ޖީއެސްޓީ ގާނޫނު އިސްހާލުކުރަން އާންމުންގެ ހިޔާލު ހޯދަނީ

މީރާ އިން ބަޔަކު ހިދުމަތް ހޯދަނީ -- ސަން ފައިލް ފޮޓޯ

މުދަލާ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހުކުރަން ނިންމައި، އެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ ޓެކުހުގެ ނިޒާމަކީ ދެފުށް ފެންނަ، ހަމަހަމަ އުސޫލުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ނިޒާމަކަށް ހެދުމަށާއި އެއީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ މިންގަނޑުތަކާ އެއްހަމައެއްގައި ހުރި ނިޒާމަކަށް ހެދުމަށް ޓެކުހާގުޅޭ ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން މި އަހަރުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހުކުރުމަށް ނިންމާފައިވާ ކަމަށާއި އެހެންކަމުން އެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާމެދު ހިޔާލުފާޅުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން އެ ގާނޫނަށް އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުންވާނަމަ އަންނަ މާޗު މަހުގެ ފަހެއްވާ ބުރާސްފަތި ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ޔުނިޓަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

ފޮނުވާ އިސްލާހުގެ ޕީޑީއެފް ކޮޕީއާއެކު މައިކްރޮސޮފްޓް ވޯޑް ޑޮކިއުމެންޓް ވެސް ހިމެނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

comment ކޮމެންޓް