެންމެ ކައިރީގައި ހުރި ގަހުގައެވެ.

އާލިއާ ތައްޔާރުވެލައިގެން އެނބުރި އައިއިރު މާޒިން ކީއްކުރަން އެހެންމީހަކުވެސް ފެންނަން ނެތުމުން ކޮންމެވެސް ވަރަކަށް ހިތުގައި ބިިރުވެރިކަން ހިނގާލައިފިއެވެ. އެއި ޖިންނިއެއް ހެއްޔެެވެ؟ މި ފަޅުރަށުގައި ޖިންނިއަކު މާޒިންގެ ސިފަޖެހިގެން އޭނައަށް ފެނުނީކަމަށް ވެދާނެއެެެވެ. ނޫނީ އިތުރު ޖެއްސުމެއް ކޮށްލަން ތަނެއްގައި ފިލާހުރީއެވެ. އާލިޔާ ގޮނޑުދޮށުގައި ދެކޮޅަށް ހިނގާލާ ހިނގާލާ ހުއްޓާ އިރުއޮއްސުމުގެ ނިޝާންތައް އުދަރެހުން ފައުޅުވެ ފަޒާ ފިނިވެލައިފިއެވެ. އިރުއޮއްސުމުން ގެއިން ބޭރުގައި އެކަނި ހުންނާކަށް ނުވެސް ކެރޭނެއެވެ. އާލިއާ ފިޔަވަޅުތައް އަވަސްކޮށްލީ ގެއަށް ވަނުމަށެވެ.

އެރޭ ރޭގަނޑުގެ ކެއުން ހިފައިގެނެއް ނާދެއެވެ. ބަނޑުހައިކަން އިހުސާސްކުރަން ޖެހުމުން އާލިޔާ އަމިއްލަ ނަފުސަށް ހަނދާންކޮށްދިނީ ޔަމަންފަދަ ތަންތަނުގައި ރެފިއުޖީ ކޭމްޕްތަކުގައި ކާއެއްޗެއް ނުލިބި މަރުވެގެންދާ ކުދިންތަކެވެ. ޔޫޓިއުބުން އެކަހަލަ ކުދިންގެ ވީޑިއޯ ބަލާފައި އޭނަ ކިތަންމެ ފަހަރަކު ރުޔެވެ.

"އެންމެ އިރެއްގައި ކާން ނުލިބުނީމަ ކަންބޮޑުވާއިރު މާތްﷲ ދެއްވި ނިއުމަތް ގުނާ އަދަދު ނުކުރެވޭ. ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބަނޑަށް މަރުވާއިރު ކިހާ މީރުކޮށް ކައިގެން ކިހާ އަރާމުކޮށް މިއުޅެނީ. ހަގުރާމަ ކުރާ ތަންތަނުގައި ޔަތީމުވެފައިވާ ކުދިން ފެނުނީމަ ހިތް ފަޅައިގެންދާ ވަރުވޭ. ކުޑަދެކުދިން ބިމަށް އުކާފައިވާ ޕާންކޮޅުތައް ހޮވަހޮވާފައި އުޅޭ މަންޒަރު ފެނުނު ވީޑިއޯއަކަށް އެއްރޭ ރުއިން ހުއްޓާނުލެވިގެން އުޅުނު. ސަބުރު. މިއިން ކޮންމެ ފަހަރެއްގައި އެ ލަފުޒުގައިވާ ފުން މާނައާއިމެދު ވިސްނަން އެބަޖެހޭ.. އިރާދަކުރެއްވިއްޔާ ޝުކުރުކުރާ އަޅަކު ކަމުގައި އަބަދަށް ވާނަން..." އާލިޔާ ވުޟޫކޮށްލައިގެން މުސައްލަމަތީގައި އިށީދެ ދޮޅިލާންފެށިއެވެ. ނަމާދުކުރުމަށްފަހު އެތައް އިރެއްވާންދެން ގުރުއާން ކިޔަވަން އިނުމުން ދުނިޔޭގެ އެހެން ހުރިހާކަމެއް ހަދާންނެތުނެވެ.

***

މައިމޫނުގެ ދެމަފިރިން އަރްސަން ރާއްޖެ ނައިސްގެން އެކަމާ ހިތާމަކުރެއެވެ. އަނެއްކޮޅުން ރާހިލް ދިރިއުޅެނީ ވަކިންނެވެ. ސިއްރުވެރި ދިރިއުޅުމެކެވެ. މާޒިންވެސް އެކަހަލަ ގޮތަކަށެވެ. ކިރިޔާވެސް ޒިންމާދާރު ވަޒީފާއެއްގައި ހުރެގެން ހަރުދަނާކޮށް އުޅެމުން އައީ ދޮށީ ދަރިފުޅު ޖިބްރީލްއެވެ. އިންސާނީ ޚިދުމަތުގައި ހުރެގެން މައިންބަފައިން ފަޚުރުވެރިކޮށްދީފިއެވެ.

އަރްސަން ގެންނަން އެންމެ ފަސޭހަވާނެ އުކުޅު އެނގި ސުކައިނާ ބަލިވީކަމަށް ހެދުނެވެ. މޭމައްޗަށް ތަދެއް އަރައިގެން ސްކައި ޕެލެސް ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނެވެ. އީސީޖީ އާއި ހިތުގެ ސްކޭންތައް ހަދަން ޑޮކްޓަރ އިރުޝާދު ދެއްވިއެވެ.

ޕްރައިވެޓް ރޫމްގެ އެނދެއްގައި ރޭގަނޑު އަރާމުކޮށް ނިދާލެވުނެވެ. ހެނދުނު ހޭލެވިގެން ބަލައިލިިރު އަރްސަން ހުރީ ކޮޓަރި ތެރޭގައެވެ. ދަރިފުޅު ފެނުމުން ސުކައިނާގެ ހިތުގައި މިފަހަރު ހަމަ ރަގަޅަށްވެސް ރިއްސައިލިއެވެ. އަރްސަންގެ ތުނބުޅި މިއިން ދުވަހަކު ބޭލިކަމެއް ނޭގެއެވެ. އިސްތަށިގަނޑުވެސް ކޮށާނުލާ ދިގުކޮށްފައެވެ. އެއްވެސް "މާތް" ގޮތެއް ނެތެވެ. އޭނަގެ ސިކުނޑިއަށް ވަގުތުން ގެނެވުނީ ތާލިބާނުންނާއި އިސްލާމިކް ސްޓޭޓްފަދަ ނިރުބަވެރި ޖަމާއަތްތަކުގެ މީހުންގެ ސިފައެވެ. ނަމަވެސް އޭނަގެ ދަރިފުޅުގެ ހިތާމައިގާ ބައިވެރި ނުވެ އެހެން ވާހަކައެއް ފަށައިފިނަމަ ދެވަނަ ފަހަރަށްވެސް ދަރިފުޅު ގެއްލިދާނެއެވެ.

"ސޭމް.. މަންމަގެ ސޭމް.." ސުކައިނާ އަތް ހުޅުވައިލިއެވެ.

"މަމް ވަޓް ހެޕެންޑް ޓު ޔޫ. " އަރްސަން މަންމަގެ ގައިގާ އަތް ވަށައިލަމުން ކޮނޑުގައި ބޯ އަޅައިލިއެވެ. އޭރު ސުކައިނާގެ ލޯ ކަރުނުން ފުރިއްޖެއެވެ.

"ދަރިފުޅު މަތިން މިސްވިވަރުން. މަންމަމެންގެ ލޯބިވާ ކުއްޖާ ދިޔައީމަ މަންމަމެންގެ ހިތް ހަލާކުވާނެކަން ދަރިފުޅަށް އިހުސާސެއް ނުކުރެވޭތަ؟"

"އައިމް ބެކް މަންމާ."

"ތޭންކް ގޯޑް. މިވަރަށް ސޯޝަލްމީޑިއާގައި އެވާހަކަތައް ދައްކާއިރު ދަރިފުޅު އެންމެ ފަހަރަކުވެސް އަދާއާއި ދިމާލަށް އެއްޗެކޭ ނުބުނޭ. މަންމައަށް އެނގޭ ދަރިފުޅުގެ މަގާމުގައި އެހެން ފިރިހެނަކު ހުރިނަމަ ރިވެންޖްއާއި އެހެންގޮސް އެތައް ބައިވަރު ޖަޒުބާތުތަކުގައި ޖެހި އަތުން ފައިން ހަދާނީ ގޯސް. ސޭމްހާ ކޫލް މީހަކަށް ކޮންމެ ކޮންމެ މީހަކަށް ނުވެވޭނެ. އައިމް ޕްރައުޑް އޮފް ޔޫ ޑާލިން. ހިތްވަރާއެކު ދުނިޔެއާއި ކުރިމަތިލާ....." ސުކައިނާ އަރްސަންގެ މޫނަށް ބަލައިލީ ލޯބިވެތި ނަޒަރަކުންނެވެ.

"އެކަމަކު މި ތުނބުޅިއާއި އިސްތަށިގަނޑު ފެނުނީމަ މަންމަ ހިތަށް އެރި އެއްޗެއް އެނގޭތަ؟ " ސުކައިނާ މަޑުމަޑުން ބުނެލި ޖުމްލައިން އަރްސަން ހޭންފެށިއެވެ.

"މަންމައަށް މީހެއްގެ މޫނަށް ބަލައިލާއިރަށް ފެންނާނީ ތުނބުޅި..." އަރްސަންގެ ހިތުގައި ފޮރުވިފައިވާ ހިތާމައިގެ އެއްވެސް އަސަރެއް މޫނަކުން ނުދައްކާ އޭނަ ހުރީ ނިކަން ހަމަޖެހިލައިގެން ހީލަ ހީލައެވެ. ސުކައިނާ ހިތުން އަރްސަންގެ ހިތުގައި ލާފައި ހުރި ޒަަޚަމްތައް އެއްކޮށް ފަސޭހަވެއްޖެއެވެ.

***

އަރްސަން ރާހިލްގެ މޫނުމަތީ ޖެހިގޮތަށް ގާތަށް ދަމައިގަތެވެ. އަދި ގަމީގުގެ ގޮށްފަތީގައި ހިފާފައި ކޮށްޕާލިގޮތަށް ފާރުގައި ޖެހުނުގޮތަށް މާބްލްމަތީ ލޭގެ ކުޑަ ކޯރެއް ހެދުނެވެ. ރާހިލްގެ ޅަ ކަމާ ތަދަށް ކެތްނުވާވަރުން އޭނައަށް ވާނެ ވަރު ލަފާކޮށްފައި ޖިބްރީލްއާއި ސުކައިނާވެސް ދުއްވައިގަތީ ރާހިލްއާއި ދިމާލަށެވެ. އަރްސަން ކޮޓަރިއަށްވަދެ ދޮރު ލައްޕާލައިފިއެވެ.

"ދަރިފުޅާ ރުޅި މަޑުކޮށްބަލަ ކުކީ ކީކޭ ކިޔައިގެން އުޅެނީ؟ "

ރާހިލް އިނީ ދަތްޕިލާ ޖައްސާ ބާރުކޮށްލައިގެންނެވެ. ހަގީގަތް ފާޅުކުރަން ބޭނުންނުވެފައެވެ. އޭނަވެސް އަރްސަންދެކެ ރުޅިއައިސްފައިވާ ކަހަލައެވެ.

"މައިގޯޑް. ހާދަ ވަރަކަށޭ ލޭ މިއަންނަނީ......"މާޒިން ދެރަވިއެވެ.

"ބޯ ފަޅައިގެން ދިޔައީމަ އެއީ........" ޖިބްރީލް ބުނެދިނެވެ. މާޒިން އަވަސް އަރުވާލާފައި އައިސްޕެކެއް ގެނެސްދިނެވެ. ޖިބްރީލްއާއިއެކު ހޮސްޕިޓަލަށް ގެންގޮސް ދެތިން ސްޓިޗް ޖަަހަން ޖެހުނެވެ. ރާހިލްގެ ހިތްވަރު ފެނުމުން ޖިބްރީން ހައިރާންވެ ދެލޯ ބޮޑުވިއެވެ. އޭނަގެ ކޮއްކޮއަށް ތަދު އިހުސާސްވާލެއް ބޮޑުކަމުން މިފަދަަ ކަމަކަށް ކެތްކުރުމުން ހައިރާންވާނެ ނޫން ހެއްޔެވެ؟

"ކުކީ ނަން ބުނެބަލަ...." ޖިބްރީލް އެހިއެވެ.

"ރާހިލް...." ރާހިލް އުދަގޫވެފައިވާ ކަހަލަ ގޮތަކަށް ލޮލަށް ހެދިއެވެ.

"މިތިބީ ކޮންތާކު؟ "

"ސްކައި ހޮސްޕިޓަލުގައި. ދޮންބެ ކިހިނެއްވީ؟ އަޅުގަނޑުގެ ސިކުނޑިއަކަށް ކަމެއްނުވޭ. ތިހުރިހާ ސުވާލެއްކުރާ ސަބަބު އެނގިއްޖެއޭ. ނޯ ވޮރީސް ދޮންބެ އައިމް މެންޓަލީ ފައިން..." ރާހިލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ރާހިލް ކާލާފައި އަރާ ހުރި ޖިންނިއެއް ނޫންކަން ޔަގީންކުރަންވެގެން މިހެން އެހީ. ޕެއިން ފީލް ނުވާތީ. ވިންސްވެސް ކޮށްނުލާ އިނީމަ. އިޓްސް ނޮޓް ސޯ ޔޫ......." ޖިބްރީލްގެ ޖުމްލައިން އޭނަ ހީލި ހީލުމުގައި ނިކަން ސިއްރުވެރިގޮތެއް ވިއެވެ. ހަގީގަތް އަދި އެކަކަށްވެސް އެނގޭކަށް ބޭނުމެއްނޫނެވެ. އެނގިއްޖެއްޔާ މަސްލަހަތު ގެއްލިދާނެއެވެ. މިހާރުވެސް އެކަމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ފުރަތަމަ އަރްސަންއެވެ.

***

"ދަރިފުޅާ ބުނެބަލަ. ތިއްތި އެހާ ރުޅިއައީ ކީކޭ ބުނެގެންތަ؟ " ރާހިލް ސިޓިން ރޫމްގެ ސޯފާގައި އިންދާ ސުކައިނާ ހޫނު ކޮފީތަށްޓަކާއި ޕިއްޒާ އެއްޗެހި ގެނެސްދިނެވެ.

"މަންމާ އެވާހަކަ މަންމައަށްވެސް އެނގިނުލައްވައިފިއްޔާ އެންމެ ރަގަޅުވާނީ. ޕްލީޒް އެހެން ވާހަކައެއް...." ރާހިލް އެވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. ސުކައިނާވެސް ގަދަކަމުން ކޮންނާކަށް ބޭނުމެއްނުވިއެވެ. ރާހިލް ހަމަަޔަކަށް އެޅިގެން އަމިއްލައަށް އެ ވާހަކަ މަންމަ ގާތު ދައްކަނެކަމުގެ އުއްމީދު އެބައޮތެވެ. ރާހިލް ފޮރުވަން އުޅުމުން ހައްތަހާ ބޮޑަށް ހިތުގައި ޝައުގު އުފެދުނެވެ. އެ ހަގުރާމައިގެ އަސްލަކީ ކޮބާބަވައެވެ. ހުރެލާފައި ދެމީހުން ތަޅައި ނުގަންނާނެއެވެ. އަދާއޭ ކިޔައިގެން ރާހިލް ސަމާސާއެއްކޮށްލީ ބާވައޭވެސް ހިތަށް އެރިއެވެ

***

މާތްﷲ މުސީބާތެއް ޖައްސަވައިފިއްޔާ އެންމެންވެސް އެހާ ބަލިކަށިވެދެއެވެ. ނަމަވެސް ގިނަފަހަރު އެންމެނަށް އުޅެވެނީ އެފަރާތް ހަނދާންނައްތާލާ ދުނިޔޭގެ ނިއުމަތާއިގެން އަވަދިނެތިއެވެ. ފައިސާ ހޯދަން ހުރިހާ ވަގުތެއް ހުސްކޮށްލާއިރު ހެއްދެވިފަރާތަށް ސަޖިދަ ޖެހުންވަނީ މަދުވެފައެވެ. އަޅުކަންތަކަށް ޣާފިލުވެ ސައުވީސްގަޑިއިރު އުޅެނީ ދުނިޔެއާއިހެދިއެވެ. ސްކައިޕެލެސްއަށް ހިތާމައިގެ ބޯ ވިލާތައް އެޅުމުގެ ކުރިން އެމީހުންވެސް ހިތާމައަކީ ކޯނޗެއްކަމެއް ނުދަނެއެވެެ. އެއަށްވުރެ އުފާވެރި ހަމަޖެހޭ އާއިލާއެކެވެ. ކުދިން ލޯބިން އަރައިރުންވިޔަސް އެއްވެސް ކުއްޖަކު އަނެކަކަށް އަނިޔާކޮށް ނަހަދައެވެ. ނަމަވެސް އެހިނގި ހާދިސާގައި އަރްސަންއާއި ރާހިލް އެކަކު އަނެކަކާއި އަނގައިން ނުބުނެ ރުޅިވެއްޖެއެވެ. އެއީ ސުކައިނާ ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ. އޭނަގެ އާއިލާ އުޅެންޖެހޭނީ އުފަލުގައެވެ. އަރާމުގައެވެ. ލޯތްބާއި އަޅައިލުން އެކަކު އަނެކަކަށް ދީ ހަތަރުބެއިން އުޅެންޖެހޭނީ އެކަތިގަނޑަކަށް ވެގެންނެވެ.

ސުކައިނާ ކަޅުކޮފީއެއް ހަދައިގެން ގެނެސް މައިމޫން ކައިރީ ބެހެއްޓިއެވެ. އަދި މައިމޫންގެ އަތުގައި އަތް އަޅުވާލައިގެން އިށީދެ ކޮނޑުގައި ބޯ އަޅާލައިފިއެވެ.

"އަޅުގަނޑުމެންގެ މި ލޯބި ކުޑަ އާއިލާއަށް މިވަނީ ކިހިނެއް؟ "

"އެކަންތައް ނިމިދާނެ. އަޑިގުޑަންތައް ހަޔާތަށް އަންނާނެ. އެކަމާ ފިކުރުނުކުރޭ."

"މަންމަގެ ހާލު ކިހިނެއް؟ އީސީޖީ އާއި އެއްޗެހި ރަގަޅުތަ؟ " ސުކައިނާ އެހިއެވެ.

"ޑޮކްޓަރ ވިދާޅުވީ މަންމަވެސް މާ ބޮޑަށް ސްޓްރެސްވީމަކަށް އެހެންވެ ޗެސްޓް ޕެއިން އައީ. އަރާމުކުރަން އެންގީ. އަހަރެންގެ އަރްސަންއާއިމެދު ވިސްނާލީމަ އަހަރެންގެ ހިތްވެސް ކުދިކުދިވާވަރުވޭ. އަންހެނަކަށް ދުވަހަކު އިތުބާރުކުރާނެތަ؟" މައިމޫން ބޯ ހޫރާލެއްވިއެވެ." އަދިވެސް ނައިޓްމެއާއެއް ފަދައިން އެ މަންޒަރު ލޮލަށް ސިފަވޭ......."

"ސޭމް ކުކީއާއިވެސް ރުޅި. އެކުދިން ތަޅައިގަތް ސަބަބެއްވެސް ނޭގޭ ވަޓްސް ހެޕެނިން ޓު މައި ފެމިލީ...އާހް....." ސުކައިނާ ދެލޮލުން އައި ކަރުނަތައް ފޮހެލިއެވެ. "މިހާރު އަދާ ބުރުގާވެސް އަޅައިފި. ހިތަށް އަރާ އެދެކުދިން ރުޅިވީ ދީނީ ޚިލާފުވުންތަކަކާއި ހެދިއޭ. ސޭމްއަކީ މިގެއިން ދީނާއި އެންމެ ދުރުން އުޅޭ ކުއްޖާ..ސޭމް ނޫން އެހެން ކުދިން ހަމަ މޮޑެރޭޓް. ދޭތެރެއަކުން ނަމާދުވެސްކޮށްލާ. އެކުއްޖާވެސް މިފަހުން މިސްކިތަށް ވަދެލިކަން ނޭގޭ. ހިތަށް އަރަނީ ކޮންމެވެސް ސަބަބަކާހެދި އޭ ދީނާއި ދުރުވާނީ."

"ދަރިން ތަރުބިއްޔަތުކުރުމުގައި ކޮންމެވެސް ކަހަލަ އިހުމާލެއް ވެވުނީ....." މައިމޫން ބުނުއްވިއެވެ.

"އަރްސަންއާއި އަދާ ގުޅުވަން އަދިވެސް މަސައްކަތް ކުރާނަން.." ސުކައިނާގެ ހިތުގައި އަޒުމެއްވިއެވެ.

"މަޖުބޫރު ނުކުރޭ" މައިމޫންގެ ޚިޔާލު ތަފާތެވެ. ޚިޔާލު ތަފާތުވުންތައް އުފެދި އަރްސަންއާއި އަދާއަށް އެކީ އުޅެން ދަތިވެއްޖެއްޔާ ކައިވެންޏަށްފަހު ޖެހޭ މައްސަލަތައް އަދި އިތުރުވެދާނެއެވެ. އެންމެ ރަގަޅީ ވަގުތު ދިނުމެވެ. އެކީ ނޫޅެވެންޏާ ވަކިވުމެވެ

***

މާޒިން ވާރެޔާ ތެމިފޯވެގެން ހުރެ ގެއަށް ވަންއިރު މެންދަންވެއްޖެއެވެ. އަވަސްކުރަން ހަދައިގެން ސިޑިމަތިން ކައްސާނުލީ ކިރިޔާއެވެ. އޭރު ބޯކޮށް ވާރޭވެހޭ އަޑު ފަޒާގައި ހަރުލާފައިވިއެވެ. އޭސީ ޖައްސާފައި ހުރުމުން ގޭތެރޭގެ ފިނިކަން ވަކިން ގަދައެވެ.

"ޒިން ކޮންތާކުން ތިއައީ..." ޖިބްރީލް ކޮޓަރީގެ ދޮރު ހުޅުވާލަފައި ނުކުމެ ގަޑިއަށް ބަލައިލިއެވެ. " ތެތް އެއްޗެހި ބަދަލުކޮށްގެން ކޮފީއެއް ބޯލަން އާދޭ. އެބައޮތް ވާހަކައެއް ބުނަންވެފައި..."

މާޒިންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. ދޮންބެއަށް އެނގުނީ ކޮންކަމެއް ހެއްޔެވެ؟

ފަނަރަވަރަކަށް މިނިޓްފަހުން ދެބެން ދުންއަރަ އަރާހުރި ކޮފީ ބޯން ބެލްކަނީގެ ސޯފާތަކުގައި ހަމަޖެހިލިއެވެ.

ނުނިމޭ

comment ކޮމެންޓް