ކްލޮޕް މާނޭއާ ފުރަތަ ފަހަރަށް ދިމާވުމުން ކޮށްލީ މަލާމާތެއް

ލިވަޕޫލްގެ ފޯވާޑް ސާޑިއޯ މާނޭއާއި ކޯޗު ޔާގަން ކްލޮޕް --

ލިވަޕޫލްގެ ކުޅަދާނަ ސްޓްރައިކަރު ސާޑިއޯ މާނޭ އެކުލަބަށް އައިސް ފުރަތަމަ ފަހަރަށް ޓީމުގެ ކޯޗު ޔާގަން ކްލޮޕްއާ ދިމާވުމުން ބުނި ވާހަކަތައް އޭނާ ހިއްސާ ކޮށްފި އެވެ.

ދުނިޔޭގައި މިހާރު ތިބި އެންމެ މޮޅެތި ސްޓަރައިކަރުންގެ ތެރޭގައި ނަން ކިޔާލެވޭނެ އެކަކަކީ ސެނަގަލްގެ ލިވަޕޫލް ފޯވާޑް މާނޭ އެވެ. ވޭތުވެ ދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޓްރޮފީ ހޯދުމުގައްޔާއި މި ސީޒަނުގެ ގިނަ މެޗުތަކަކުން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގު ފަތަހަ ކުރުމަށް ލިވަޕޫލް ކުރަމުންދާ މަސައްކަތުގެ އެންމެ ބޮޑު ދައުރެއް އަދާ ކުރަމުން އަންނަ އެކަކީ ވެސް މާނޭ އެވެ.

ނަމަވެސް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް މީގެ ކުރިން އިރުޝާދު ދިން ޖަރުމަނުގެ ބްރޮޝިއާ ޑޮޓްމަންޑުގައި 2009 ވަނަ އަހަރުން ފެށިގެން 2015 އަށް މަސައްކަތް ކުރި އިރު މާނޭ ގެނައުމަށް ބޭނުން ނުވި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެއީ އޭނަގެ ކޯޗިންގް ކެރިއަރުގައި ހެދުނު މިސްޓޭކެއްކަން ގަބޫލު ކުރާ ކަމަށް ވެސް ފަހުން ބުންޏެވެ.

ކޮންމެއަކަސް ޑޮޓްމަންޑް ދޫކޮށް ކްލޮޕް ލިވަޕޫލަށް އައިސް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މާނޭ ގެނައީއެވެ. އެކަމަކު ފުރަތަމަ ފަހަރަށް ކޯޗާއި ކުޅުންތެރިޔާ ދިމާވި ވަގުތު ކަންތައް ހިނގި ގޮތް އެކަކަށް ވެސް މީގެ ކުރިން ނޭންގެ އެވެ. އެހެނަސް، މާނޭ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ އެދުވަހު ކަންތައް ވީ ގޮތް ހިއްސާ ކޮށްފަ އެވެ.

"އޭނާ ބުނީ އަހަރެން ވައްތަރީ ރެޕް ލަވަ ކިޔާ މީހަކާ ކަމަށް،" މާނޭ ބުންޏެވެ. "އަހަރެންނަށް އިނގޭ ޖޯކަށް ބުނި އެއްޗެއްކަން. އެކަމަކު ދެވަނަ ފަހަރަށް ބައްދަލުވާން ވާއިރަށް އަހަރެންގެ ފެންވަރު ދައްކާލާނަމޭ ހިތައް އެރި،"

މާނޭ ބުނީ ކްލޮޕްއާ އެކު މަސައްކަތް ކުރުމަކީ ވަރަށް ވެސް ތަފާތު ތަޖުރިބާއެއް ކަމަށެވެ. އަދި ހަޔާތުގެ އެންމެ ހިތްގައިމު ކަމަކީ ވެސް ތަފާތު މީހުނާއި ދިމާވެ ގިނަ ތަޖުރިބާތަކެއް ލިބުން ކަމަށް މާނޭ ބުންޏެވެ.

"ކްލޮޕް އެހެން އެންމެނާ ތަފާތު ވަނީ އޭނަ ގަބޫލެއް ނުކުރާނެ އެއްވެސް ކަމަކީ ނުވާނެ ކަމެއް ކަމަކަށް. އެ ތަފާތު ބާސެލޯނާ މެޗުގައި ވެސް ފެނުން."

comment ކޮމެންޓް