ކޮރޯނާވައިރަސް: އިގްތިސާދަށް ކުރާ އަސަރު މަޖިލީހުން ދިރާސާކުރަނީ

އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: އިގްތިސާދަށް ކުރާނެ އަސަރު ދެނެގަތުމަށް އެ ކޮމިޓީން ކަމާ ބެހޭ ފަރާތްތަކާ ބައްދަލު ކުރަނީ --- ފޮޓޯ/ މަޖިލިސް

ކޮރޯނާވައިރަސް، ކޮވީޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކުުރުމަށް ނިންމައިފި އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އަންނަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ. އެއާއެކު ރާއްޖޭގެ އިގްތިސާދަށްވެސް އަސަރު ކުރާނެ އެވެ. ސަރުކާރުން ވަނީ އޮފީސްތަކުގެ ހަރަދުތައް ކުޑަކުުރުމަށް ނިންމާފަ އެވެ.

އިގްތިސާދީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، އަލިފުށި ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް އަންނާނެ ލޮޅުންތައް ދެނެގަތުމައްޓަކައި ކޮމިޓީގެ މެންޑޭޓްގައި ހިމެނޭ ހުރިހާ މިނިސްޓްރީތަކާ ބައްދަލުކުރުމަށް މިހާރު ދައުވަތު ދީފައިވާ ކަމަށެވެ.

"ބުދަ ދުވަހު 12:00 އަށް ކޮމިޓީއަށް ވަޑައިގެންނެވުމަށް ދައުވަތު ދެވިފައި ވަނީ. އަދި އަޅުގަނޑުމެންނަށް ޖަވާބު ލިބިފައެއް ނުވޭ،" ބިގޭ ވިދާޅުވި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތު ދުވަހު ވިދާޅުވީ، ވައިރަހާ ގުޅިގެން އިގްތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެެއް އަންނާނެ ކަމަށެވެ.

އެގޮތުން ޓޫރިސްޓުން އަންނަ ވަރު، 35 ޕަސެންޓަށް މަދުވެ ދައުލަތުގެ އާމްދަނީން 6.9 ބިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ގައުމުގެ އުފެއްދުންތެރިކަން ޖީޑީޕީ ކުރިއަރާ މިންވަރު 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސަންޓާ ދެމެދަށް ދަށްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ސަރުކާރުން ވަނީ މިހާރު އިދާރާތަކުގެ ހަރަދުތައް ކުޑަކުރުމަށް ނިންމާފަ އެވެ. ނަމަވެސް މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށާއި މަޝްރޫއުތައް މަޑު ޖައްސާލުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން ފިނޭންސް މިނިސްޓަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ މަދުކުރަން އަންގަވައިފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ މެންބަރުންގެ ކޮއްތު ފައިސާ ކަނޑާލަން ވަނީ ރާވައިފަ އެވެ.

މީގެ އިތުރުން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން އިއްޔެ ވަނީ އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ މުސާރަ 20 ޕަސެންޓަށް ކުޑަކުރުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފަ އެވެ.

މިހާތަނަށް ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފަރީއަކުން 13 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް