މިއަދު ޒުވާނުން ވިސްނަނީ އިނގިރޭސިބަހުން، ކަންބޮޑުވާންޖެހޭ: ޔުމްނާ

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިދިޔަ އަހަރު ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ކުޑަކުދީންނާއި ޒުވާނުން ވިސްނަނީ އަދި ވާހަކަދައްކަނީ އިނގިރޭސި ބަހުން ކަމަށާއި އެއީ ދިވެހި ބަހާމެދު ވިސްނާ ނަމަ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން މިިނިސްޓަރު ޔުމްނާ ދެއްވި ހިތޯބުގައި ވިދާޅުވީ އިނގިރޭސި ބަހުން ވިސްނައި ވާހަކަ ދެއްކުމުގެ އާދައަކީ ދިވެހި ބަސް އުވިގެން ދާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ސަބަބެއް ކަމަށާއި ދިވެހި ބަސް ރައްކާތެރި ކުރަންޖެހޭ ކަމަށެވެ.

ދިވެހި ބަސް ރައްކާތެރިކުރެވޭނީ ބަހާ މެދު އާންމުން ދެކޭގޮތް ބަދަލުކޮށް ބަހަށް އިޖާބަދޭގޮތްވެސް ބަދަލުކޮގެން ކަމަށް ޔުމްނާ ވިދާޅުވިއެވެ.

"[ވިސްނުން ބަދަލުކުރެވޭނީ] މައިންބަފައިން ފަރުވާތެރިކަމާއެކު ދަރީންނަށް ދިވެހިބަސް ދަސްކޮށްދެއްވައިގެން. އެކަމަށް ޓަކައި ގޭތެރެއިން ފެށިގެން ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވައިގެން. ޅަފަތުގެ ތައުލީމުގައި ދިވެހިބަސް އުނގަންނައި ދެއްވުގެ ދައުރުތައް ފުޅާކުރައްވައިގެން. މުޖުތަމައުގައި ބަހަށް ހާއްސަ މަގާމު ކަށަވަރުކޮށްދީގެން،" ޔުމްނާގެ ހިތޯބުގައި ވިދާޅުވިއެވެ.

ބައެއް ބޭނުންކުރާ ބަހަކީ ހަމައެކަނި އިހުސާސްތަކާއި ޝުއޫރުތައް ހާމަކުރާ އެއްޗެއް ނޫން ކަމަށާއި ބަހަކީ ބައެއްގެ ހަނދާންތަކާއި މާޒީއާވެސް ގުޅުވައިދޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަހަކީ ތަހުޒީބާއި ތަމަންދުނު ބިނާވާ ހަޟާރީ ތަރިކައެއްގެ ގޮތުގައިވެސް ޔުމްނާ ވަނީ ސިފަކުރައްވާފައެވެ.

ޔުމްނާ ވިދާޅުވީ ދިވެހި ބަހަކީ މުއްސަނދި ބަހުރުވަތަކެއް ލިބިފައިވާ ބަހެއް ކަމަށާއި ބަހުރުވަތަކަކީ އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ ހާއްސަ ސަގާފަތާއި ދިރިއުޅުން ދައްކައިދޭ މުހިންމު މާނަވީ ތަރިކައެއް ކަމަށެވެ. އެހެންކަމުން އެ ބަހުރުވަތައް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މިއަހަރުގެ މާދަރީ ބަހުގެ ދުވަހުގެ ޝިއާރުގެ ތަރުޖަމާއަކީ، "ސަރަހައްދީ އިމެއް ނެތި ބަސްބަސް" އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ޝިއާރުން ހާމަވެގެންދަނީ މުޖުތަމައުތަކުގެ މެދުގައި ސުލްހަމަސަލަސްކަން އިތުރަށް ދެމެހެއްޓުމުގެ މައިގަނޑު އަސާސްތައްކަމުގައި މީސްތަކުންގެ މާދަރީ ބަސްބަސް ހިމެނިގެން ވާކަމަށެވެ.

"ހަމަ އެހެންމެ ސުލްހަވެރިކަމަށް ޓަކައި ކުރެވޭ މަޝްވަރާއަށް މަގުފަހި ކުރުމަށާއި ވެހިތަރިކަ ރައްކައުތެރިކުރާން ރަށުބަހާއި އަވައްޓެރި ބަސްބަސް އެހީތެރި ވެދޭ ކަން ވެސް ޝިއާރުން ފާހަގަވޭ،" ޔުމްނާ ވިދާޅުވިއެވެ.

comment ކޮމެންޓް