ބައިނަލްއަގުވާމީ ވިޔަފާރި 2008ގެ ހާލަތަށްވުރެ ގޯސްވާނެކަމަށް ލަފާކޮށްފި

ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން އިންޓަނޭޝަނަލް ޓްރޭޑަށް ކުރާ އަސަރު، 2008 ވަނަ އަހަރުގެ އިކޮނޮމިކް ކްރައިސިސްގައި ކުރި އަސަރަށްވުރެ ބޮޑުވާނެ ކަމަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އިން ބުނެފިއެވެ.

ޑަބްލިއުޓީއޯ އިން ބުނީ އިންޓަނޭޝަނަލް ޓްރޭޑު މިއަހަރުގެ ތެރޭގައި 13 ޕަސެންޓާއި 32 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށެވެ. އެ ޖަމްއިއްޔާ އިން ބުނީ، އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރު ދުނިޔޭގައި އޮތީ ހެލްތު ކްރައިސިސް އަކަށްވެފައި، ކުރިއަށް ވާނެގޮތް އަންދާޒާ ކުރަންވެސް ނޭނގުން ކަމަށެވެ.

ބަލީގެ ސަބަބުން ކުރާ އަސަރާ އެއްވަރަށް ގައުމުތަކުގެ އިގްތިސޯދަށް ކުރާ އަސަރާއެކު ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ވިޔަފާރިތައް އިނދަޖެހި، ރައްޔިތުންގެ އާމްދަނީ އަށް ކުރާ އަސަރު އަންދާޒާ ނުކުރެވޭ ކަމަށް އެ ޖަމްއިއްޔާ އިން ބުނެފައިވެއެވެ.

ޑަބްލިއުޓީއޯ އިން ލަފާކުރަނީ އިގްތިސޯދުތައް އެންމެ ރަނގަޅަށް ހިނގައިގަންނާނީ އަންނަ އަަހަރުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ބަލިމަޑުކަން ކޮންޓްރޯލުވެއްޖެނަމަ މިއަހަރުގެ މެދުތެރޭގައި ނުވަތަ ފަހުކޮޅަށް ދާއިރު އިގްތިސޯދުތައް ހަމައަކަށް އެޅެން ފަށާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ ޖަމްއިއްޔާ އިން ބުނީ މިދިޔަ އަހަރު ނިމުނުއިރު، ދުނިޔޭގެ ވިޔަފާރި ސިނާއަތް، އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އެއް ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށާއި މިހާރު އޮތް ހާލަތު ނިމޭިރު، އޯޕަން މާކެޓްތަކުގައި ވިޔަފާރިކުރެވި، ސަރުކާރުތަކުން އިކޮނޮމީތައް ކޮންޓްރޯލު ކުރާ މިންވަރު މަދު ކުރަން ޖެހެއެވެ. އެމެރިކާގެ އިގްތިސޯދީ ބައެއް ހަރަކާތްތަކަށް އެ ގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އިޝާރާތްކޮށް، އެފަދަ ކޮންޓްރޯލު ކުރުންތައް ހުއްޓާލަން ޖެހޭނެ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުނެފައިވެއެވެ.

ކޮރޯނާ އާއެކު ދުނިޔޭގެ ވައިގެ ދަތުރުފަތުގެ ސިނާއަތް ހުއްޓި، ބޮޑެތި އިގްތިސޯދުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މުހިއްމު ސިނާއަތްތައް މަޑުޖެހި، ވިޔަފާރިތަކަށް ވަނީ ހީނަރުކަން އައިސްފައެވެ. ދަތުރުފަތުރު ހުއްޓި އިމްޕޯޓު އެކްސްޕޯޓު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ދެހާސް އަށޤވަނަ އަަހރު ދުނިޔެއަށް ކުރިމަތިވި ފައިނޭންޝަލް ކްރައިސިސްގެ އަސަރު ދުނިޔޭގެ ކުރިއަރާފައިވާ ހުރިހާ އިގްތިސޯދަކަށް ކުރިއެވެ. ހިއްސާގެ ބާޒާރުގައި ކުންފުނިތަކުގެ އަގު 90 ޕަސެންޓާ ހަމައަށް ވެއްޓުނެވެ.

މިހާތަނަށް 1.4 މިލިއަން މީހުންނަށް ކޮރޯނާ ޖެހިފައިވާއިރު 83،000 އަށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ.

comment ކޮމެންޓް