މާލޭ މަގުމަތި ތަރުތީބުވެފައި މިއޮތީ ސްޓިކާވެސް ޖަހައިގެން: ފުލުހުން

މިއަދު ކޮމިޓީގެ ބައްދަލުވުން: މާލޭ މަގުމަތި ތަރުތީބުވެފައި މިއޮތީ ސްޓިކާވެސް ޖަހައިގެން ކަމަށް ފުލުހުން ބުނޭ --- ސަން ފޮޓޯ

މާލޭގެ މަގުތައް މިއަދު ތަރުތީބުވެފައި މިއޮތީ، ފުލުހުންގެ މަސައްކަތުން ކަމަށާއި އަދި ސްޓިކާ ވެސް ޖަހައިގެން ކަމަށް ފުލުހުން ބުނެފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ހިޔާލު ހޯދުމަށް ފުލުހުން ވަނީ މިއަދު އެ ބިލު ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތައްރައްގީއައި ތަރިގައިގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

ކޮމިޓީގައި ގެމަނަފުށީ ދާއިރާ މެމްބަރު އަހްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސްޕްރިޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، ފުލުހުންގެ ވަސީލަތްތައް މަދުކަމުން މާލޭގެ ހުރިހާ މަގުތަކެއް ނުބެލެހެއްޓޭ ކަމަށާއި ނަމަވެސް އާންމުކޮށް އޮފީސް ސަރައްހަދުތަކާއި ހޮސްޕިޓަލް ފަދަ ތަންތަން ވަރަށް ރަނގަޅަށް ބަލަހައްޓަމުން ދާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.

"މާލޭގެ މަގުމަތި މިހާހިސާބަށްވެސް ތަރުތީބު ކުރެވިފައި އޮންނަނީ އަޅުގަނޑުމެން ކުރާ މަސައްކަތުން. ނުވަތަ ސްޓިކާ ޖެހޭތީ ނުވަތަ ޓޯ ކުރެވޭތީ. އެހެން ނޫން ނަމަ މިގޮތަށް ނޯންނާނެ،" ސަމީރު ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުގައި ސަމީރު ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ

ސްޓީކާ ޖަހާ މައްސަލައިގައި ފުުހުންނަށް އާންމުންގެ ވަރަށް ބޮޑު ފާޑުކިޔންތައް އަމާޒުވެ އެވެ. ސަމީރު ވިދާޅުވީ، ޕާކިން މައްސަލަތަކަށް ސްޓިކާޖެހުމަކީ ފުރިހަމަ ހައްލެއް ކަމަށް ނުވިޔަސް ސްޓިކާ ޖަހައިގެން ކޮންމެވެސް ވަރަކަށް އެކަމަށް ހައްލެއް ގެނެވޭ ކަމަށް ދެކޭ ކަމަށެވެ.

"ގައުމެއްގައި އެގައުމެއްގެ ގާނޫނު ތަންފީޒު ކުރާ މިންވަރު ދެނެގަންނަ ލޯގަނޑަކީ މަގުމަތި ތަރުތީބުވެފައި އޮތުން. އެކަމަށްޓަކައި ކުރަން ޖެހޭ ކަންކަން އެބަ ކުރަން. ސްޓީކާވެސް އެބަޖަހަން. ޓޯވެސް އެބަ ކުރަން،"ސަމީރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިހާރު ވަނީ ގާނޫނާ ހިލާފުވެފެގެން ޖޫރިމަނާ ނުދަައްކާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރުމަށް ހުށަހަޅާފަ އެވެ. ސަމީރު ވިދާޅުވީ، ޓްރެފިކް މައްސަލަތަކުގައި ޖޫރިމަނާ ނުދެއްކުމަކީ ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށާއި އެކަމަށް ހައްލެއް ލިބޭ ގޮތަށް ބިލު ފާސްވުމަކީ ފުލުހުން އެދޭ ކަމެއް ކަމަށެވެ. އެގޮތުން ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް ކޮމިއުނިޓީ ސާވިސްއަށް ދެވޭ ގޮތަށް އޭނާ ހުށަހެޅުއްވި އެވެ. އެހެން ނޫން ނަމަ، ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށަކަށް ހެދުމަށް ފުލުހުން ތާއީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، އެއް އަހަރުގެ ޖަލު ހުކުމެކެވެ.

އޭގެ އިތުރުން ސަމީރު ވަނީ އިތުރު އިސްލާހެއް ވެސް ހުށަހަޅާފަ އެވެ. އެގޮތުން ޖޫރިމަނާ ފައިސާގެ 8-10 ޕަސަންޓު ޓްރެފިކް މައްސަލަތައްކަށް ހައްލު ކުރުމަށް ހަރަދުކުމަށް ގާނޫނުގައި ހިމެނުމަށް އޭނާ ހުށަހެޅުއްވި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދައިރާ އެމްޑީޕީ މެމްބަރު ޔާސިރު އަބްދުލް ލަތީފެވެ.

comment ކޮމެންޓް