މި ޑެޕިއުޓީ މިނިސްޓަރުގެ ކަމަކީ އޮފީހުގައި ނެއްޓެވުން!

ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝާތިރު -- ސަން ފައިލް ފޮޓޯ

މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީގެ ނައިބަކަށް ހުންނެވި މުހައްމަދު ޝާތިރު އޮފީސް ތެރޭގައި ވަރަށް ފޯރީގައި ހިންދީ ލަވައަކަށް ނައްޓަވާ ވީޑިއޯއެއް މިވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފަ އެވެ.

ޓުވިޓާގައި އާންމުވެގެން ދިޔަ ވީޑިއޯއިން ފެންނަނީ ކާމިޔާބި ބޮލީވުޑް ފިލްމު ބަޖްރަންގީ ބާއިޖާންގެ ލަވަ "އާޖް ކީ ޕާޓީ" އޭނާ ނައްޓަވާ ތަނެވެ. އެ ވީޑިއޯ އާންމުކުރި މީހާ ބުނެފައި ވަނީ ޝާތިރު އޮފީސް ތެރޭގައި ނައްޓަވަން ހުންނެވީ އޮފީސް ގަޑީގައި ކަމަށެވެ.

ވީޑިއޯ އާންމުވުމާއެކު ޝާތިރަށް ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ބައެއް މީހުން ބުނަނީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ބޭފުޅަކު "ބޮލަށް ފިތާލާފައި ދޫކޮށްލާ ތާވަޅައެއް ހެން" އޮފީސް ތެރޭގައި ވިޔަސް އަދި އެނޫން ތަނެއްގައި ވިޔަސް އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ އޮފީސް މާހައުލާ ނުގުޅޭ ބޭ އަދަބީ ކަމެއް ކަމަށް މީހުން ސިފަކުރި އެވެ.

ޝާތިރުގެ މި އަމަލުގެ ސަބަބުން އޭނާގެ އިތުރުން ސަރުކާރަށް ވެސް އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. ތާރީހު ދިރާސާ ކުރައްވައި، ލިޔުއްވުމުގައި ވެސް އުޅުއްވާ ޝާތިރަކީ އެފަދަ މަގާމަކަށް ކުފޫ ހަމަވާ މީހެއް ނޫން ކަމަށާއި، ބޮޑު މުސާރަ ދީފައި މަގާމުތަކަށް މީހުން އައްޔަން ކުރަނީ އޮފީސް ތެރޭގައި ނަށައި ސަކަރާތްޖަހަން ނޫން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތަށް އަމަލުތައް ބަހައްޓާ މީހުންނަށް މިނިސްޓްރީގެ މަސައްކަތްތައް ރަނގަޅަށް ނުކުރެވޭ ކަމަށާއި، އެފަދަ މިނިސްޓްރީއެއްގެ އިސް ވެރިޔަކު ނެށުމާއި ސަކަރާތްޖެހުމުގައި ވަގުތުތައް ބޭކާރު ކުރާނެ ކަމެއް ނެތް ކަމަށް އަންނަނީ ބުނަމުންނެވެ.

ވީޑިއޯގައި ޝާތިރު ހުންނެވީ ޖެކެޓެއް ތުރުކުރައްވައި ބޮލުގައި ތޮތްޕެއް ވެސް އަޅުއްވައިގެން، ނެށުމަށް ނިކަން ރަނގަޅަށް ތައްޔާރުވެގެންނެވެ. އެހެންކަމުން މިއީ ފަހަރެއްގައި އޮފީހުގައި އޮތް ޕާޓީއެއްގެ ތެރެއިން ނަގާފައިވާ ވީޑިއޯއަކަށް ވެދާނެ ކަމަށް ބައެއް މީހުން ބުންޏެވެ.

އެކަމަކު، "ސަން" އަށް އެނގިފައިވާ ގޮތުގައި ކުރީގެ ހިންދީ ލަވަތަކަށް އޮފީސް ތެރޭގައި ނެއްޓެވުމަކީ ޝާތިރު އާންމުކޮށް ކުރައްވާ ކަމެކެވެ. އަދި ތުރުކުރައްވައިގެން ހުންނެވި ޖެކެޓާއި ތޮތްޕަކީވެސް ހަމަ އެކަމަށް ޝާތިރު އޮފީހުގައި ގެންގުޅުއްވާ އެއްޗެހިކަން ވަނީ އެނގިފަ އެވެ.

އިއްޔެ އާންމު ވީޑިއޯގައި ފެނިގެން ދަނީ، ސައިންސް މިނިސްޓްރީގަިއ އިއްޔެ ބޭއްވި މާދަރީބަހުގެ ދުވަސް ފާހަގަކޮށް ނިންމާލުމަށްފަހު، އޮފީހުގެ މުވައްޒަފުންގެ ކުރިމަތީގައި ޝާތިރު ނައްޓަވާ މަންޒަރެވެ. އޮފީހުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ދިޔަ ހަރަކާތްތަކަށް ފަހު، މުވައްޒަފުންނާ އެކު ސަމާސާކޮށްލައި ހޭދަކޮށްލި ވަގުތުކޮޅެއްގައި، ޝާތިރުގެ ނެށުމަކަށް އޮފީސް މުވައްޒަފުން އެދުނު ކަމަށްވެ އެވެ.

ޝާތިރު ނައްޓަވަން ހުއްޓާ، ފަހަތުން އައިސް އެތަނަށް ވަންނަ މުވައްޒަފުގެ ހަރަކާތްތައް ހުރިގޮތުން ވެސް އެއީ އާ ކަމެއް ނޫންކަން އެނގެ އެވެ. އަދި ޝާތިރަށް ތަރުހީބުދޭ އަޑުވެސް ވީޑިއޯއިން އިވެ އެވެ. އަދި ކުޅިބަލަން އޮފީހުގެ މުވައްޒަފުން ވެސް ތިބެ އެވެ.

އޮފީސް މުވައްޒަފުންނަށް ޝާތިރުގެ ނެއްޓެވުންގަނޑު ކަމުދިޔަ ނަމަވެސް، އާންމުންގެ ގިނަ ބަޔަކު މި ނެށުމަށް ޖެހީ "ނޯ" އެކެވެ.

ވީޑިއޯގެ މައްސަލައިގައި އެ މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިހާރު ޝާތިރަށް ނަސޭހަތްދެއްވާފައިވާ ކަމަށެވެ.

އެގޮތުން އޮފީސް ގަޑީގައި އަދި އޮފީސް ތެރޭގައި އެގޮތަށް އަމަލުތައް ނުބެހެއްޓެވުމަށް މިނިސްޓަރު އިލްތިމާސްކުރައްވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިނިސްޓްރީގެ ނައިބަކަށް ޝާތިރު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އޭގެ ކުރިން ޝާތިރު ހުންނެވީ ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.

ޝާތިރަކީ މީގެ ކުރިން ދިވެހިރާއްޖޭގެ އަޑުގެ ސީނިއަ އެޑިޓަރުކަމުގެ މަގާމު އަދާ ކުރައްވާފައިވާ، ނޫސްވެރިކަމާ ގުޅޭ އެކި ތަމްރީނުތައް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެ ދާއިރާގެ އެކި މަގާމުތައް އޭނާ ވަނީ އަދާކުރައްވައިފަ އެވެ.

އިތުރުން މުޙައްމަދު ޝާތިރަކީ ތާރީހު ދިރާސާކުރުމާއި މީޑިޔާގެ ދާއިރާއިން އެކިވުޒާރާތަކަށް ފަންނީ ލަފާދެއްވުމާއި ލިޔުންތެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިގޮތުން 2017 ވަނަ އަހަރު، ދިވެހި ތާރީހުގެ ދާއިރާއިން، ދިވެހި ތާރީހާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ޝާތިރަށް ވަނީ ލިބިވަޑައިގެންފަ އެވެ.

comment ކޮމެންޓް