15 ވަރަކަށް އަހަރު ތެރޭގައި ގަލްފުގެ މުއްސަނދި ގައުމުތަކުގެ އިގްތިސާދު އަޑިއަޅާލާނެ: އައިއެމްއެފް

ގަލްފުގެ ގައުމެއް ކަަމަށްވާ ގަތަރުގެ ވެރިރަށް ދައުޙާ

ވޮޝިންޓަން (17 ފެބްރުއަރީ 2020) : ތެލާއި ގުދްރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ އަރަބި ގައުމުތަކުގެ އިގްތިސާދަށާއި މާލީ ނިޒާމަށް ކުރިއަށްއޮތް ފަނަރަ ވަރަކަށް އަހަރު ތެރޭގައި އިސްލާހީ ބަދަލުތަކެއް ނުގެނަސްފިނަމަ މާލީ ގޮތުން ބޮޑެތި ދަތިތަކާ އެގައުމުތައް ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދީފިއެވެ.

އައިއެމްއެފް އިން ނެރުނު ދިރާސާ ރިޕޯޓެއް ބުނާގޮތުން ގަލްފުގެ އަރަބި ގައުމުތަކަށް އޮތީ ތެލުގެ ބަދަލުގައި އެނޫން ސިނާއަތްތައް ތަރައްގީކޮށްގެން އިގްތިސާދު ފުޅާކޮށް ތެލަށް ބަރޯސާވުން ކުޑަކުރުން ކަމަށާ ނޫނީ މާލީ ދަތިތަކާ ކުރިމަތިލާންޖެހުން ކަމުގައެވެ. ގަލްފުގެ އަރަބި ގައުމުތަކުގެ ތެރެއިން ތެޔޮނޫން އެހެން ސިނާއަތްތަކުގެ ބިންގާ އަޅާފައިވަނީ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އެކަންޏެވެ. ޔޫއޭއީވަނީ އާންމު ސިނާއަތުގެ ވަރުގަދަ އަސާސްތަކެއް ބިނާކޮށް ދުނިޔޭގައި ބޮޑެތި މަޝްރޫއުތައް ހިންގޭފަދަ ކުންފުނިތައް އުފައްދާފައެވެ.

ދުބާއިގެ ވެރިޔާ މުހައްމަދު ބިން ރާޝިދު އާލް މަކްތޫމް،

ޔޫއޭއީ ފިޔަވައި ގަލްފުގެ އެހެންގައުމުތަކުގެ އާމްދަނީގެ 70 އާއި 90 އާ ދެމެދުގެ އިންސައްތައެއް ހިއްސާކުރަނީ ތެލާއި ގުދްރަތީ ގޭހުގެ ސިނާއަތުން ލިބޭ އާމްދަނީ ގެ މައްޗަށެވެ. ގަލްފުގެ މުއްސަނދި ގައުމުތަކަށް ލިބޭ ބޮޑު އާމްދަނީގެ ބައެއް ސިޔާދީ ފަންޑްތައް ހަދައިގެން ފަހަށް ރައްކާކުރުމުގެ އުސޫލުގެ ދަށުން ރައްކާކުރަމުން ގެންދެއެވެ. ފަހަށް ރައްކާކުރާ ފައިސާއިން ބޭރުގައި އިންވެސްޓްކޮށް ފައިދާ ހޯދަމުން ގެންދާއިރު އެގައުމުތަކުގެ ސިޔާސީ ފަންޑްތަކުގައި 2.5 ޓްރިލިޔަން ޑޮލަރު ހުރިކަމަށްވެއެވެ.

ނަމަވެސް މިފަހަކަށް އައިސް ތެލުގެ އަގު ވެއްޓުމާއެކު ލިބޭ އާމްދަނީ ދަށްވެ ބަޖެޓް ދެކޮޅު ޖައްސަން ދަތިވުމުން އެގައުމުތައްވަނީ ރައްކާކޮށްފައިވާ ފަންޑްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން އޭގެ ބޭނުންކުރަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން އެފަންޑްތައް އަޑިއަޅާލާފައިވާ ކަމަށް މާލީ ރިޕޯޓްތައް ބުނެއެވެ.

ތެލުގެ ބަދަލުގައި އެނޫން ސިނާއަތްތައް ތަރައްގީ ކުރުމުގެ އިތުރުން އައިއެމްއެފް ގެ ރިޕޯޓްގައި ވަނީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެއް ތަޢާރަފް ކުރުމަށްވެސް ގަލްފުގެ މުއްސަނދި ގައުމުތަކަށް އިލްތިމާސްކޮށްފައެވެ. މިގޮތުން އިސްރާފުކުރުން ހުއްޓާލައި ދައުލަތުގެ އާންމު ޚަރަދުތައް ކުޑަކުރުމާއި ޕަބްލިކް ވަޒީފާތަކާއި ސަބްސިޑީތައް މަދުކޮށް މުވައްޒަފުންގެ މުސާރަތައް ކުޑަކޮށް ޕްރައިވެޓް ވަޒީފާތައް އުފެއްދުމަށް ހިއްވަރު ދީގެން އެކަމަށް މަސައްކަތް ކުރުމަށް އެރިޕޯޓްގައި އިލްތިމާސްކޮށްފައިވެއެވެ.

ތެލުގެ ބަދަލުގައި ގަލްގުގެ ގައުމުތަކުގައި ވުޖޫދަށް ގެނަސް ތަރައްގީ ކުރެވިދާނެ ސިނާއަތްތަކުގެ ތެރޭގައި ރިނީވެބްލް އެނަޖީގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތާއި ކަނޑުމަހުގެ ސިނާއަތްފަދަ ސިނާއަތްތައް ހިމެނިދާނެކަން އެރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. (ބީބީސީ + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު