ކޮވިޑް-19 އާ ކުރިމަތިލުމަށް އެމެރިކާ ތައްޔާރުވަނީ

ވޮޝިންޓަން (27 ފެބްރުއަރީ 2020): ކޮރޯނާ ވައިރަސް ޑިޒީސް (ކޮވިޑް-19) ފެތުރިއްޖެނަމަ އެވައިރަސް ކޮންޓްރޯލް ކުރުމުގައި އެމެރިކާ ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާނީ ނައިބު ރައީސް މައިކް ޕެންސް ކަމަށް، ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައަޅުއްވައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އޮތީ ކޮވިޑް-19 އަށް ތައްޔާރުވެގެން ނޫންކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށާއި އެމެރިކާ ވަނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ މަސައްކަތްވެސް އެމެރިކާގެ ސައެންސްވެރިން ކުރަމުން އަންނަ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަ ދެއްކެވީ ޗައިނާއިން ކޮވިޑް-19 ކޮންޓްރޯލް ކުރާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވެ އެއީ މާބޮޑުކަމެއް ނޫން ކަމަށް ދޭހަވާގޮތަށް ޓްރަމްޕް ކުރިން ވާހަކަ ދައްކަވާފައިވާތީ އެމެރިކާގެ އެތެރޭން ޓްރަމްޕަށް ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޓްރަމްޕަކީ ތިމާވެއްޓަށް ގެއްލުން ލިބޭ ކަމުގެ ހަގީގަތްވެސް ގަބޫލުކުރައްވާ ބޭފުޅަކަށްނުވާތީ ކޮވިޑް-19 ގެ ނުރައްކާތެރިކަމާއި އޭގެ ހަގީގަތް ވެސް ޓްރަމްޕް ގަބޫލުނުކުރައްވާކަމަށް އޭނާއަށް ފާޑުކިޔާ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

ތަޖުރިބާކާރުން ދެކޭގޮތުގައި އެމެރިކާގައި ކޮވިޑް-19 ފެތުރިއްޖެނަމަ ޗައިނާއިން އެކަމަށް އެޅި ބާވަތުގެ ހަރުކަށި ފިޔަވަޅުތައް އެހާ އަވަސްގޮތެއްގައި އެމެރިކާއަކަށް ނޭޅޭނެ އެވެ.

މިހާރުވެސް ކޮވިޑް-19 އިން ސަލާމަތް ވުމަށް ބޭނުންކުރާ މާސްކާއި އަންގި އާއި ގައުން ފަދަ ވަސީލަތްތަކުގެ ސްޓޮކް އެމެރިކާގައި ވަރަށް މަދުކަމާއި އެފަދަ ވަބާއަކާ ކުރިމަތިލެވޭ ވަރަށް އެތަކެތީގެ ސްޓޮކް ނެތްއިރު ވެސް އެތަކެތި އިތުރުކުރުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ނުކުރާކަމަށް ބުނެ އަންނަނީ ފާޑު ކިޔަމުންނެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ކުރިމަތިވެދާނެ ބަލިމަޑުކަމަކަށް ވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ދީފައިވާއިރު، ޗައިނާގެ އިތުރުން ދެކުނު ކޮރެއާ، އީރާން އިޓަލީ އަދި ގަލްފުގެ ގައުމުތަކާއި ލެޓިން އެމެރިކާގެ ގައުމުތަކުގައި މިވައިރަސް ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އެމެރިކާގައި ރިޕޯޓްކޮށްފައިވަނީ 60 މީހުން ނަމަވެސް، ޓްރަމްޕް ނޫސްވެރިންގެ ބައްދަލުވުން ނިންމާލެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް އިން ވަނީ އިތުރު ދެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން އިއުލާނުކޮށްފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް