އަޑުއިވުމުގެ ދަތިތައް ހުންނަ މީހުންނަށް އުރީދޫއިން ހާއްސަ ހިދުމަތެއް

އުރީދޫ އިން މިއަދު ބޭއްވި ޕްރެސް --- ސަން ފޮޓޯ: ފަޔާޒު މޫސާ

އަޑުއިވުމުގައި ދަތިކަން ހުންނަ މީހުންނާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ހިދުމަތެއް ހޯދަން ތަނަކަށް ގޮސް، ހިދުމަތް ލިބިގަތުމުގައި ދިމާވާ ދައްޗެވެ. މުއާމަލާތް ކުރުމުގައި ހުންނަ ދަތިތަކުގެ ސަބަބުން ހިދުމަތް ލިބިގަންނަ މީހާ އާއި ހިދުމަތްދޭ މީހާއަށް ދިނަ އުނދަގޫތައް ކުރިމަތިވެއެވެ.

ރާއްޖޭގައި ޓެލެކޮމްގެ ހިދުމަތްދޭ އެއް ކުންފުނި، އުރީދޫ ގެ ކަސްޓަމަރުންގެ ތެރޭގައިވެސް މިފަދަ އެތައް ބަޔަކު އެބަތިއްބެވެ. ކަސްޓަމާ ކެއާ އަށް ހިދުމަތެއް ހޯދަން ދާ މިފަދަ މީހުންނަށް ހިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވެއެވެ. ނަމަވެސް ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން އުރީދޫ އިން ވަނީ މި ދަތިތަކުން އަރައިގަތުމަށް އަޑުއިވުމުގައި ދަތިކަން ހުންނަ މީހުންނަށް ހާއްސަ ހިދުމަތްތަކެއް ތައާރަފުކޮށްފައެވެ.

މިއަދު އުރީދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރީދޫގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރު ވިދާޅުވީ އުރީދޫ އިން މިދިޔަ އަހަރު ބޭއްވި ކަލާ ރަން އިން ފެށިގެން ޑެފް އެސޯސިއޭޝަން އާއެކު އެ ކުންފުނިން މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

އުރީދޫ އިން މިއަދު ބޭއްވި ޕްރެސް ގައި ނޫރާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"މިދިޔަ މަސްތަކުގެ ތެރޭގައި އެންމެ ފުރަތަމަ އަޅުގަނޑުމެން ކުރި މަސައްކަތަކީ އަޅުގަނޑުމެންގެ 15 ސްޓާފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން އެއް ހިންގީ. އެކަން ފެސިލިޓޭޓް ކޮށްދިނީ ޑެފް އެސޯސިއޭޝަނުން. އޭގެ އިތުރުން ޑެފް އެސޯސިއޭޝަން އާއެކު ކުރި މަޝްވަރާތަކުގެ ދަށުން ވައިބާ ވީޑިއޯ ކޯލް މެދުވެރިކޮށް ޑެފް ބޭފުޅުންނަށް ކަސްޓަމާ ކެއާގެ ހިދުމަތް ދޭ ޗެނަލްއެއް،" ނޫރާ ވިދާޅުވިއެވެ.

މި ހިދުމަތް ހޯދުމަށް 9611929 އަށް ގުޅައިގެން ސައިން ލޭންގުއޭޖު މެދުވެރިކޮށް ހިދުމަތްތަކުގެ މައުލޫމާތު ލިބިގަނެވޭނެ ކަމަށް ނޫރާ ވިދާޅުވިއެވެ.

"ހަމައެއާއެކު އުރީދޫގެ 'ޕޯސްޓްޕެއިޑް އެކު' ޕްލޭނަށް އިތުރު ކަސްޓަމައިޒޭޝަން އަކާއެކު ޑެފް ބޭފުޅުންނަށް ހާއްސަ ޕެކޭޖެއް މި ތައާރަފު ކުރެވުނީ. އެކުގެ ހުރިހާ ޕްލޭން އަކަށްވެސް އިތުރު ފީޗާއެއް މި ލިބިގެންދަނީ. އެއީ ވަޓްސްއެޕް އަދި ވައިބާ ކޯލްސް ތަކުގެ ފްރީ އެލަވެންސެއް،" ނޫރާ ވިދާޅުވީ އަޑުއިވުމުން މަހުރޫމުވެފައިތިބި މީހުން މުއާމަލާތް ކުރުމުގައި ވީޑިއޯ ކޯލް ބޭނުން ކުރާ މިންވަރު އިތުރު ކަމަށެވެ.

މި ޕެކޭޖާއެކު އެފަދަ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ނޫރާ ވިދާޅުވިއެވެ. ނޫރާ ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އުރީދޫ އިން ޑެފް އެސޯސިއޭޝަން އާއެކު ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އަޑުއިވުމުން މަހުރޫމުވެފައި ތިބޭ މީހުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އުރީދޫގެ މުވައްޒަފުންނަށް ބޭއްވި ސައިން ލޭންގުއޭޖު ކޯހުގެ ބައިވެރިއެއް -- ސަން ފޮޓޯ: ފަޔާޒު މޫސާ

މި ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން ޑެފް އެސޯސިއޭޝަނުގެ ފައިނޭންޝަލް ޑިރެކްޓަރު ސައީދު އަތުހަރު ވިދާޅުވީ އުރީދޫ އާ ގުޅިގެން ހިންގި ސައިން ލޭންގުއޭޖު ކޯހާއެކު، މިހާރު އުރީދޫ ކަސްޓަމާ ކެއާގައި ޑެފް މީހުންނާ މުއާމަލާތު ކުރަން އެނގޭނެ މުވައްޒަފުން ތިބޭނެ ކަމަށެވެ.

މިހާރު އުރީދޫގެ ކަސްޓަމާ ސާވިސްގައި އަޑުއިވުމުގެ ދަތިކަން ހުންނަ ފަރާތެއް މަސައްކަތްވެސް ކުރެއެވެ.

އަތުހަރު ވިދާޅުވީ އުރީދޫ އިން ކުރި ފަދަ މަސައްކަތެއް އެހެން އިދާރާތަކުންވެސް ކުރަން ޖެހޭ ކަމަށާއި މުއާމަލާތްކުރުމުގައި ހުންނަ ދަތިތައް ނައްތާލެވޭނީ އޭރުން ކަމަށެވެ.

comment ކޮމެންޓް