އިންޑިއާއިން 150 މިލިއަން ޑޮލަރު ނަގަނީ، އައިއެމްއެފްގެ އެހީވެސް ހޯދަނީ

އެމްއެމްއޭ

އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާޔާއި ރާއްޖެއާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ހޯދުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނިންމައިފި އެވެ.

އެމްއެމްއޭއިން ބުނީ މިއީ ކޮރޯނާވައިރަސްގެ ބަލިމަޑުކަން، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަތުވެދާނެ ހީނަރުކަމަކުން އަރައިގަތުމަށްޓަކައި އެ އޮތޯރިޓީން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކުރާ މަސައްކަތެއް ކަމަށެވެ.

ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި، ޓޫރިޒަމް ދަށްވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީން 6.9 ބިލިއަނެއްހާ ރުފިޔާ މަދުވުން އެކަށީގެންވެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު އިންޑިއާގެ މަރުކަޒީ ބޭންކާ އެމްއެމްއޭއާ ދެމެދު ސޮއިކުރި ކަރަންސީ ސްވޮޕް އެއްބަސްވުމަކީ 400 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ.

މިއީ 2018ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް ދިނުމަށް އެއްބަސްވި 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ އެހީގެ ޕެކޭޖްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ އިތުރުން ސަރުކާރާ ގުޅިގެން އައިއެމްއެފްގެ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

ކޮވިޑް19އާއި ގުޅިގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވެސް އެމްއެމްއޭއިން ވަނީ ނިންމައިފަ އެވެ. އެއީ؛

  • ބޭންކު ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް މަޑުޖައްސާލަން ބޭނުންވާ ރެގިއުލޭޓަރީ ފިޔަވަޅުތައް ބޭންކުތަކަށް އެންގުން.
  • ބޭންކްތަކުން ލިކުއިޑިޓީ ބޭނުންވެއްޖެ ހާލަތެއްގައި އެމްއެމްއޭގެ ރިޒާވް ރިކުއަޔަމަންޓް ފަސް ޕަސެންޓާ ހަމައަށް ދަށްކުރުން.
  • މާލީ އިދާރާތަކުން ލިކުއިޑިޓީ ބޭނުންވެއްޖެ ހާލަތެއްގައި އެމްއެމްއޭއިން ކުރު މުއްދަތުގެ ލޯނު ދެވޭނެ ގޮތް ހަމަޖެއްސުން.
  • ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ބޭރު ފައިސާގެ މިންވަރު އިތުރުކުރުން، އެމްއެމްއޭގެ ވަސީލަތްތަކުގެ އެހީގައި ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ފޯރުކޮށްދިނުން.

މީގެ އިތުރުން ކޮރޯނާވައިރަސްގެ ބަލިމަޑުކަމުގެ މި ހާލަތުގައި ބޭންކިން އަދި ޕޭމަންޓް ސިސްޓަމްގެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވެސް ސަރުކާރުގެ އިދާރާތަކާއި ބޭންކުތަކާ ގުޅިގެން އެމްއެމްއޭއިން ވަނީ ހަމަޖައްސާފަ އެވެ.

އެމްއެމްއޭއިން ބުނީ މިއަދުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާހަމައަށް ސަރުކާރު ބަންދުކުރި ނަމަވެސް މި މަހުގެ 19، 23 އަދި 26 ވަނަ ދުވަހު ބޭންކިން، ޕޭމަންޓް ސިސްޓަމް އަދި އާންމުންނަށް ބޭނުންވާ ނަގުދު ފައިސާ ފޯރުކޮށްދިނުމުގެ ހިދުމަތްތައް އެ އޮތޯރިޓީން ލިބޭނެ ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން އެމްއެމްއޭއިން އަޅާފައިވާ ފިޔަވަޅުތަކަކީ މި ހާލަތުގައި ދިވެހި އިގްތިސާދަށް އަތުވެދާނެ ހީނަރުކަމަކުން އަރައިގަތުމަށާއި ވިޔަފާރިތައް ބަނގުރޫޓުވުން ހުއްޓުވުމުގެ އިތުރުން އިގްތިސާދުގައި ފައިސާ ދައުރުކުރުން ދެމެހެއްޓުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ބުންޏެވެ.

ސަރުކާރުން މިއަދު ވަނީ، ކޮރޯނާވައިރަހުގެ ސަބަބުން ދަށަށްދާ ވިޔަފާރިތައް ސަލާމަތްކޮށް، ވަޒީފާތައް ހިފެހެއްޓުމަށް އަމާޒުކޮށް ވިޔަފާރިތަކަށް 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ އެހީގެ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ.

comment ކޮމެންޓް