ގަވާއިދާ ހިލާފު މަސްވެރިކަން ހުއްޓުވުމަށް ކުރާ މަސައްކަތަށް އީޔޫގެ ތައުރީފު

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި އީޔޫގެ އައިޔޫޔޫ ވަފުދުގެ ބޭފުޅަކާ ބައްދަލުކުރައްވަނީ --- ފޮޓޯ : ފިޝަރީޒް މިނިސްޓްރީ

ޔޫރަޕިއަން ޔޫނިއަންގެ ޑިރެކްޓަރ ޖެނެރަލް އޮފް މެރިޓައިމް އެފައަރޒް އެންޑް ފިޝަރީޒް (ޑީޖީ-މާރޭ) ގެ ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތަށް ޔޫރަޕިއަން ޔޫނިއަން އިން ތައުރީފުކޮށްފި އެވެ.

ރިޕޯޓްކުރުމެއް ނެތި ކުރާ މަސްވެރިން ހުއްޓުވުމަށް މަސައްކަތްކުރާ ވަފުދު (އައިޔޫޔޫ) އިން ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހަށް ދަތުރެއްކޮށްފައެވެ.

އެ ދަތުރުގައި އައިޔޫޔޫގެ ވަފުދު ވަނީ ފިޝަރީޒް މިނިސްޓްރީއާ ބައްދަލުކޮށް ހާއްސަ ޓެކްނިކަލް އިވެލުއޭޝަން އެއް ކުރިއަށް ގެންގޮސްފައެވެ.

އިވެލުއޭޝަން އަށްފަހު އައިޔޫޔޫގެ ފަރާތުން ހުށަހެޅި ފަހު ސްޓޭޓްމެންޓުގައި، ރާއްޖޭގައި ކުރެވެމުންދާ ތިމާވެއްޓާއި ރައްޓެހި ސާފު މަސްވެރިކަމަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ބެލެހެއްޓިގެން އަދި ރިޕޯޓުކޮށްގެން ކުރެވޭ މަސްވެރިކަމަށް ހެދުމަށް ފާއިތުވެ ދިޔަ އަހަރު ވަނީ ރަނގަޅު މަސައްކަތްކޮށްފައި ކަމަށް ބުނެފައިވެއެވެ.

އަދި މަސްވެެރިކަމާ ގުޅޭ ގާނޫނީ އޮނިގަނޑު އެކުލަވާލައި ހަރުދަނާކުރުމުގެ ގޮތުން ކޮށްފައިވާ އަދި ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް އެ ސްޓޭޓްމެންޓުގައި ވަނީ ތައުރީފުކޮށްފައެވެ.

އެ ސްޓޭޓްމެންޓުގައި ބުނެފައިވަނީ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމުގެ ނިޒާމަށް ގެނެސްފައިވާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތައް އަދި މަސްވެރިކަމުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ ޒަމާނީ ވަސީލަތްތައް ފާހަގަކޮށްލެވޭ ކަމަށެވެ.

އަދި އޭގެއިތުރުން މަސްވެރިކަމުގެ ގާނޫނު ދަމަހައްޓައި ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓާއި އިންސާނީ ވަސީލަތްތަކުން، ޕޮލިސީ ލެވަލްގައި މިކަންތައްތައް ތަންފީޒުކުރުމަށް ދޭ އަހައްމިޔަތު ފެނިގެންދާ ކަމަށް ސްޓޭޓްމެންޓުގައި ވަނީ ބުނެފައެވެ.

އައިޔޫޔޫގެ ވަފުދު އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ 2015 ވަނަ އަހަރުގައެވެ. މިއަހަރުގެ ދަތުރު ކުރީން މީގެ ކުރީން ތިން ފަހަރަކު އެ ވަފުދު ވަނީ ރާއްޖެ އައިސްފައެވެ.

އައިޔޫޔޫގެ މައިގަނޑު މަގުސަދަކީ، ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓްކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށްޓަކައި ޔޫރަޕިއަން ޔޫނިއަންއިން އެކުލަވާލާފައިވާ [ރެގިއުލޭޝަން ޓު ޑިޓަރ އެންޑް އެލިމިނޭޓް އިލީގަލް، އަންރިޕޯޓެޑް އަންރެގިއުލޭޓެޑް އަދި ފިޝިންގް] ގެ ދަށުން އެސަރަހައްދަށް މަސް އެކްސްޕޯޓުކުރާ ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ތަންފީޒުކުރުން ލާޒިމްކުރާ ކަންތައްތައް ފުރިހަމަކުރަމުން ދޭތޯ ބަލައި، އިތުރަށް ހަރުދަނާ ކުރަން ޖެހޭކަންތައްތައް ފާހަގަކޮށް އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމެވެ.

comment ކޮމެންޓް