އޯޑިއޯތަކާ ގުޅިގެން ގޮތް ނިންމާނީ ރައީސް، ޖޭޕީއާ ގުޅުމެއް ނެތް: ގާސިމް

ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ގާސިމް ވާހަކަ ދައްކަވަނީ ---- ފޮޓޯ/ ޖޭޕީ

ޖުމްހުރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ބުނެ، ލީކުކޮށްލާފައިވާ އޯޑިއޯތަކުގެ މައްސަލައިގައި އެ ޕާޓީއަށް ތަހުގީގެއް ނުހިންގޭނެ ކަމަށާއި އެކަމުގައި ގޮތް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެ އެވެ.

"ލީކްސްއެމްވީ"ގެ ނަމުގައި ޓްވިޓާގައި ހަދާފައިވާ އެކައުންޓަކުން ވަނީ މިނިސްޓަރު އަލީ ވަހީދު ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނެ އޯޑިއޯތަކެއް ލީކްކޮށްލާފަ އެވެ. އެ އޯޑިއޯތަކުން އަޑުއިވޭ ގޮތުގައި، ޖޭޕީގެ ލީޑަރު ގާސިމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާވެސް ހިމެނޭ ގޮތުން ބައެއް މިނިސްޓަރުންނާ އަލީ ވަހީދު ވަނީ ބޭ އަދަބީ ބަސްތަކުން މުހާތަބު ކުރައްވައިފަ އެވެ.

މިރޭ ޖޭޕީއިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކައުންސިލް މެމްބަރަކު ވަނީ އެ މައްސަލަ އެޖެންޑާގެ އެހެނިހެން ބައިތަކުގެ ތެރެއަށް ހުށަހަޅާފަ އެވެ. އެ މެމްބަރު ހުށަހެޅީ، އެ ޕާޓީގެ ރައީސް އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ދައްކާފައިވާ ވާހަކަތަކެއްގެ އޮޑިއޯތަކާ ގުޅިގެން ޕާޓީގެ އަގު ވެއްޓެމުންދާތީ އެކަމާ މެދު ގޮތެއް ނިންމުމަށެވެ.

ބައްދަލުވުމުގައި އިންނެވި ބޭފުޅަޖު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން" އަށް ވިދާޅުވީ، އެކަމާ ގުޅިގެން ގާސިމް ގޮތެއް ނިންމަވަން ބޭނުންފުޅެއް ނުވި އެވެ. އަދި އެ އޯޑިއޯތަކުގައި އިވެނީ ކެބިނެޓްގެ ވަޒީންރުންގެ ވާހަކަތަކެއް ކަމަށާއި އެހެން ކަމުން އެކަމުގައި ގޮތް ނިންމަވާނީ، ރައީސް ސޯލިހް ކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލީޑަރު [ގާސިމް] ވިދާޅުވީ، އެކަމުގައި ޖޭޕީއަކީ ޖިނާއީ ތަހުގީގު ހިންގޭނެ ތަނެއް ނޫން ކަމަށް. އެގޮތަށް ލީކްވާ އޯޑިއޯތަކަކީ ކިހާވަރެއްގެ އަދި ކިހިނެތް ލީކްވާ އޯޑިއޯތަކެއް ކަން ތިބޭފުޅުންނަށް އެނގޭނެ ނުންހޭ ލީޑަރު ވިދާޅުވި،" ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ބޭފުޅާ ވިދާޅުވި އެވެ.

"އަދި އޯޑިއޯއެއް އަންނައިރަށް އެ އޯޑިއޯއެއްގެ ފެންވަރާއި އެ ތަހުގީގުކުރުމަށް ކުރަން ޖެހޭ ކަންކަމަކީ އެކަންކަމަށް ކަނޑައަޅާފައިވާ މުއައްސަސާތަކުން ކުރަން ޖެހޭ ކަމެކޭ. ޖޭޕީން އެކަމެއް ނުވާނޭ،"

ލީކްވެފައިވާ އޮޑިއޯތަކުގައި ގާސިމްގެ އަނބިކަބަލުން އައިޝަތު ނަހުލާއަށް ރައްދުކޮށްވެސް ބޭ އަދަބީކޮށް ވާހަކަ ދައްކަވާފައިވެ އެވެ.

މިރޭގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ، މި މައްސަލައިގައި އޭނާގެ މަސްލަހަތުވެސް ހިމެނޭތީ އެކަމުގައި ގޮތެއް ނިމެން ނެތް ކަމަށެވެ.

"ޕާޓީގެ ލީޑަރު ވިދާޅުވީ، ތިމަން މި ގޮނޑީގައި އިނދެގެން ތިމަންނާ މީގައި ގޮތެއް ނިންމޭނެ އެއްވެސް ގޮތެއް ނެތޭ. މިއީ ތިމަންނަގެވެސް މަސްލަހަތު ހިމެނޭ ކަމެކޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ބޭފުޅާ ވިދާޅުވި އެވެ.

އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް އަލީ ވަހީދު ވަނީ ކުރިން ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި އެއީ ބަޔަކު އަބުުރު ކަތިލުމަށް ކުރާ ކަމެކެވެ. ނަމަވެސް ލީކްވާ ކޮންމެ އޯޑިއޯއަކާއެކު އަލީ ވަހީދަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އަދި ބައެއް މީހުން ދަނީ އޭނާގެ އިސްތިއުފާއަށްވެސް ގޮވަމުންނެވެ.

އަލީ ވަހީދު މިއަދުވެސް ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމެއް އޮތް ނަމަ ތަހުގީގު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އޭރުން މައްސަލަ ސާފުވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް