ކޮރޯނާ ވެކްސިން ޓެސްޓް ކުރަން އިންސާނުންގެ ގަޔަށް ޖަހަނީ

ޗައިނާގެ ވޫހާންގައި ހުންނަ ހޮސްޕިޓަލެއްގައި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދެނީ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ފެބްރުއަރީ 27): ދުނިޔޭގައި މިހާރު ފެތުރެމުންދާ އާ ކޮރޯނާވައިރަހަށް އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރަން ތައްޔާރުވެއްޖެ ކަމަށް އެކުންފުނިން ބުނެފި އެވެ.

މޮޑާނާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެމްއާރުއެންއޭ-1273ގެ ނަން ދީފައިވާ އެ ވެކްސިންގެ ފުރަތަމަ ބެޗް މިހާރު ވަނީ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސެސް (އެންއައިއޭއައިޑީ)އަށް ފޮނުވާފަ އެވެ. އަދި އެ އިދާރާއިން އުއްމީދު ކުރަނީ ވެކްސިން މަސައްކަތް ކުރޭތޯ އާއި އޭގެ ރައްކާތެރިކަން ބެލުމަށް އޭޕްރީލް މަހުގެ ފަހުކޮޅު އިންސާނުންގެ ހަށިގަނޑުގައި ވެކްސިން ޓެސްޓު ކުރެވޭނެ ކަމަށެވެ.

ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން އެގޮތަށް ވެކްސިން ޓެސްޓު ކުރެއްވިއްޖެ ނަމަ އެ ޓެސްޓުތަކުގެ ފުރަތަމަ ނަތީޖާތައް ޖުލައި މަހު ލިބޭ ވަރު ވާނެ އެވެ. އަދި އެއީ ވެކްސިނެއް ޑިޒައިން ކުރިތާ އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި އެ ވެކްސިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރާ ފުރަތަމަ ފަހަރު ކަމަށް އެންއައިއޭއައިޑީގެ ޑިރެކްޓަރު ވިދާޅުވި އެވެ.

މޮޑާނައިން ބުނި ގޮތުގައި އެކުންފުނިން އެ ވެކްސިން އުފެއްދީ ކޮރޯނާވައިރަހާ ބެހޭ ޖެނެޓިކް މައުލޫމާތު ލިބުނުތާ 42 ދުވަސް ތެރޭގަ އެވެ.

އެ ވެކްސިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރުމަށް ފަހުވެސް، ވެކްސިން ބޭނުން ކުރެވޭނީ އިތުރު ޓެސްޓުތައް ހަދާ ހުއްދަތައް ލިބުމުންނެވެ. އަދި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި، އެ ވެކްސިން ބޭނުން ކުރުމަށް ހުއްދަ ދިނުމުގެ މަރުހަލާތައް އަވަސް ކުރި ނަމަވެސް، ވެކްސިން ބޭނުން ކުރެވޭ ވަރު ވާނީ މަދުވެގެން އެއް އަހަރާއި 18 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކަމަށް އެންއައިއޭއައިޑީން ބުންޏެވެ.

މޮޑާނާގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން ފަދަ ކުންފުނިތަކާއި އެމެރިކާ ސަރުކާރުގެ ސައިންސުވެރިންވެސް ދަނީ ކޮރޯނާވައިރަހަށް ވެކްސިނެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި އާ ބާވަތުގެ ކޮރޯނާވައިރަހަށް މިހާތަނަށް 44 ގައުމަކާއި ސަރަހައްދެއްގައި ތިބި 82،000އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ ވައިރަސް ޖެހުނު 2,808 މީހަކު މަރުވެފައިވާ އިރު، 33,021 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް