މިނިމަމް ވޭޖްގެ ރިޕޯޓަށް އެމްޑީޕީ މެންބަރުންގެ ނުރުހުން

އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ފަޔާޒު މޫސާ

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށް ވޭޖް ބޯޑުން އިކޮނޮމިކް މިިނިސްޓްރީއަށް ލަފާ އެރުވުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓު ފުރިހަމަ ނޫން ކަމަށް ސަރުކާރުން ހިންގާ މައި ޕާޓީ، އެމްޑީޕީ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ރިޕޯޓް ރައްޔިތުންގެ މަޖިލީހާ މިހާރު ހިއްސާކޮށްފައިވާއިރު، އިގްތިސާދީ ކޮމިޓީން އަންނަނީ އެ ރިޕޯޓް ދިރާސާކުރަމުންނެވެ. އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް ބޯޑް މެމްބަރުން ވަނީ ހާޒިރުކޮށްފަ އެވެ.

އިއްޔެ ބައްދަލުވުމުގައި ބޯޑުގެ ބައެއް މެމްބަރުން ވިދާޅުވީ، ރިޕޯޓް އެކުލަވާލުމަށް މައުލޫމާތުތައް ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި ބައެއް ތަފާސްހިސާބުތައް ނުލިބޭ ކަމަށެވެ. އަދި އެކަށީގެންވާ ވަގުތު ލިބުނު ނަމަ، އެއަށް ވުރެ ފުރިހަމަ ރަނގަޅު ރިޕޯޓެއް އެކުލަވާލެވޭނެ ކަމަށެވެ. އެގޮތުން ބައެއް ދިރާސާތައް ހެދިފައި ނުވާކަން ބޯޑުގެ ބައެއް މެމްބަރުން ފާހަގަ ކުރެއްވި އެވެ.

ވޭޖް ބޯޑުގައި ޓޫރިޒަމް ސިނާއަތް ތަމްސީލް ކުރައްވާ، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްރީ (މަޓީ)ގެ ބޯޑު މެމްބަރު އަދި ވިޔަފާރިވެރިޔާ، އިބްރާހިމް ނޫރައްދީން ވިދާޅުވީ، މިނިމަމް ވޭޖެއް ކަނޑައެޅުމުގައި ބޯޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެކަން ކުރުމުން ރާއްޖެއިން ބޭރުވެގެން ދާނެ ފައިސާގެ އަދަދުތަކާމެދު ކަމަށެވެ. މަސައްކަތްތެރިންގެ ގޮތުގައި، ބިދޭސީން ގިނަ އަދަދަކަށް ހިމެނޭ އިރު، އެއީ ކިހާ އަދަދެއްގެ ބައެއް ކަމެއް އަދި އެމީހުންގެ އާންމުދަނީއެއް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހިސާބުތައް ނޭނގި އަޅުގަނޑުމެން ބިރެއް މިނަގަނީ ވަރަށް ބައިވަރު ފައިސާ ބޭރަށް ދާނޭ. ހަގީގަތުގައި އެއްޗެއް ފޯމަލައިޒްވާއިރު [މިނިމަމް ވޭޖް ތަންފީޒުވެގެންދާއިރު] ރަނގަޅުވެސް ވެދާނެ. އަޅުގަނޑުމެންނަކަށް ނޭނގެ، އަޅުގަނޑަކަށް ހަމަގައިމުވެސް ނޭނގޭ ރަޖިސްޓްރީނުކޮށް މަސައްކަތް ކުރާ މީހާ ގެންނަނީ 6،400 ރުފިޔާ ކަމެއް. ނޫނީ 15،000 ރުފިޔާ ކަމެއް،" މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑު މެމްބަރުކަންވެސް ކުރައްވާ، އިބްރާހިމް ނޫރައްދީން ވިދާޅުވި އެވެ.

އިގްތިސޯދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ވަޒީފާ އަދާކުރާ މީހުން ބޯޑުގައި ތަމްސީލް ކުރައްވާ، ޔުނިވާސަލް އެންޓާޕްރައިޒަސްގެ ހިއުމަން ރިސޯސްގައި މަސައްކަތް ކުރާ އަލީ އާދަމް ވެސް ވިދާޅުވީ، މި ރިޕޯޓު އެކުލަވާލުމަށް ތަފާސްހިސާބުތައް ހޯދުމުގައި ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވި ކަމަށެވެ. ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތަފާސްހިސާބުތައް ލިބުމުގައި އުދަނގޫތަކެއްވި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ރަނގަޅު ލޭބާ މާކެޓް ރީސާޗެއް ނެތުމަކީވެސް އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުދަނގުލެއް މި ޕީރިއަޑް [މުއްދަތު] ތެރޭގައި،" އަލީ އާދަމް ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން ދާއިރާ ތަމްސީލް ކުރައްވާ ނޭޝަނަލް ފެޑްރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްގެ ސެކެޓްރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވީ، ބޯޑުގެ މަސްއޫލިއްޔަތަކީ، މިނިމަމް ވޭޖެއް ކަނޑައެޅުމަށް މިނިސްޓަރަށް ލަފާ އެރުވުން ކަމަށާއި އެލަފާ ރަނގަޅު ނޫން ކަމަށް މިނިސްޓަރަށް ފެންނަ ނަމަ، ރިވިއު ކުރުމަށް އަލުން ބޯޑަށް ފޮނުވޭނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އެއީ އަޅުގަނޑުމެން ބޭނުން ކުރަން ޖެހޭ ފުރުސަތެއްހެން [ބޯޑަށް އަލުން ލަފާ ރިވިއުކުރުން]. އަލުން ހިސާބުތައް ހަދައި، އަލުން [ރިޕޯޓު އެކުލަވާލުން]. މިހާރު މިދިޔައީ ހަތަރު މަސްދުވަސްތެރޭ ދިޔަ ކަންތައްތަކެއް. އަޅުގަނޑުމެންނަށް މުޅި ރާއްްޖޭގެ ސާވޭތަކެއް ނުކުރެވުނު. [މިގޭ ކުރިން] ކޮށްފައި ހުރި ސާވޭތަކަށް ނިންމުންތައް ނިންމީ ވަރަށް އުދަނގުލުން،" މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ސެކެޓްރީ ޖެނެރަލްކަން ވެސް ކުރައްވަމުން ގެންދަވާ އަދުނާން ވިދާޅުވި އެވެ.

ބޯޑު މެމްބަރުންގެ ވާހަކަތަކަށްފަހު، އެމްޑީޕީ މެމްބަރުން ވިދާޅުވީ، މިއީ އެންމެ ފުރިހަމަ ރިޕޯޓެއް ނޫން ކަމަށާއި މުއާލާތް ކެނޑިފައިވާ ތަފާސްހިސާބުތަކުގެ މައްޗަށް ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.

އެގޮތުން މާފަނުން މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ބޯޑު މެމްބަރުންގެ ވާހަކަތަކުން އެނގިގެން ދިޔައީ، މިނިމަމް ވޭޖް ރިޕޯޓަކީ އެންމެ ފުރިހަމަ މައުލޫމާތު ނެތި އެކުލަވާލާފައިވާ ރިޕޯޓެއް ކަމެވެ.

"ލާފާދޭ ބޯޑުން، ލަފާދެއްވާފައި މިއޮތީ ޑޭޓާއެއް ނެތި. އެކަމަކު ކަނޑައަޅަން އެބަ އެނގޭ [ދުވާލަކަށް] 30.77 ރުފިޔާކަން،" ރިޕޯޓާ މެދު ނުރުހުން ފާޅުކުރައްވަމުން ބޮންޑޭ ވިދާޅުވި އެވެ.

އިގްތިސޯދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މިލަންދޫ ދާއިރާ މެމްބަރު އަލީ ރިޒާ ވިދާޅުވީ، މި ރިޕޯޓް އެކުލަވާލާފައި އޮތީ 2014 ވަނަ އަހަރުގެ ކުރީގެ ތަފާސް ހިސާބުތަކުގެ މައްޗަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދާއި ވިޔަފާރިތަކާ ހުރިހާކަމަކަށް ބަލައި، މިނިމަމް ވޭޖެއް ކަނޑައަޅާއިރު ރާއްޖޭގެ ސައްހަ އާބާދީ އާއި ބިދޭސީންގެ އާބާދީ އަދި ރިސޯޓުތަކުގެ މުވައްޒަފުންގެ އަދަދާްއި ޖުމްލަކޮށް ވަޒީފާއަދާކުރާ އެންމެންގެ އަދަދު އިނގުން މުހިންމެވެ.

އެ ތަފާސް ހިސާބުތައް ނުލިބި ގޮތެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތްތޯ ރިޒާ ސުވާލު އުފެއްދެވި އެވެ.

ރިޕޯޓް މިވަގުތަށް ފުރިހަމަ: ބޯޑުގެ ޗެއާ

މިނިމަން ވޭޖް ބޯޑުގެ ޗެއާޕާސަން ހާލިދާ: ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއް ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިގްތިސާދީ ކޮމިޓީގެ މެމްބަރުންގެ ވާހަކަތައް އެހެން ހުރި ނަމަވެސް ބޯޑުގެ ޗެއާޕާސަން މަރިޔަމް ޚާލިދާ އެވާހަކަތައް ގަބޫލެއް ނުކުރައްވަ އެވެ.

ޚާލިދާ ވިދާޅުވީ، މިހާރު އެކުލަވާލާފައިވާ ރިޕޯޓަކީ މިވަގުތަަށް މިނިމަން ވޭޖް ކަނޑައެޅުމަށް ފުރިހަމަ ރިޕޯޓެއް ކަމަށާއި، ލިބުނު ވަގުތާއި މައުލޫމާތައް ބަލާ ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ. ނަމަވެސް އެހެން މެމްބަރުން ވިދާޅުވި ފަދައިން، އިތުރު ތަފާސްހިސާބުތައް ލިބުނު ނަމަ ރިޕޯޓު އިތުރަށް ފުރިހަމަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޚާލިދާ ވިދާޅުވި އެވެ.

"ގަބޫލުކުރަން އެންމެ ފަހުގެ ސްޓެޓިސްޓިކް ލިބުނު ނަމަ ތަންކޮޅެއް ފުރިަހަމަވާނެ. އެކަމަކު ހުރި ސްޓެޓިސްޓިކަށް ބަލާފައި ތައްޔާރުކޯށްފައި އޮތް ރިޕޯޓެއް މިއީ. ސްޓެޓިސްކްސް ނެތަސް [މައުލޫމާތު] ހޯދައިގެން މި އެކުލަވާލައިފައި ވާނީ. އަޅުގަނޑަކަށް ހިޔެއް ނުވޭ ސްޓެޓިސްޓިކް ނެތިގެން ޑިސްކްރިޑިޓް ކުރެވޭނެ [އަގުވައްޓާލެވޭނެ] ރިޕޯޓެއްހެން މިއީ،" ހާލިދާ ވިދާޅުވި އެވެ.

ހާލިދާ ވިދާޅުވީ، ބޯޑުން ހަދާފައިވާ ދިރާސާތަކަކީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)އާ ގުޅިގެން ކޮށްފައިވާ ދިރާސާތަކެއް ކަމަށާއި އެއީ ބޯޑް އެކަނި ކުރި ދިރާސާތަކެއް ނޫން ކަމަށެވެ.

"މިސާލަކަށް ބަލަން ބޭނުން ވަނީ، މީހަކު ކުރަނީ ކިހާ ހަރަދެއްތޯ؟ އަޅުގަނޑުމެން ބެލީ އަޅުގަނޑުމެން އަތުގައި އެކަނި ހުރި ޑޭޓާެއް ނޫން. ފިހާރަތަކަށް ގޮސްވެސް އެ މައުލޫމާތު ހޯދިން. އެހެންވީމަ މިއީ މައުލޫމަތު ނެތި ހަދާފައިވާ ރިޕޯޓެއް ނޫން،" ހާލިދާ ވިދާޅުވި އެވެ.

ބޯޑުެ ޗެއާޕާސަން ހާލިދާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، ބޯޑުގެ ރިޕޯޓާކީ މިވަގުތަށް މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެކަށީގެންވާ މައުލޫމާތު ހުރި ރިޕޯޓެއް ކަމަށެވެ.

"އިތުރު މައުލޫމާތެއް ލިބިދާނެ. އިތުރު މައުލޫމާތު ލިބުމުން ފުރިހަމަވެސް ކުރެވިދާނެ. މިހާރު މިވަގުތަށް މިނިމަމްވޭޖެއް ކަނޑައެޅުމަށް މި ރިޕޯޓު މަދެކޭ ނުދެންނެވޭނެ،" ޚާލިދާ ވިދާޅުވި އެވެ.

ބޯޑުގެ ކޮންމެ ނިންމުމަކީ، ބޯޑު މެމްބަރުންގެ އިއްތިފާގުން ނިންމި ނިންމުންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބޯޑުގެ އެއްވެސް މެންބަރަކު އެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހެންވީ ސަބަބެއް ނެތްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ދެގަޑިއިރެއްހާ އިރަށް ދިގު ދެމިގެން ދިޔަ ކޮމިޓީ ބައްދަލުވުން، ވަގުތު ހަމަވުމުން ނިންމާލަން ޖެހުނީ އިދިކޮޅު މެމްބަރުންނަށް ފުރުސަތު ނުލިބި އެވެ.

ކޮމިޓީގެ މުގައްރިރު، އަލިފުށީ ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކޮމިޓީ ނިންމަވާލައްވަމުން ވިދާޅުވީ، ބޯޑް މެމްބަރުންނާއެކު އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އެ ބައްދައްލުވުމުގައި ފުރުސަތު ނުލިބޭ މެމްބަރުންނަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

މިނިމަމް ވޭޖު ބޯޑުގެ ލަފަޔަކީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400-8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ލަފާދީފައިވެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް، މިނިމަމް ވޭޖް ބޯޑު އެކުލަވާލީ މިިދިޔަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހު، މެއި މަހުގެ އެއްވަނަ ދުވަހު އެވެ.

comment ކޮމެންޓް