ޑރ. ޖަމީލު ޖޭޕީ އިން ވަކިވެވަޑައިގެންފި

ޑރ. ޖަމީލް (ވ) މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފެށުމަށް ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސިޔާސީ ޕާޓީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު، ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ޖަމީލު މިރޭ ސަން އަށް ވިދާޅުވީ ޖޭޕީ އިން ވަކިވެ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ސިޓީ ފޮނުއްވީ ރޭގައި ކަމަށެވެ.

އަދި ވިދާޅުވީ ސަރުކާރުގެ ކަންކަން ކުރިއަށްދާ ގޮތުން، އަދި ޖޭޕީ އަކީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރަކަށް ވުމާ އެކު، ޖޭޕީއާ އެކު ކުރިއަށް ދިއުމަކީ މި ވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރެވޭތީ ވަކިވެވަޑައިގަތީ ކަމަށެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވަން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި، އެކަންކަން އެންމެ ރަނގަޅަކަށް ޖޭޕީގައި ހުރެގެން ނުކުރެވޭނެތީ، އެ ވާހަކަތައް ސިޓީގައި ލިޔެފައި ވާނީ،" ޖަމީލު ވިދާޅުވި އެވެ.

ޑރ. ޖަމީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނާއިބު ރައީސް އެވެ. ނަމަވެސް އެ މަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ވަނީ މަގާމު ގެއްލުވާލައިފަ އެވެ. ފަހުން މި ސަރުކާރު ގެނައުމަށް ވެސް ޖަމީލު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ފަހަކަށް އައިސް ޖަމީލު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް އަންނަނީ ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް ކުރީގެ ސަރުކާރަކީ ކޮރަޕްޓް ސަރުކާރެއް ކަމަށް ބުނެ، އަލުން އައި ސަރުކާރުގައި ވެސް ކޮރަޕްޝަން އިންތިހާއަށް އޮތް ކަމަށް ވިދާޅުވެ ކިއުއްވާ ފާޑުކިއުންތަކުގެ އަޑު އަންނަނީ ގަދަ ކުރައްވަމުންނެވެ.

ޑރ. ޖަމީލު ޖޭޕީ އިން ވަކިވެވަޑައިގަތް އިރު، ޖޭޕީގެ ލީޑަރު ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ޑިފެން މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ވެސް ވަނީ އެ މަގާމުން ވަކިވެވަޑައިގެންފަ އެވެ.

comment ކޮމެންޓް