އާ ޓާމިނަލްއާ މެދު ފިނޭންސުގެ ނިންމުން ރަނގަޅު: މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/މަޖިލިސް

އަލަށް ހަދާ ސީޕްލޭން ޓާމިނަލްއާ މެދު އަމަލު ކުރުމަށް ފިނޭންސް މިނިސްޓްރީއިން އެމްއޭސީއެލްއަށް އަންގާފައިވާ ގޮތް ރަނގަޅު ކަމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމައިފި އެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ޓާމިނަލް މައްސަލައިގައި ފިނޭންސްގެ ނިންމުމަށް ރުހުން ދޭން ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އެ ހުށަހެޅުމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ތާއީދު ކުރެއްވި އެވެ.

ފިނޭންސްގެ ނިންމުމަށް ރުހުން ދޭން ކޮމެޓީން ފާސްވީ ހަތް މެމްބަރުންގެ އަގުލަބިއްޔަތަކުންނެވެ. ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވޯޓްގައި ބައިވެރިވެ ވަޑައެއްނުގަތެވެ.

ޓާމިނަލް މައްސަލައިގައި ފިނޭންސްއިން ނިންމީ ޓީއެމްއޭއިން މިހާރު ބޭނުންކުރާ ޓާމިނަލްގެ ބޮޑުމިނާ އެއްވަރުގެ ސަރަހައްދެއް، މިހާރު ބިމު ކުލި ނަގާ ރޭޓުން އާ ސީޕްލޭން ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް އެ ކުންފުންޏަށް ދިނުމަށެވެ.

އެއީ ލައުންޖު ޖާގަ ވެސް ހިމެނޭ ގޮތަށް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން، ޖުމްލަ 6،300 އަކަމީޓަރެވެ.

ޓީއެމްއޭގެ އިތުރުން އެހެން އޮޕަރޭޓުންނަށް ޓާމިނަލުން ޖާގަ ދޭން ޖެހޭނީ ޓީއެމްއޭއަށް ބިން ކުއްޔަށް ދިން އަގާއި އެއް އަގެއްގައި ކަމަށާއި ބާކީ އޮންނަ ޖާގަ ދޭން ޖެހޭނީ ބިޑު އުސޫލުން ދެ އަހަރުގެ މުއްދަތަކަށް ކަމަށް މެމްބަރުން ފާހަގަ ކުރެއްވި އެވެ.

އެމްއޭސީއެލްއިން ޓާމިނަލުގެ އޮޕަރޭޝަންތަކާ ހަވާލުވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވުމަށާއި ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި އެ ދެ އަހަރުގެ މުއްދަތު ބޭނުން ކުރަންވާނެ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

comment ކޮމެންޓް