މަޖިލިސް މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނިކުރަން ކޮމިޓީއިން ފާސްކޮށްފި

ފެބްރުއަރީ 3، 2020: މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން ---- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް ދެމަސް ދުވަހަށް އުނި ކުރުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.

އެގޮތަށް ކޮމެޓީން ފާސްކޮށްފައިވަނީ މިއަދު ކުރިއަށް ގެންދިޔަ އެ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

ހަތް މެންބަރުން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނިކުރަން ހަ މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

މެންބަރުންގެ މުސާރައިގެ 20 ޕަސެންޓު އުނިކުރުމުގެ މަސައްކަތް ފެށީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނިކޮށްދިނުމަށް މަޖިލީހުގެ ރައީސް ނަޝީދު މެދުވެރިކޮށް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅައިދިނުމަށް އެދިފަ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވީ، މެންބަރުންގެ މުސާރައިގެ 20 އިންސައްތަ ދެ މަސްދުވަހަށް އުނިކޮށް މަހަކު އެއްފަހަރު ރިވިއު ކުރުމަށެވެ. އެ ހުށަހެޅުން ފާސް ކުރުމަށް ވޯޓު ދެއްވާފައި ނުވަނީ ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ފަޒުލް ރަޝީދު އެވެ.

ރައްޔިންތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާއެވެ. މުސާރައިގެ 20 ޕަސަންޓަކީ، 8،500 އެވެ. މަޖިލީހުގެ 87 މުސާރައިގެ 20 ޕަސަންޓަކީ ޖުމްލަ 739،500 ރުފިޔާއެވެ.

މުސާރައިގެ އިތުރަށް މެމްބަރުންނަށް 40،000 ރުފިޔާއާ ހަމައަށް އެލަވަންސްވެސް ލިބެއެވެ. އެއީ 20،000 ރުފިޔާގެ ލިވިންގް އެލަވަންސާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއެވެ. އޭގެ ތެރެއިން ކޮމިޓީ އެލަވަންސަކީ މެމްބަރުގެ ކޮމިޓީ ހާޒިރީއަށް ބަލާފައި ދޭ އެލަވަންސެކެވެ.

ރައްޔިންތުންގެ މަޖިލީހުގެ ގަވައިދުގެ 272 މާއްދާގައި ބުނެފައިވަނީ، މެންބަރެއްގެ މުސާރައާއި އިނާޔަތްތައް ކެނޑުމަށް ގޮތެއް ނިންމުމުގައި ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަޖިލީހުގެ ތިންބައިކުޅަ ދެބައި ގެ އަގްލަބިއްޔަތުން ފާސްކުރަންވާނެ ކަމަށެވެ.

comment ކޮމެންޓް